އުމަރު ޑީއާރުޕީން ވަކިކުރަން ނިންމި ނިންމުން ގަބޫލު ނުކުރުމަށް ޕާޓީގެ މެމްބަރުންނަށް މައުމޫން ގޮވާލައްވައިފި

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކި ކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުމަކީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށާއި އެހެންވެ އެ ނިންމުން ޕާޓީގެ އެއްވެސް މެމްބަރަކު ގަބޫލު ނުކުރުމަށް ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ.
މެލޭޝިޔާގައި ހުންނަވައިގެން މައުމޫން މިރޭ އިރާކޮޅު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ އުމަރު ޑީއާރުޕީން ވަކި ކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށްވާތީ، އެއީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ބާތިލު ނިންމުމެއް ކަމަށެވެ.
"އެހެންކަމުން އަލްފާޟިލް އުމަރު ނަސީރު އަދިވެސް އެ ހުންނެވީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގަ އެވެ،" މި އަހަރުގެ ޖެނުއަރީ މަހު ޑީއާރުޕީއާ ގުޅިވަޑައިގެންނެވި އުމަރަށް ތާއީދު ކުރައްވައި މައުމޫން ވިދާޅުވެފައިވެ އެވެ.
މައުމޫން އަދި ވިދާޅުވީ ޑީއާރުޕީގެ އަސާސީ ގަވާއިދުގެ 84 ވަނަ މާއްދާގައިވާ ގޮތުން ޕާޓީގެ ޑެޕިއުޓީ ލީޑަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން ކަމަށް ބެލެވޭނީ، އިތުބާރު ނެތް ކަމުގެ ގަރާރެއް ޕާޓީގެ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރުމުން ކަމަށެވެ. އަދި އެ މަނިކުފާނު ވިދާޅުވީ އެ މާއްދާގައި އެހާ ސަރީހަކޮށް ބަޔާންކޮށްފައި ވަނިކޮށް އެއަށް އަމަލުނުކޮށް، މެމްބަރުންނާމެދު ސުލޫކީ ފިޔަވަޅު އެޅުމާ ބެހޭ ގޮތުން އަސާސީ ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ޑެޕިއުޓީ ލީޑަރަކާ ބެހޭ ގޮތުން އަމަލުކުރި ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެހެންކަމުން ޑެޕިއުޓީ ލީޑަރު އަލްފާޟިލް އުމަރު ނަސީރު ވަކިކުރުމަށް މެމްބަރުންގެ ސުލޫކީ ކަންކަން ބަލަހައްޓާ ކޮމެޓީން އިއްޔެ ނިންމި ގަވާއިދާ ހިލާފު ނިންމުން ޑީއާރުޕީގެ ޒައީމުގެ ހައިސިއްޔަތުން އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އަދި ޑީއާރުޕީގެ އެއްވެސް މެމްބަރަކު އެ ކޮމެޓީގެ މި ދެންނެވި ގަވާއިދާ ހިލާފު ނިންމުން ގަބޫލު ނުކުރެއްވުމަށް، ޑީއާރުޕީގެ ޒައީމުގެ ހައިސިއްޔަތުން އަޅުގަނޑު ގޮވާލަމެވެ،" މައުމޫން ވިދާޅުވެފައިވެ އެވެ. "ހަމައެއާއެކު ޑީއާރުޕީގެ ލީޑަޝިޕުންނާއި ކައުންސިލުންނާއި ހުރިހާ މުއައްސަސާތަކުންނާއި ޑީއާރުޕީގެ ލޮބުވެތި ހުރިހާ މެމްބަރުން ޕާޓީގެ އަސާސީ ގަވާއިދަށާއި ދިމިގްރާތީ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ."
މައުމޫން މިރޭ ނޫސްބަޔާނެއް ނެރުއްވިއިރު އުމަރު ޑީއާރުޕީން ވަކިކުރުމަށް އިއްޔެ މެންދުރު ފަހު ނިންމިތާ ދެ ގަޑިއެއްހާއިރު ތެރޭގައި ވެސް އެ މަނިކުފާނު ވަނީ ދަރިކަނބަލުން ޔުމްނާ މައުމޫން މެދުވެރި ކުރައްވައި މީޑިއާ ސްޓޭޓްމަންޓެއް ނެރުއްވައިފަ އެވެ. އެ ފަހަރު ވެސް މައުމޫން ވިދާޅުވެފައި ވަނީ އުމަރު ޕާޓީން ވަކިކުރުމަށް ނިންމި ނިންމުން ގަބޫލު ނުކުރައްވާ ކަމަށެވެ.
އުމަރު ޑީއާރުޕީން ވަކިކުރުމަށް ނިންމުމުން މައުމޫން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އަޑު އުފުއްލެވި ނަމަވެސް ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިހާތަނަށް އެކަމާ ބެހޭ ގޮތުން މީޑިއާގައި އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި ކޮމެންޓެއް ހޯދުމަށް މިރޭ ހަވީރުން ގުޅިއިރު ތަސްމީން ފޯނެއް ނުނަންގަވަ އެވެ.
އުމަރު ޑީއާރުޕީން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އޭނާއަށް ތާއިދުކުރާ މީހުން މިއަދު ވަނީ ލޮރީބުރެއް މާލޭގައި ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ