ވަގު ކޭޝް ކާޑުތައް ހެދުމުގައި އިސްކޮށް ހުރި ކަމަށް ބުނާ މީހާ ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކޮށްފި

ވަގު ކޭޝް ކާޑު ހެދުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން އިސްކޮށް ހުރިކަމަށް ބުނާ މއ. ކަނޑޫގޭ އަލީ އަހްމަދު ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހައި ކޯޓުން މިގޮތަށް އަމުރުކުރީ އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުން ކުރި ހުކުމުގައި ވަނީ މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ކޮށްފައިވާ ތަހްގީގަށް ލިބިފައިވާ ހެކިތަކާއި އެ މައްސަލައިގެ ބާވަތަށް ބަލާއިރު އެ މައްސަލައަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި ފުޅާ ދާއިރާއެއްގައި ހިންގިފައިވާ ކުށްތަކެއް ހިމެނޭ މައްސަލައެއް ކަމަށެވެ. އަދި މީގެ އިތުރުން އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހުރިހާ ހެއްކާއި ގަރީނާ މިހާތަނަށް އެއްކުރެވި ތަހުލީލް ކުރެވިފައި ނުވާކަމަށާއި ރާވައިގެން ކުރާ މިފަދަ ބޮޑެތި ކުށްތަކުގައި ބައިވެރިވާ ފަރާތްތަކަކީ އާންމުގޮތެއްގައި ވިއުގައަކުން ގުޅިފައިވާ ބައެއް ކަމަށެވެ.
އެހެން ކަމުން މިފަދަ ކުށެއްގައި އިސްދައުރެއް އަދާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މީހަކު މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުރުމުން މައްސަލައިގައި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެމީހަކަށް ލިބިގެންދާނެ ކަމަށެވެ.
އެހެން ކަމުން 26 ޖެނުއަރީ 2012 ވަނަ ދުވަހުގެ 16: 15 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އަލީ އަހްމަދު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި ބެހެއްޓުމަށް އަމުރުކުރާ ކަމަށް ހައި ކޯޓުގެ އަމުރުގައިވެ އެވެ.
މިއަދު އޮތް ޝަރީއަތުގައި އަލީ އަހްމަދުގެ ވަކީލް ވިދާޅުވީ އަލީ އަހްމަދަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށް ދައުލަތުން ބުނާއިރު އޭނާއަކީ މާރާމާރީގެ މައްސަލައެއް ނުވަތަ މީހުން މެރުމުގެ އެއްވެސް މައްސަލައެއްގެ ރެކޯޑް އޮތް މީހެއް ނޫން ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ނުރައްކާތެރި މީހަކަށް ވަނީ މާރާމާރީއާ މީހުން މެރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުން އެކަނި ނޫން ކަމަށާއި މީސްމީހުންގެ މުދަލަށް ގެއްލުން ދިނުންވެސް ހިމެނޭކަމަށެވެ. އަދި އަލީ އަހްމަދު އެ އަމަލު ހިންގިކަމަށް ބަންދުގެ މުއްދަތު މަޖިލީހުގައި އިއުތިރާފްވެފައިވާ ކަމަށްވެސް ވަކީލާ ވިދާޅުވި އެވެ.
އަލީ އަހްމަދު ދޫކޮށްލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައިސް އެއާޕޯޓްގައި ހުއްޓައެވެ. ފުލުހުން ބުނާ ގޮތުގައި އަލީ އަހްމަދާއި އޭނާގެ ގްރޫޕުން ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި
ރާއްޖޭގައި ހިންގާ ބޭރުގެ ބައެއް ބޭންކްތަކުގެ ބައެއް ކަސްޓަމަރުންގެ
ނަމުގައި ވަގު ކްރެޑިޓް އަދި ޑެބިޓް ކާޑު ހައްދައިގެން އެތައް ލައްކަ
ރުފިޔާއެއް ރާއްޖޭގެ އޭޓީއެމްތަކުން ނެގުމުގެ އިތުރުން އަގުބޮޑު ބައެއް
ސާމާނު ވެސް ގަނެފަ އެވެ. އަދި ރާއްޖޭގެ އޭޓީއެމްތަކުން އެ މީހުން ނެގި
ފައިސާގެ އަދަދު 700،000ރ. އަށް އަރާ ކަމަށް ފުލުހުން ބުނެ އެވެ. އަދި
ރާއްޖޭން ބޭރުގެ ބޭންކުތަކުގެ ކަސްޓަމަރުންގެ ނަމުގައި ވެސް ވަގު ކާޑު
ހައްދާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ