ދެން އޮންނަ ރިޔާސީ އިންތިހާބު ޑީއާރުޕީން ކާމިޔާބުކުރުން ނޫން އިހުތިޔާރެއް ނެތް: މައުމޫން

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ ތިން ވަނަ ގައުމީ ޖަލްސާ މިއަދު ފެށިއިރު އެ ޕާޓީގެ އެންމެ ބޮޑު އަމާޒަކަށްވާން ވާނީ ވީ އެންމެ އަވަހަކަށް ރާއްޖޭގެ ވެރިކަމާ ހަވާލުވުން ކަމަށާއި އެކަމަށްޓަކައި ޕާޓީ ވަރުގަދަކުރަންޖެހޭ ކަމަށް ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ގައުމީ އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުން ޒައީމް މައުމޫން ވިދާޅުވީ ދެން އޮންނަ ރިޔާސީ އިންތިހާބު އެ ޕާޓީން ކާމިޔާބުކުރުން ނޫން އެހެން އިހުތިޔާރެއް ޑީއާރުޕީގެ ކުރިމަތީގައި ނެތް ކަމަށެވެ.
"މި އަމާޒަކީ މާތް ﷲގެ ވާގިފުޅާއި މަދަދާއެކު ޑީއާރުޕީ އަށް ހާސިލުކުރެވިދާނެ އަމާޒެއްކަން ކަށަވަރު. އަޅުގަނޑުމެންގެ މި އަމާޒު ހާސިލުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މި މަތިވެރި ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ޑީއާރުޕީ އެބަ ވަރުގަދަވާންޖެހޭ. މާލެ އާއި އަތޮޅުތަކުގައިވާ ޑީއާރުޕީގެ ގޮފިތަކާއި ވިއުގަތައް އެބަ ވަރުގަދަކުރަންޖެހޭ. ހުރިހާ ދިވެހި ރައްޔިތުން ބާރުވެރިކުރުވޭނެ ގޮތްތަކެއް އެބަ ހޯދަންޖެހޭ. ރައްޔިތުންގެ މަޖިލީހުގައި ޑީއާރުޕީން އަދާކުރާ ދައުރު އިތުރަށް ފުޅާކުރަން އެބަޖެހޭ،" މާދަމާ ރޭގެ ނިޔަލަށް ކުރިއަށް ގެންދާ ޑީއާރުޕީގެ ގައުމީ ޖަލްސާ އިފުތިތާހުކުރެއްވުމުގެ ގޮތުން ދެއްކެވި ވާހަކައިގައި ޒައީމް މައުމޫން ވިދާޅުވި އެވެ.
މި ކޮންގްރެސް އަށް ފަހު ޑީއާރުޕީގެ ޒައީމްކަމާ ދުރަށް ވަޑައިގަންނަވަން ނިންމަވާފައިވާ މައުމޫން އިތުރަށް ވިދާޅުވީ އެ ޕާޓީ ވަރުގަދަކުރުމަށްޓަކައި ޑީއާރުޕީގެ ސިޔާސީ ގިނަ ނިންމުންތަކަކީ ޕާޓީގެ ގިނަ މެމްބަރުންގެ ޝުއޫރުތަކާ ފައި ހަމަވާ ނިންމުންތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި ޑީއާރުޕީއަކީ ވަރަށް ފުޅާ، ތަނަވަސް ބިންގަލެއްގެ މަތީގައި އުފެދިފައިވާ ޕާޓީއަކަށްވާންޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ދިމިގްރާތީ ހަމަތަކުގެ މަތިން ކަންކަމާ މެދު މިނިވަންކަމާއެކު ބަހުސްކުރުމަށް ބިރު ނުގަންނަ ޕާޓީއަކަށް ޑީއާރުޕީ ވާން އެބަޖެހޭ. އެކި ކަންކަމުގައި ތަފާތު ވިސްނުން ގެންގުޅުމަކީ ޑިމޮކްރެޓިކް ވެއްޓެއްގައި ތަބީއީކަމެއް ކަމާއި އެއީ ވަކި ފަރާތަކަށް އަމާޒުކުރެވޭ ކަމެއް ނޫންކަން ގަބޫލުކުރާ ޕާޓީއަކަށް އެބަ ވާންޖެހޭ. ހިޔާލު ތަފާތު ވިޔަސް، ވިސްނުން ތަފާތު ވިޔަސް، އެއްބައިވަންތަކަމާ އެކު ދެމިއޮންނަ ޕާޓީއަކަށް ޑީއާރުޕީ ވާން އެބަޖެހޭ. އަޣުލަބިއްޔަތަށް ތަބާވުމަކީ ޑިމޮކްރެސީގެ ރޫހުކަން ގަބޫލުކުރާ ޕާޓީއަކަށް ޑީއާރުޕީ ވާން އެބަޖެހޭ. އެއް މެމްބަރެއްގެ ފަރާތުން އަނެއް މެމްބަރަކަށް ހިތްވަރާއި ބާރު ލިބޭ ޕާޓީއަކަށް ޑީއާރުޕީ ވާން އެބަޖެހޭ،" ނުވަ ސަތޭކަ އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ ކޮންގްރެސް ފައްޓަވައި ދެއްވަމުން މައުމޫން ވިދާޅުވި އެވެ.
ޑީއާރުޕީގެ ތަސައްވުރާ ބެހޭ ގޮތުން މައުމޫން އިތުރަށް ވިދާޅުވީ އެ ޕާޓީ ވަރުގަދަކުރުމަށްޓަކައި އެ މަނިކުފާނު ހުށަހެޅުއްވި ކަންތައްތައް ހާސިލުކުރެވިއްޖެ ނަމަ އެއީ މުޅި ރާއްޖޭގެ ސިޔާސީ މަސްރަހު ބައްޓަންކުރާ ޕާޓީއަކަށްވާނެ ކަމަށެވެ.
"އޭރަކުން ރިޔާސީ އިންތިހާބެއްގައި ދެ ބުރެއް ބާއްވާކަށެއް ނުޖެހޭނެ. އެންމެ ފުރަތަމަ ބުރުން ވެސް ޑީއާރުޕީ ފުރިހަމަ ކާމިޔާބީއެއް ހޯދާނެ،" މައުމޫން ވިދާޅުވި އެވެ. "އަދި އޭރުން ޑީއާރުޕީ ވެގެންދާނީ ދިވެހި ރައްޔިތުންގެ ވިސްނުމާއި ހިޔާލާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރާ ހަމައެކަނި ޕާޓީ އަށް."
މައުމޫން ވިދާޅުވީ ޑީއާރުޕީގެ ބައެއް މެމްބަރުން އެ ޕާޓީގައި ދެމި ތިބެނީ ޕާޓީގެ ޒައީމަކީ އެ މަނިކުފާނުކަމަށް ވުމުން ކަމަށް ބައެއް ބޭފުޅުން ބުނާ ކަމަށާއި އެ ޕާޓީގެ ޒައާމަތާ ދުރަށް ވަޑައިގަންނަވަން ގަސްދުކުރައްވާ ވާހަކަ މިދިޔަ މަހު އިއުލާންކުރެއްވުމުން ބައެއް މީހުންނަށް ވަރަށް ފުން އަސަރުތަކެއްކުރި ކަމަށް ވެސް އެކި ފަރާތްތަކުން ބުނާ ކަމަށެވެ.
"މި ދެންނެވި ހުރިހާ ބޭފުޅުންނަށް ނުހަނު ލޯތްބާއެކު އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން އިހުލާސްތެރި ޝުކުރެއް ދަންނަވަން. އަޅުގަނޑުގެ އިލްތިމާސަކީ ޑީއާރުޕީގެ ސިޔާސީ ޒައާމަތާ އަޅުގަނޑު ދުރަށްޖެހިލި ނަމަވެސް ތިޔަ ހުރިހާ ލޮބުވެތި މަންދޫބުންނާއި އަދި ޑީއާރުޕީގެ ހުރިހާ ލޮބުވެތި މެމްބަރުން ޑީއާރުޕީގައި ދެމި ތިއްބެވުން. އަދި ޑީއާރުޕީ އިތުރަށް ކުރިއަރުވައި ވަރުގަދަކުރުމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުން މަސައްކަތްކޮށްދެއްވުން. އަޅުގަނޑު ހުންނާނީ ތިޔަ ބޭފުޅުންގެ ހިދުމަތުގައި. ޑީއާރުޕީގެ އާދައިގެ މެމްބަރެއްގެ ގޮތުގައި ހުރުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް މަތިވެރި ޝަރަފަކާއި އުފަލެއް. އެހެން ކަމުން އަޅުގަނޑު އަބަދުވެސް ހުންނާނީ ޑީއާރުޕީން ގޮވާލެއްވި ކޮންމެ ގޮވާލެއްވުމަކަށް އިޖާބަ ދޭ ގޮތުގެ މަތިން. ޑީއާރުޕީން ބޭނުންފުޅުވި ކޮންމެ ހިދުމަތެއްކޮށްދޭ ގޮތުގެ މަތިން. އެހެން ނަމަވެސް އަޅުގަނޑު ހުންނާނީކީ ޕާޓީގެ ސިޔާސީ ޒައީމެއްގެ ގޮތުގައެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
ޑީއާރުޕީ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތަށް ފަހު މިއަދު މެންދުރު ކުރީގައި ވަނީ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އެކި އިސްލާހުތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިއަށް ގެންގޮސްފަ އެވެ. އަދި އަސާސީ ގަވާއިދަށް 61 އިސްލާހު ހުށަހަޅާފައިވާއިރު އެ އިސްލާހުތަކާ މެދު ކައުންސިލުން އަމަލުކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން މެމްބަރަކު ވަނީ ގަރާރެއް ވެސް ހުށަހަޅައިފަ އެވެ. ޕާޓީގެ ކައުންސިލަށް ކުރިމަތިލައްވާފައިވާ މުހައްމަދު ވަހީދު އިބްރާހިމް ހުށަހެޅުއްވި އެ ގަރާރުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނިކޮށް އެހެން އިސްލާހުތަކެއް ކައުންސިލުން ބަލައިގެންފައިވާ ކަމަށް ބުނެ އާއި އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ކައުންސިލަށް ފެންނަ ގޮތް ފާޅުކޮށްފައިވާތީ އެވެ. އަދި އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ މުއްދަތު މި މަހުގެ ފަސް ވަނަ ދުވަހު ހަމަވެފައިވާއިރު އޭގެ ފަހުން ހުށަހަޅާފައިވާ އެއްވެސް އިސްލާހެއް ކޮންގްރެސް އަށް ހުށަހެޅިގެން ނުވާނެ ކަމަށާއި އާންމު މެމްބަރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތަރުތީބުން ކޮންގްރެސް އަށް ހުށަހެޅުމާއި އެ އިސްލާހުތަކަށް ވޯޓަށް އެހުމުގައި އާންމު މެމްބަރުންގެ އިސްލާހުތަކަށް އިސްކަންދިނުމަށް ވެސް ގަރާރުގައި ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން އަސާސީ ގަވާއިދުގެ އިސްލާހުތަކާ މެދު ކައުންސިލަށް ފެންނަ ގޮތް ބަޔާންކޮށްފައިވާތީ އެކަން އިސްލާހުކޮށް އާ ކަރުދާހެއް ހުށަހެޅުމަށް ވެސް ގަރާރުގައިވެ އެވެ.
މި ގަރާރު ހުށަހެޅުމަށް ފަހު އެއަށް ވޯޓަށް އެހުމަށް މެމްބަރަކު އެދުނު ނަމަވެސް ކޮންގްރެސްގެ ރިޔާސަތު ބެލެހެއްޓެވި އަބްދުﷲ ޝާހިދު ފުރަތަމަ ސެޝަން ނިންމަވާލެއްވިއިރު ވަކި އެއްޗެއް ވިދާޅެއްނުވެ އެވެ.
ޑީއާރުޕީގެ ކޮންގްރެސްގައި މިއަދު މެންދުރު ފަހު އޮންނާނީ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވޯޓަށް އެހުމެވެ. އަދި މާދަމާ މައިގަނޑު ގޮތެއްގައި އޮންނާނީ ޕާޓީގެ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމެވެ.
ޑީއާރުޕީގެ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި ގައުމީ އިއްތިހާދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީގެ އިތުރުން ދިވެހި ގައުމީ ޕާޓީގެ އެއް މުއައްސިސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކައުންސިލް މެމްބަރު އިމާދު ސޯލިހު ބައިވެރިވަޑައިގަތެވެ. ނަމަވެސް ޑީއާރުޕީއާ އެކު ކޯލިޝަން ހަދާފައިވާ ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ އެއްވެސް ބޭފުޅަކު ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޑައިގެން ނެތް ކަން ފާހަގަކުރެވެ އެވެ. ޕީއޭގެ އިސް ވެރިއަކު މިއަދު ވިދާޅުވީ ޑީއާރުޕީ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތަށް އެ ޕާޓީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް ވަގުތު ހުރި ގޮތުން ވަޑައިނުގެންނެވުނީ ކަމަށެވެ. އަދި ޔާމީން މާލެ ވަޑައިގެންނެވީ އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި ޑީއާރުޕީގެ ކޮންގްރެސްގެ ދައުވަތު ވެސް ލިބިވަޑައިގެންނެވީ ރޭ ގެ 30: 9 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ