ގިނަ ދުވަސްތަކަކަށް ފަހު ށ. ފޯކައިދޫ އިންޖީނުގެ އަޕަ ނޯތު ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް އެރަށުގެ ކައުންސިލުން ނިންމައިފި އެވެ.
ޑީއާރުޕީގެ މެޖޯރިޓީ އޮންނަ ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ އިންޖީނުގެ ޔުޓީލިޓީސް ކުންފުންޏާ ހަވާލުކުރަން ކައުންސިލުން ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ފަސް މެމްބަރުންގެ ތެރެއިން ތިން މެމްބަރުންގެ ތާއީދުން ކަމަށެވެ.
"ދެން އަޅުގަނޑުމެން އެތަނުގެ އިންވެންޓްރީއެއް ނަގާފައި ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރާނީ. މިއަހަރު ނިމުމުގެ ކުރިން އިންޖީނުގެ ޔުޓީލިޓީސް ކުންފުންޏާ ހަވާލުކުުރެވޭނެ،" ރާޝިދު ވިދާޅުވި އެވެ.
ފޯކައިދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް ރަށުގެ ރައްޔިތުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު 17 ގައި އެ ރަށުގައި ނެގި ވޯޓުންނެވެ. އާބާދީގައި 1،500 ހިމެނޭ ފޯކައިދޫގައި ނެގި އެ ވޯޓުގައި ބައިވެރިވި 238 މީހުންގެ ތެރެއިން 227 މީހަކު އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރަން ތާއިދުކުރި އެވެ. ނަމަވެސް އިންޖީނުގެ ހަވާލުކުރުން ލަސްވަމުން ދިއުމުން، އެރަށުގެ ބަޔަކު ކައުންސިލް އިދާރާ 24 ގަޑިއިރަށް ހިސޯރުކުރުމުގެ އިތުރުން އެ މައްސަލަ އެ ރަށުގެ ކޯޓަށް ހުށަހަޅި އެވެ.
ފޯކައިދޫ މެޖިސްޓްރޭޓްކޯޓުން ނިންމީ، ރަށުގެ ނަމުގައި ކަންކަން ނިންމުމުގެ ބާރު އޮންނަނީ ކައުންސިލަށް ކަމަށް ވުމާއެކު، އިންޖީނުގެ ޔުޓިލިޓީސްއާ ހަވާލުކުރަން ކޯޓުން ނުނިންމޭނެ ކަމަށެވެ.
އެންމެ ފަހުން ފޯކައިދޫ އިންޖީނުގެ ޔުޓީލިޓީ ކުންފުންޏާ ހަވާލުކުރަން ކައުންސިލުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ