މައުމޫން ދައުވަތު ދެއްވީ ހުރިހާ ބޭފުޅުންނަށް، ވަކި ބޭފުޅަކަށް ނޫން: ޔާމީން

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރަފުގައި އެޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ރާންބާ ރެސްޓޯރެންޓުގައި ދެއްވި ފަރިއްކޮޅަކީ ވަކި ބަޔަކަށް ދައުވަތު ދެއްވައިގެން ބޭއްވި ފަރިއްކޮޅެއް ނޫންކަމަށާއި އެފަރިއްކޮޅަށް ހުރިހާ މެމްބަރުންނަށްވެސް ދައުވަތު އަރުވާފައިވާނެކަމަށް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ މިއަދު މައުމޫން ދެއްވި ފަރިއްކޮޅުގައި ގިނައިން ފެނިގެން ގޮސްފައިވަނީ ޔާމީންއަށް ތާއިދުކުރާ "ޓީމު ޔަގީން" ގެ މެމްބަރުން ކަމުން އެކަން ފާހަގަކުރައްވާ މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ. ފަރިއްކޮޅަށް ފަހު މީޑިއާއަށް މައުލޫމާތުދެމުން ޔާމީން ވިދާޅުވީ ރައީސް މައުމޫން މިގޮތަށް ފަރިއްކޮޅެއް ދެއްވުމުން ޕާޓީގެ އެތެރޭގެ މަސްލަހަތަށް ފުށުއަރާފާނެކަމަށް ނުވަތަ އެއްވެސް ގެއްލުމެއް ވެދާނެ ކަމަކަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި ޓީމް ޔަގީންގެ ބޭފުޅުން އެފަރިއްކޮޅުން ގިނައިން ފެނިފައިވީނަމަވެސް އެހެން ބޭފުޅުންވެސް އެފަރިއްކޮޅުން ފެންނަކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
އަދި ޓީމުތަކަކަށް ބެހިގެން މަސައްކަތްތައް ހިނގަނީ މަދު ގޮޑި ތަކަކަށް ގިނަ ބަޔަކު ކުރިމަތި ލާފައިވުމުން ކަމަށާއި އެހެންވުމުން ބައިއެޅުންތަކެއް އެޅޭނެ ކަމަށާއި އެކަމަކު އެއީ ޕާޓީގެ އެތެރޭގެ ސިޔާސަތައް އަސަރެއް ފޯރާނެ ކަމެއް ނޫންކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"ދެން ހަގީގަތުގައި މީގައި މައްސަލައަކަށް ވެގެން މިއުޅެނީ ވަރަށް މަދު ގޮޑި ކޮޅަކަށް ވަރަށް ގިނަ މެމްބަރުން ކުރިމަތިލައްވައިގެން ކެންޑިޑޭޓުން ކުރިމަތިލައްވައިގެން ތިބީމަ. އެހެންނުވާނަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް މިގޮތަކަށް ޓީމުގެ މަސައްކަތްތަކެއް ނުހިނގީސް އިނގޭތޯ. އެކަހަލަ އެއްވެސް މަސައްކަތްތަކެއް ނުހިނގީސް. އެހެންވީމަ، އެހެންނަމަވެސް އަށް ގޮޑިއަށް މިސާލަކަށް 38 ބޭފުޅުން ކުރިމަތި ލެއްވީމަ ހަމަ ބައިއެޅުންތަކެއް އެޅޭނެ. އެއީ ކަންނޭގެ މީގައި މިއުޅޭ ކަމަކީ. އެކަމަކު މިއަކުންނެއް ޕާޓީގެ އިންޓާނަލް ޕޮލިޓިކްސްއަކަށް އިރާދަކުރެއްވިއްޔާ އެއްވެސް ކަހަލަ ނުރަނގަޅު އަސަރެއް ނުފޯރާނެ." ފަރިއްކޮޅަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިހާބުގެ ފަހުންވެސް އެޕާޓީ ފެނިގެންދާނީ އެއްބައިވަންތަ ވަރުގަދަ ޕާޓީއެއްގެ ގޮތުގައިކަމަށާއި 2008 އިން ފެށިގެން ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރުވެސް އެންމެ ވަރުގަދައަށް އިސްނަގައިގެން މަސައްކަތްކޮށްފައިވަނީ ޕީޕީއެމްގެ މިހާރުމިތިބަ މެމްބަރުންކަމަށާއި އިންތިހާބު ނިމިގެންދާއިރު ހިތްހަަނުޖެހޭ ކަންތައްތަކެއް ހުއްޓަސް ް ޕާޓީއަކަށް އެއާއި ގުޅިގެން އަސަރުތަކެއް ކުރާނެ ކަމަކަށް ގަބޫލުނުކުރައްވާކަމަށްވެސް ޔާމީން ވިދާޅުިވިއެވެ. އަދި އިންތިހާބު ނިމިގެންދާއިރު ހިތްނުތަނަވަސްކަމެއް އުޅޭނެކަމަށާއި އެކަންތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަމަޖެހިގެން ދާނެ ކަމަށާއި އާންމު މެމްބަރުންނާއި ހަމައަށް އޭގެ އަސަރު ފޯރާނެ ގޮތެއް ނުވާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ