ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓާއި ރުހުން ދިނުމުގެ ވޯޓު ތަފާތު: މެމްބަރު ނަޝީދު

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ އުސޫލުތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމުގައި އަމަލުކުރާ ގޮތް ތަފާތު ކަމަށާއި އެއީ މުޅިން ތަފާތު ދެ ކަމެއް ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަދި ކުރީގެ ލީގަލް ރީފޯމް މިނިސްޓަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު ކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް އެ ބޭފުޅުންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތް ކަމަށް ސަރުކާރުން ދައްކާ ވާހަކަ އަށް ރައްދު ދެއްވައި ނަޝީދުގެ އަމިއްލަ ބްލޮގްގައި ވިދާޅުވެފައި ވަނީ ވަޒީރަކަށް މަޖިލީހުގެ ރުހުން އޮތްތޯ ބަލަނީ، އެ ބޭފުޅަކު މަގާމަށް އައްޔަންކުރާ މަރުހަލާގައި ކަމަށެވެ. އަދި މަޖިލީހުގައި އެ މަރުހަލާގައި ވޯޓު ނަގަނީ އެ ވަޒީރަކަށް ރުހުން އޮތްތޯ ބެލުމަށް ކަމަށާއި އެކަމަށްޓަކައި މަޖިލީހުގައި ނަގާ ވޯޓުގައި މަޖިލީހުގެ އަޣުލަބިއްޔަތު ވޯޓު ހަމަވާން ނުޖެހޭ ކަމަށެވެ.
"އެއީ ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ވޯޓުގެ އަޣުލަބިއްޔަތު ހަމަވާންޖެހޭ ވޯޓެކެވެ. އެ ވޯޓުން ރުހުން އޮތް ކަމަށް ކަނޑަނޭޅިއްޖެ ނަމަ އެ ވަޒީރަކު އައްޔަން ކުރިކުރުން ނިމުމަކަށް އަންނާނެ އެވެ. އައްޔަން ކުރުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެވެ،" ނަޝީދު ވިދާޅުވި އެވެ. "އިތުބާރު ނެތް ކަމަށް ވޯޓު ނަގަނީ، ފުރިހަމަ ގޮތުގައި މަޖިލީހުގެ ރުހުމާ ވެސް އެކު، އައްޔަން ކުރެވިފައިވާ ވަޒީރަކު މަގާމުން ވަކި ކުރުމަށެވެ. އެ ކަމުގައި ނަގާ ވޯޓުގައި މަޖިލީހުގެ މުޅި އަޣުލަބިއްޔަތާ އެއްވަރަށް 39 ވޯޓު ލިބެންޖެހެ އެވެ. އެ ވޯޓުން އިތުބާރު ނެތް ކަމަށް ކަނޑައަޅައިފިނަމަ އޭނާ މަގާމުން ވަކިވާނެ އެވެ."
އޭނާ އަދި ވިދާޅުވީ ވަޒީރަކު އައްޔަންކުރުމުގައި ފުރިހަމަވާންޖެހޭ ރުކުންތަކެއް ގާނޫނު އަސާސީގައިވާ ކަމަށެވެ. އެއީ ވަޒީރު ކަމަށް ބޭފުޅަކު އައްޔަން ކުރުމާއި އޭނާ ހުވާކުރުމާއި މަގާމާ ހަވާލުވުމުގެ އިތުރުން އޭނާ އަށް މަޖިލީހުގެ ރުހުން ހޯދުމެވެ.
ސަރުކާރުގެ ވިސްނުމާ ހިލާފަށް ނަޝީދު ވިދާޅުވީ އައްޔަން ކުރުމުގެ މަރުހަލާ ފުރިހަމަ ނުވާ ވަޒީރެއްގެ މަގާމު ނިމުމަކަށް އަންނާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ދެމިތިބެދާނެތޯ ނުވަތަ ނޫންތޯ މަޖިލީހަށް ކަނޑައެޅޭ ވަރަށް ވުރެ ބޮޑަށް ދެ ފަރާތުގެ ދެމެދުގައި އޮތް ދުރުމިން މި ވަގުތު މާ ބޮޑު ކަމަށެވެ. އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް ބާތިލުކުރި ފަދައިން ރުހުން ނެތް ވަޒީރުންގެ މައްސަލައިގަ ސުޕްރީމް ކޯޓުން އަމިއްލަ އަށް ގޮތެއް ކަނޑައެޅުން މުހިންމުކަން އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.
"މިކަމުން އެނގެނީ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓަށް ފެނިވަޑައިގަންނަވާ ގާނޫނުތައް އަމިއްލަ އިސްނެންގެވުމުގައި ބާތިލުކުރައްވާ ކުރައްވާ ކަމެވެ،" ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން ބައެއް ގާނޫނުތަކުގެ މާއްދާތައް އުވާލާ އުވާލުމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ. "އެހެން އެކަން އޮތްނަމަ ވަޒީރުން އައްޔަން ކުރުމުގައި ހިމެނޭ ރުކުންތަކާއި އެ ރުކުންތައް ތަރުތީބުވާންޖެހޭ ގޮތާއި އެއިން ރުކުނެއް ފުރިހަމަ ނުވެއްޖެނަމަ ނުކުންނާނެ ނަތީޖާ އަކީ ކޮބައިކަމާ މެދު ގާނޫނު އަސާސީ ބުނާ އެއްޗެއް އޭގެ ހަގީގީ މަހައްލުގައި، ސުޕްރީމް ކޯޓުގެ އަމިއްލަ އިސް ނެންގެވުމުގައި ބަޔާންކޮށްދެއްވައި ގޮތެއް ކަނޑައަޅުއްވައި ދެއްވުމަކީ މާ އައުލާކަން ބޮޑު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ."
ރުހުން ނުދޭ ވަޒީރުންނަށް މަގާމުގައި ދެމިނުތިބެވޭނެކަން ކަނޑައަޅައި ދިނުމަށް ބުދަ ދުވަހު ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ