މޫސުން ގޯސްވެ ކަނޑާއި ވައިގެ ދަތުރުތަކަށް ބުރޫއަރައިފި

މިއަދު ހަވީރުން ފެށިގެން މާލެ އާއި ކައިރި ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ވަޔާއި ކަނޑުދަތުރުތަކަށް ބުރޫ އަރައިފި އެވެ.
އެގޮތުން މިއަދު ހަވީރު ކައްދޫން މާލެއަށް ދަތުރުކުރި މޯލްޑިވިއަންގެ، ކިއުޓޫ 301 ފުލައިޓް ވަނީ މޫސުން ގޯސްވެ ހަނިމާދޫ އެއާޕޯޓަށް ޖައްސައިފަ އެވެ. އެ ވަގުތު ހަނިމާދޫން މާލެއަށް ދަތުރުކުރި، ކިއުޓޫ 405 ބޯޓުވެސް ވަނީ މޫސުން ގޯސްވެގެން އަބުރާ ހަނިމާދުއަށް ޖައްސައިފަ އެވެ.
"އަޅުގަނޑުމެން ފުރަތަމަވެސް ބަލާނީ ސޭފްޓީއެއް، އެގޮތުން މާލެ ސަރަހައްދަށް ވަރަށް ވިއްސާރަވެ އަޅުގަނޑުމެންނަށް ބޯޓު ޖެއްސޭނެ ކަމުގެ ޔަގީންކަން ނެތީމައި އެދެ ފްލައިޓްވެސް އަބުރާ އެޖެއްސީ އެ ތަންތަނަށް، އަދިވެސް އިތުރު ފްލައިޓްތައް ކެންސަލްވެދާނެ މޫސުމަށްބަލާފައި، ކިރިޔާވެސް ދަތުރުކުރެވެންޏާ ދަތުރުކުރާނެ،" އައިލެންއޭވިއޭޝަންގެ ހެޑްއޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވި އެވެ. އަދި މާމިގިލިން މާލެއަށް އަންނަން އޮތް ފްލައިމީގެ ދަތުރުވެސް މިހާރުވަނީ ކެންސަލްކޮށްފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ބައެއް އެއާޓެކްސީގެ ދަތުރުތައްވެސް ކެންސަލްކުރަންޖެހުނު ކަމަށް އެ އެއާޓެކްސީ އޮޕަރޭޓްކުރާ ކުންފުނިތަކުން ބުންޏެވެ. ހުޅުމާލޭ ފެރީގެ ހިދުމަތާއި އެކްސްޕްރެސްގެ ހިދުމަތްވެސް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ހިދުމަތް ފޯރުކޮށްދޭ އެމްޓީސީސީން ވަނީ ބުނެފަ އެވެ. ހަމަ އެ ކުންފުނިން އޮޕަރޭޓްކުރާ ވިލިމާލެ ފެރީވެސް މިހާރުވަނީ ކެންސަލްކޮށްފަ އެވެ.
"އެކޮޅަށް ފުރި ފެރީވެސް ނުދުއްވިގެން، އަބުރާ މާލެއަށް އަންނަންޖެހުނީ، އެހެންވެ މިވަގުތައް ފެރީގެ ހިދުމަތް މިވަނީ ކެންސަލްކޮށްފައި. މޫސުން ރަނގަޅުވެ ކިރިޔާވެސް ދުއްވެންޏާ ފަށާނެ،" އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ. މާލެއަށް ބޯވާރެ އާއި ވަޔާއެކު މިހާރުވެސް ވިއްސާރަ ވެހޭއިރު މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ހިނގާ ބިގާވުމާއި އެއްޗިހިދުއްވުމަށްވެސް ވަރަށް ބޮޑަށް ދަތިވެފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުކުރަމުން ދިޔަ ބައެއް ދޯނިތަކަށް ނުދުއްވި އެހީއަށް އެެދިފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެގޮތުން ޅ. އަތޮޅާއި އއ އަތޮޅުގައި ހާލުގައި ޖެހިފައިވާ ބައެއް ދޯނިތަކަށް މިހާރުވެސް އެހީފޯރުވައިދެމުންދާކަމަށް ސިފައިން ބުންޏެވެ.
މިނިވަންދުވަހާއި ގުޅިގެން ގަލޮޅުދަނޑުގައި ބާއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައްވެސް ކެންސަލްކުރިކަން ހޯމް މިނިސްޓްރީން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ