ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައިގެ ޝަރީއަތް މިއަދު ބާއްވަން ހަމަޖެހިފައި އޮތް ނަމަވެސް ޝަރީއަތް ކެންސަލްކޮށްފި އެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ޕީއޭގެ ނާއިބު ރައީސް އަދި ކިނބިދޫ ދާއިރާގެ މެމްބަރު މޫސާ ޒަމީރު ހުށަހެޅުއްވި މައްސަލައިގައި އެ ދެ ބޭފުޅުންގެ ފަރާތުން ވަކާލާތު ކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރެވެ. ގައުމީ ޕާޓީގެ ފަރާތުން ހުށަހެޅުއްވި މައްސަލައިގައި ވަކާލާތު ކުރައްވަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދެވެ.
އެ މައްސަލައިގެ އަޑުއެހުން ހެނދުނު 30: 10 ގައި ބާއްވަން ހަމަޖެއްސުމަށްފަހު އެ ދެ މައްސަލަ ކެންސަލްކުރިކަން އެންގީ ޝަރީއަތް އަޑުއަހަން ޝަރީއަތުގެ ހޯލަށް މީހުން ވެސް ވެއްދި ފަހުންނެވެ. އަދި ޝަރީއަތް ކެންސަލްކުރިކަން އިއުލާންކުރީ ޝަރީއަތް ފެށެން 10 ވަރަކަށް މިނިޓަށްވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ބުނީ އެ ދެ މައްސަލައަކީ އެ ކޯޓުގެ ހަތް ފަނޑިޔާރުން ތިއްބަވައިގެން ޝަރީއަތްކުރުމަށް ހަމަޖައްސާފައިވާ ދެ މައްސަލަ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ތުއްޕުޅު ބޭފުޅަކު ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާތީ ގުޅިގެން އެ ފަނޑިޔާރު ބޭސްފަރުވާ އަށް ވަޑައިގެން ހުންނެވުމާ ގުޅިގެން، އެ ދެ މައްސަލައިގެ އަޑު އެހުން ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ކޯޓުން ބުނީ އެ ދެ މައްސަލައިގެ އަޑުއެހުން ބާއްވާނެ ތާރީހެއް އަވަސް ފުރުސަތެއްގައި އިއުލާންކުރާނެ ކަމަށެވެ. އެހެން ނަމަވެސް ގާނޫނުގައި ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑިސެމްބަރު 1 ގެ ކުރިން ރިސެސް ނެންގެވުމުގެ ކުރިން ބޮޑެތި ގިނަ މައްސަލަތަކެއް ނިމޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ބުނެފަ އެވެ.
ރުހުން ނެތް ހަތް ވަޒީރަކު މަގާމުގައި ދެމިތިބޭނެ ކަމަށް ސަރުކާރުން ބުނެފައިވާތީ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ މެދު ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފަ އެވެ.
ފަނޑިޔާރަކު ރަށުގައި ނޫޅުއްވާތީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ސުޕްރީމް ކޯޓުން ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ