ހިޔާލު ތަފާތުވި ޑީއާރްޕީގެ މުޒާހަރާ މާދަމާ ރެ އަށް ފަސްކޮށްފި

މިރޭ މާލޭގައި ބާއްވަނީ ޑީއާރުޕީގެ ރަސްމީ މުޒާހަރާއެއްކަން ނުވަތަ ނޫންކަމާ މެދު ހިޔާލު ތަފާތުވެފައި ވަނިކޮށް، ވިއްސާރަވުމާ ގުޅިގެން މާދަމާ ރެ އަށް އެ މުޒާހަރާ ފަސްކޮށްފި އެވެ.
މާލޭގެ ބައެއް ބިންތައް ސަރުކާރުން ވިއްކަމުންދާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް މި ރޭ ބޭއްވުމަށް އިންތިޒާމުކުރި މި މުޒާހަރާ ރޭވުމުގައި އިސްވެ ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ދާދި ދެންމެ އަކު ވިދާޅުވީ މުޒާހަރާ މާދަމާ ރެ އަށް ފަސްކުރީ މޫސުން ތަން ނުދިނުމުން ކަމަށެވެ.
"މާދަމާ ރޭ މޫސުމް ތަން ދޭ ނަމަ ހަމަ އާޓިފިޝަލް ބީޗް ސަރަހައްދުގައި މި މުޒާހަރާ އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
އުމަރު ނަސީރާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އިސްވެ ތިއްބަވައިގެން އިންތިޒާމްކުރާ މި މުޒާހަރާއާ މެދު ސުވާލުތަކެއް އުފެދެން ފެށީ އެ ޕާޓީގެ ސެކްރެޓޭރިއޭޓުން އެއީ ރަސްމީ އިވެންޓެއް ނޫން ކަމަށް ބުނެ ބަޔާންތައް ނެރެން ފެށުމާ ގުޅިގެންނެވެ.
ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒް ރޭ އިރާކޮޅު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ "މާދަމާ ރޭ ]މިރޭ[ ޑީއާރުޕީގެ ނަމުގައި ބާއްވަން އުޅޭ އެއްވުމަކީ ޑީއާރުޕީގެ ލީޑަޝިޕުން ހުއްދަ ދީފަވާ ބައްދަލުވުމެއް ނޫން ކަމުގައިވާތީ މި ވާހަކަ ދެންނެވީމެވެ،" މީޑިއާތަކަށް ސެކްރެޓަރީ ޖެނެރަލް ފޮނުއްވި އެސްއެމްއެސްއެއްގައިވެ އެވެ.
އަދި ޑީއާރުޕީން އިތުރަށް ބުނާ ގޮތުގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި މުޒާހަރާއެއް ބޭއްވުމަށް ޕާޓީގެ ކައުންސިލުން ފާސްކޮށްފައިނުވާ ކަމަށެވެ.
ޕާޓީގެ ސެކްރެޓޭރިއޭޓްގެ މި ބަޔާނާ ގުޅިގެން މުޒާހަރާ އިންތިޒާމްކުރުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ އުމަރު ނަސީރު މިއަދު ވިދާޅުވީ އެންމެ މުޒާހަރާއެއް ފިޔަވައި އެހެން ހުރިހާ މުޒާހަރާތައް ޑީއާރުޕީން ބާއްވާފައިވަނީ ކައުންސިލުން ފާސްކޮށްގެން ނޫން ކަމަށްވާއިރު މި ފަހަރު އެ ވާހަކަ ޕާޓީން ދައްކަމުންދާތީ ސުވާލު އުފެދޭ ކަމަށެވެ.
"ރަށްރަށުގައި ވެސް ހަމަ ޑީއާރުޕީގެ ނަމުގައި އެއްވުންތަކާއި މުޒާހަރާތައް ބާއްވާ. އެ ހަރަކާތްތަކެއް ކައުންސިލުން ފާހެއް ނުކުރޭ. އެހެން އެތައް ހަރަކާތެއް ވެސް ބާއްވާ،" އުމަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ބާއްވަނީ ޑީއާރުޕީގެ ހަމަ ރަސްމީ މުޒާހަރާއެއް. ޑީއާރުޕީގެ ދެ ޑެޕިއުޓީ ލީޑަރުންނަށް އެހެން ނަމެއްގައި ކަމެއް ނުބޭއްވޭނެ ނޫންތޯ؟ ޑީއާރުޕީގެ ނަމުގައި އަޅުގަނޑުމެން މި މުޒާހަރާ ކުރިއަށް ގެންދާނީ. މި މުޒާހަރާގައި ޕާޓީގެ ބައެއް އިސް ބޭފުޅުންނާއި ޕާލިމެންޓްރީ ގުރޫޕުގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ."
އޭނާ ވިދާޅުވީ ޑީއާރުޕީގެ ކައުންސިލުން ފާސްކޮށްގެން މިހާތަނަށް ބޭއްވި ހަމައެކަނި މުޒާހަރާ އަކީ ކަރަންޓުގެ އަގު ސަރުކާރުން ބޮޑުކުރަމުން ދިއުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ބޮޑު މުޒާހަރާކަމަށެވެ.
"މިހާތަނަށް މުޒާހަރާއަކާ ގުޅޭ ގޮތުން ޕާޓީގެ ކައުންސިލުގައި މަޝްވަރާކުރެވުނީ ދެ ފަހަރަކު. އެއް ފަހަރު މުޒާހަރާ ބޭއްވުމާ ގުޅޭ ގޮތުން. އަނެއް ފަހަރު އެއީ ބާއްވަން އުޅުނު މުޒާހަރާއެއް ކެންސަލްކުރުމާ ގުޅޭ ގޮތުން،" އުމަރު ނަސީރު ވިދާޅުވި އެވެ. "ޑީއާރުޕީގެ އަޑު މިހާރު މި ވަނީ ކެނޑިފައި. އެ އަޑު އެބަ ޖެހޭ ގަދަކުރަން."
ޕާޓީގެ ޑެޕިއުޓީ ލީޑަރުން އިސްވެ މުޒާހަރާ ބާއްވަނީ "ގަންނާނެބާ ސަރުކާރު" މި ނަމުގަ އެވެ.
ޕާޓީގެ އިސް ދެ ލީޑަރަކު މުޒާހަރާ ބާއްވަން އުޅޭއިރު ހަމަ އެ ދެ ލީޑަރުން ވަނީ ސަރުކާރާއެކު ކުރަމުންދާ މަޝްވަރާތައް ހުއްޓާލުން ލާޒިމްކުރާ ގަރާރެއް ވެސް ކައުންސިލަށް ހުށަހެޅުއްވުމަށް ޕާޓީއަށް ފޮނުވައިފަ އެވެ. އެ ގަރާރު ފާސްކުރަން އެ ބޭފުޅުން ބޭނުންވަނީ ރައީސް މުހައްމަދު ނަޝީދު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރައްވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ