އަޅުގަނޑު ތައާރަފުކުރި ޑިމޮކްރެޓިކް ނިޒާމު ކުރިއަށް ދާނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވައިގެން: މައުމޫން

ރާއްޖެ އަށް ތައާރަފުކުރެއްވި ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކަމާ އެކު ކުރިއަށް ދާނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިގެން ކަމަށް ކުރީގެ ރައީސް މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީގެ ޒައީމްކަމުން ރައީސް މައުމޫން އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދު ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ ހަތަރު ވަނަ އަހަރީ ޖަލްސާގައި ގޮވާލައްވާފައިވާތީ، އެކަމާ ގުޅޭ ގޮތުން ސަންއެފްއެމަށް ރޭ ދަންވަރު ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ރައީސް ނަޝީދުގެ މަގުބޫލުކަން ރައްޔިތުންގެ ކުރިމަތީގައި ދުވަހުން ދުވަހަށް ދަށަށް ދާ ކަމަށް ވަނީ ނަމަ އެންމެ ރަނގަޅުވާނީ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި ދުރަށް ވަޑައިގަތުން ކަމަށެވެ.
"އަޅުގަނޑު މި ތައާރަފުކުރި ޑިމޮކްރެޓިކް ނިޒާމު ހަރުދަނާ ގޮތެއްގައި ކުރިއަށް ދާނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވައިގެންނޭ. އޭނާ އަށް މާ ރަނގަޅުވާނެއޭ އޭނާ އަށް ކަންތައް ނުކުރެވޭ ކަމަށް ވަންޏާ އަދި އޭނާގެ މަގުބޫލުކަން ރައްޔިތުންގެ ކުރިމަތީގައި އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް ދާ ކަމަށްވަންޏާ، ބޮޑެތި މައްސަލަތައް ދިމާވެ ހައްލުނުކުރެވޭ ކަމަށްވަންޏާ އޭނާ އަށް އެންމެ ރަނގަޅު ގޮތަކަށްވާނީ މަގާމުން އިސްތިއުފާ ދެއްވާފައި ދުރަށް ވަޑައިގަތުން. ރައީސް ނަޝީދު އިސްތިއުފާ ދެއްވާށޭ. އިސްތިއުފާ ދެއްވައިފިއްޔާ ވަރަށް ރަނގަޅަށް ކަންތައްތައް ހަމަޖެހިގެންދާނެ އޭ،" މިސްރުގައި ހުންނަވައިގެން ފޯނުން ދެއްވި އިންޓަވިއުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރައީސް ނަޝީދުގެ މަގުބޫލުކަން ރައްޔިތުންގެ ކުރިމަތީގައި ކުޑަވަމުން ދިއުމުގައި ވަރަށް ގިނަ ސަބަބުތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންފައި އެއިން އެއްވެސް ވައުދެއް ރައީސް ނަޝީދަށް ނުފުއްދެވުމާއި ރާއްޖޭގެ ސިޔާސީ މަސްރަހު ދުވަހުން ދުވަހަށް ބަނަވަމުން ދިއުމާއި ރައްޔިތުން އެދޭ ގޮތާ ހިލާފަށް ކަންތައްކުރައްވަމުން ގެންދަވާކަން ރައީސް މައުމޫން ފާހަގަކުރެއްވި އެވެ.
"ކިތަންމެ ބަޔަކު އަޅުގަނޑާ ބައްދަލުކޮށްފައި އެބަ ބުނޭ ތިމަންނަމެން ވަރަށް ދެރަވެއްޖައީމޭ ބަދަލަކަށް ވޯޓު ދެވިގެން. މިއީ ތިމަންނަމެންނަށް ބަޔަކު އެ ގޮތަށް ނަސޭހަތް ދިނީމަ އެ ގޮތަށް ކަންތައް ކުރެވުނީއޭ. މިހާރު އެނގިއްޖެއޭ ތިމަންނަމެން މި ހޮވި ސަރުކާރަކީ ރައްޔިތުންނަށް ކަންތައް ކޮށްދެއްވޭނެ ސަރުކާރެއް ނޫންކަން. މިތިބީ ވަރަށް ބޮޑު ހިތާމައެއްގަ އޭ، މާޔޫސް ކަމެއްގަ އޭ. އެހެންވީމަ ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ބޭނުމެއް ނުވޭ މި ސަރުކާރު އޮންނާކަށެއް. މި ސަރުކާރުން ކަންތައް ކުރައްވާ ގޮތާ މެދު ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޑީއާރުޕީގެ ޒައީމްކަމުގެ މަގާމުން އިސްތިއުފާ ދެއްވަން އެމަނިފާނު "ނެތިން" ކަމަށާއި ޒައީމް ކަމުގެ މަގާމުގައި ހުންނަވަން ޑީއާރުޕީގެ މެމްބަރުން ބޭނުންނަމަ ޕާޓީގެ ކޮންގްރެސް އިން އެކަން ނިންމަންވީ ކަމަށެވެ.
"ޕާޓީގެ މެމްބަރުން ނިންމަވާ ކޮންމެ ގޮތަކީ އަޅުގަނޑު ފުރިހަމައަށް އިހުތިރާމްކުރާ، އަޅުގަނޑު ގަބޫލުކުރާނެ ގޮތެކޭ. އެހެން ބޭފުޅަކު، އަދި ރައީސް ކަމަށް ވިޔަސް ވަޒީރަކު ކަމަށް ވިޔަސް ނުވަތަ އެހެން ޕާޓީއެއްގެ އެހެން މަގާމެއްގައި ހުންނެވި ބޭފުޅަކު ކަމަށް ވިޔަސް އެ ބޭފުޅަކަށް ޑީއާރުޕީގެ ކަންތައްތައް ގެންދާނެ ގޮތެއް ވިދާޅެއް ނުވެވޭނެ. އެ ހައްގެއް ނުވެސް އޮންނާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޑީއާރުޕީގެ ޒައީމް ކަމުން އެ މަނިކުފާނު އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދު ގޮވާލެއްވުމުން އެނގިގެންދަނީ އެ ޕާޓީގެ ޒައީމް ކަމުގައި ރައީސް މައުމޫން ހުންނެވުމުން ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަންތައްތައް ކުރަން ފަސޭހަ ނުވާކަން ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރެސީ ތައާރަފުކޮށްދެއްވީ އެ މަނިކުފާނު ކަމަށާއި އަދި ރައީސް ނަޝީދަށް މިއަދު ވެރިކަމުގައި ހުންނެވުނީ މިދިޔަ ރިޔާސީ އިންތިހާބުގައި ކަންތައްތައް ކުރިއަށް ގެންދެވި ރީތި ގޮތުން ކަމަށެވެ.
"އަނެއްކާ އަޅުގަނޑު މަސައްކަތްކުރީ ހުރިހާ ޕާޓީތައް ހަމަހަމަ ގޮތުގައި ހުރިހާ ޕާޓީތަކަށް ފުރުސަތު ލިބޭ ގޮތެއްގައި ރާއްޖޭގެ ސިޔާސީ މާހައުލު ބައްޓަން ކުރަން،" ރައީސް މައުމޫން ވިދާޅުވި އެވެ. "ނަޝީދު އެގޮތަކަށް ބޭނުންފުޅެއް ނުވޭ. ނަޝީދު ބޭނުންފުޅުވަނީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް ހަމައެކަނި ސިޔާސީ ޕާޓީއެއް ކަމަށް ހައްދަވަން. އޭނައަށް ދަތިފުޅުވަނީ އަޅުގަނޑު ޑީއާރުޕީގެ ޒައީމް ކަމުގައި ހުރީމަ އޭނަ ބޭނުންފުޅުވާހާ ގޮތަކަށް ކަންތައްތައް ގެންދަވަން. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އޭނަ އެ ވިދާޅުވާ ވާހަކަތަކަކީ އޭނައަށް ވިދާޅުވެވޭނެ ވާހަކަތަކެއް ނޫނޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މިހާރު ސަރުކާރު ހިންގާ އެމްޑީޕީ ރަސްމީގޮތުން އުފެދުނުތާ ހަތަރު އަހަރު ފުރުން ފާހަގަކުރުމަށްޓަކައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސް މައުމޫނާއި އެ މަނިކުފާނުގެ ކުރީގެ މިނިސްޓަރުންނަށް ރާއްޖޭގައި ހެޔޮވެރިކަމަކަށް މަގުފަހުވާ ފަދަ ފުރިހަމަ ސިޔާސީ ޕާޓީއެއް ހިންގިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީއަށްޓަކައި ރައީސް މައުމޫނު ކަމެއް ކޮށްދެއްވާ ނަމަ އެ މަނިކުފާނު އެދިވަޑައިގަންނަވާ ހަމައެކަނި ކަމަކީ ރައީސް މައުމޫނު ޑީއާރްޕީ ދޫކޮށްލެވުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޑީއާރުޕީއަށް އެ މަނިކުފާނުގެ ޕާޓީ، އެމްޑީޕީއާ ފައިހަމަނުކުރެވި އޮންނަން ޖެހިފައި ވަނީ އެ ޕާޓީ ބިނާވެފައި ނެތުމާއި ކަންކަން އެ ޕާޓީން ނިންމަމުން ގެންދާ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ