ޕްރައިމަރީގައި ވެސް ވަކިކޮޅަކަށް ބުރަވެވަޑައި ނުގަންނަވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެ

މާޗް މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ވަކި ފަރާތަކަށް އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތްޕުޅު ނުކުރައްވާނެ ކަމަށް އެޕާޓީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ޕީޕީއެމަށް ބައެއް ފަރާތްތަކުން ސޮއި ކުރުމަށް އެޕާޓިގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި ނިމިދިޔަ އެޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވެސް ވަކިކޮޅަކަށް ޖެހިވަޑައިގެންފައި ނުވާނެ ކަމަށާއި އެމަނިކުފާނު އަމަލުތައް ބެހެއްޓެވީ ވަކި އުސޫލުތަކެއްގެ މަތީގައި ކަމަށެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަބުދުﷲ ޔާމީނާއި އެޕާޓީގެ ކުރީގެ ނައިބް ރައީސް އުމަރު ނަސީރާއި ދެބޭފުޅުން ޓީމު ހައްދަވައިގެން ވަރަށް ވާދަވެރިކޮށް ކެމްޕޭން ކުރައްވަމުން ގެންދެވި އިރު ވަކި ބޭފުޅަކަށް ތާއިދު އޮތްކަން ހާމަ ކުރެއްވުމަށް އެއްވެސް ބޭފުޅަކާއި ބައްދަލު ކުރައްވާފައި ނުވާނެ ކަމަށާއި އެބޭފުޅުން ބޭއްވި ރެލީތަކުގައި ބައިވެރިވެވަޑައިގެންފައި ވެސް ނުވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި ޕްރައިމަރީގައި ވެސް އެމަނިކުފާނު ހުންނަވާނީ އެގޮތަށް ކަމަށް މައުމޫނު ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އުމަރާއި ޔާމީން އިއުލާނު ކުރައްވާފައިވާ އިރު ވާދަ ނުކުރެއްވުމަށް ނިންމަވާ ރައީސް މައުމޫނު އިއުލާނު ކުރައްވާފައެއް ނުވެއެވެ. ބައެއް ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް އެސުވާލަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
ރައީސް މައުމޫނު ކުރިން ވިދާޅުވެފައިވަނީ ޕްރައިމަރީގައި ވާދަ ކުރައްވާނަމަ އެކަންވާނީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ