ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު އަހުމަދު އައްބާސް މިނިވަންވެއްޖެ

އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހަ މަސް ދުވަހަށް ޖަލަށްލެއްވި މަޝްހޫރު ކުރެހުންތެރިޔާ އަދި ކާޓޫނިސްޓް، ގ. ބެމްބޫ އަހުމަދު އައްބާސް ހުކުމުގެ މުއްދަތު ހަމަވުމުން އޭނާ މިނިވަންވެއްޖެ އެވެ.
އެމްޑީޕީގެ ހަރަކާތްތެރި މެންބަރު، އައްބާސްގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް ކަމަށްވާ މޭ 3 ގަ އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރެއްވުމަށް ފަހު މިނިވަންވެވަޑައިގެން އައްބާސް މިއަދު ވިދާޅުވީ ސަރުކާރުން އޭނާ މިނިވަން ކުރެއްވީ މިދިއަ ބުރާސްފަތި ދުވަހުގެ ހަވީރު ކަމަށާއި ހުކުމުގެ މުއްދަތު މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ މެންދަމަށް ހަމަވެފައިވާ ކަމަށެވެ.
"މުއްދަތު ހަމަވެ އިތުރުވެގެން މިނިވަން ކުރިއަސް އެކަން ކޮށްދެއްވީ އަޅުގަނޑުގެ އަންހެނުން ހޯމް މިނިސްޓްރީގެ އިސް ވެރިންނާ ގުޅައި ވަރަށް މަސައްކަތްތައް ކޮށްގެން،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުން މިނިވަންވުމަށް ފަހު އޭނާ ކުރިން ކުރަމުން އައި ވިޔަފާރި އާއި ކުރެހުމުގެ މަސައްކަތުގެ ތެރެއަށް ދިއުމުގެ ބަދަލުގައި މި ވަގުތު ހުންނެވީ އާއިލާއާ އެކު އަރާމުކުރެއްވުމަށް ކަމަށެވެ.
"ކުރީގެ މަސައްކަތްތަކުގެ ތެރެއަށްދާން އަދި ވަގުތު ބޭނުންވޭ. މި ވަގުތު މި ހޭދަކުރަނީ އާއިލާއާ އެކު. އަދި ގެއިން ބޭރަށް ވެސް ނުދަން،" މަޝްހޫރު ޅެންވެރިޔާ ޑޭޒީމާގޭ އާމިނަތު ފާއިޒާގެ ދަރިކަލުން ވިދާޅުވި އެވެ.
ގާނޫނޫލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ދަށުން އައްބާސްގެ މައްޗަށް ކުރެއްވި ދައުވާއަށް ފަހު އޭނާގެ ޣައިރު ހާޒިރުގައި ހަ މަހަށް ހުކުމްކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އެއީ 2005 އޯގަސްޓް މަހުގެ ދެ ވަނަ ދުވަހު ނުކުތް މިނިވަން ނޫހުގެ އަދަދުގައި އައްބާސް އާ ހަވާލާދީ ލިޔެފައިވާ ވާހަކަތަކަކީ މާރާމާރީ ހިންގުމަށް ހިތްވަރު ދޭ ވާހަކަތަކެއް ކަމަށް ބުނެ އެވެ.
އައްބާސް ވިދާޅުވި ކަމަށް މިނިވަން ނޫހުގެ އެ ނަމްބަރުގައި ލިޔެފައި ވަނީ "ސްޓާސް ފޯސް އިން އަހަރެމެންގެ ގައިގައި ތަޅާ މީހުންނަށް ހަދަންވީ ގޮތަކީ އެ މީހުން ވަކިވަކިން ހޯދައި އެ މީހުންނަށް ވެސް ތެޅީމާވާ ތަދު އިހުސާސްކުރެވޭނެ ގޮތަކަށް އަހަރެމެން އަމަލުކުރަންވީ، އެހެން ނޫނީ އެ މީހުންނެއް މައިތިރިއެއް ނުވާނެ" ކަމަށެވެ.
ހަ މަހުގެ ޖަލު ހުކުމެއް އައްބާސްގެ ޣައިރު ހާޒިރުގައި ކުރެއްވި ސަބަބެއް ކަމަށް ޖީނާއީ ކޯޓުން އޭރު ވިދާޅުވީ ތަކުރާރުކޮށް އެތައް ފަހަރަކު ޗިޓް ފޮނުވައިގެން ވެސް ޗިޓު ރައްދުކުރެވޭ ގޮތް ނުވުމާއި ހައްޔަރުކުރުމުގެ އަމުރު ނެރެގެން ހައްޔަރުކުރެވޭ ގޮތް ނުވުމުގެ އިތުރުން އާންމުކޮށް އިއުލާނުކޮށްގެން ވެސް ކޯޓަށް ހާޒިރު ނުކުރެއްވިގެން ކަމަށެވެ. ނަމަވެސް އައްބާސް އެކަމަށް އިންކާރު ކުރައްވައި އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރައްވައިފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ހައިކޯޓުގައި ހިންގި އެ މައްސަލަ ނިންމަވާފައި ވަނީ ދަށުކޯޓުގެ ހުކުމަށް ތާއީދު ކުރައްވައިފަ އެވެ.
އައްބާސްގެ ހުކުމުގައި ބާކީ 38 ދުވަސް އޮއްވައި އިސްތިއުނާފު މައްސަލަ މި އަހަރުގެ މާޗު 26 ވަނަ ދުވަހު ނިންމަވަމުން ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައިގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެއްވުނު ނުކުތާތައް ދިރާސާކޮށް ބެއްލެވި އިރު ޖިނާއީ ކޯޓުން އައްބާސްގެ ޣައިރު ހާޒިރުގައި ކުރެއްވި ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ފެނިވަޑައެއްނުގެންނެވި ކަމަށެވެ.
އައްބާސްގެ މައްޗަށް ހުކުމް ކުރެއްވި އާޓިކަލްގެ މައްސަލައިގައި ދައުލަތުން ދައުވާކުރެއްވި މިނިވަން ނޫހުގެ އެޑިޓަރު އާމިނަތު ނަޖީބާއި އެ ނޫހުގެ ޑިޕިއުޓީ އެޑިޓަރު އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ މައްސަލަ ވެސް ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހު އަނބުރާ ގެންދަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ