އަބްދުﷲ ގާޒީގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެޅުނު "މަރުތަޅު" ނައްޓާލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައާ ގުޅިގެން ޑީއާރުޕީގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހެޅުއްވި މައްސަލަ ދެ ފަހަރު މަތިން ވެސް ކުރިއަށް ނުގެންދެވި އޮތުމަށް ފަހު، އިދިކޮޅު މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުން މަޝްވަރާކޮށް އެކަމަށް މިއަދު ހައްލެއް ހޯދައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމެކޭ އެއްގޮތަށް މިއަދު ވެސް ފުރަތަމަ އޮތީ ނިޒާމީ މައްސަލަ އާއި ޒުވާބެވެ. ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ މެމްބަރުން ހުރަސް އެޅުއްވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުން އިއްޔެ ހާޒިރުކުރި ބައްދަލުވުމުގައި ދެ ވަނަ ފުރުސަތުގައި ވާހަކަ ދެއްކެވުމަށް ފުރުސަތު ނުދެއްވުމުންނެވެ. އަދި ދެ ވަނަ ފުރުސަތު ހޯދުމަށް ހުށަހެޅުއްވި ހުށަހެޅުމަށް ވޯޓަށް ވެސް އަހާފައި ނުވާތީ އެވެ.
ނިޒާމީ މައްސަލައިގައި ބައްދަލުވުން ތާށިވުމުން، ކޮމިޓީގެ މުގައްރިރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ނިންމެވީ ކޮމިޓީ ސިއްރުކޮށް މަޝްވަރާގެ ދޮރު ހުޅުވާލުމަށެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުންނާއި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ކުރިއަށް ގެންދިޔަ އެއް ގަޑިއިރުގެ މަޝްވަރާ އަށް ފަހު މުގައްރިރު ވިދާޅުވީ "މަޝްވަރާތަކުން ނިންމީ ދެ ފަރާތުގެ ވެސް މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް" ކަމަށެވެ.
ކޮމިޓީ ބައްދަލުވުމަށް ފަހު ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިއަދުގެ މަޝްވަރާތަކުން ދެ ފަރާތުން ވެސް ބޭނުންވާ ގޮތަށް އެއްބަސްވެވުނު ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން މައްސަލަ އަލުން ހުށަހަޅާނީ އެމްޑީޕީގެ މެމްބަރުންނަށް ވެސް، އަބްދުﷲ ގާޒީއާ މެދު ޖޭއެސްސީން ފިޔަވަޅު އެޅުން ލަސްވެފައިވާ ސަބަބާ ބެހޭ ގޮތުން އިތުރަށް ސުވާލުކުރެވޭނެ ގޮތަށް،" ރޮޒައިނާ ވިދާޅުވި އެވެ.
ޑީއާރުޕީގެ މެމްބަރުން މައްސަލަ ހުށަހަޅުއްވާފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު، ހިއުމަން ރައިޓްސް ކޮމިޝަނާއި ޖޭއެސްސީ އާއި ޕްރޮސިކިއުޓާ ޖެނެރަލް ކުރެއްވި މަސައްކަތްތައް އޮޅުން ފިލުއްވުމަށެވެ. މަޖިލީހުގެ ކޮމިޓީތަކުގެ އުސޫލު އޮންނަ ގޮތުން ކޮމިޓީގައި ސުވާލުކުރެއްވޭނީ ހުށަހަޅުއްވާފައިވާ މައްސަލައިގެ ދާއިރާގެ ތެރޭގަ އެވެ.
ރޮޒައިނާ ވިދާޅުވި ގޮތުގައި ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް މިއަދު މައްސަލަ އަލުން ވައްދާނީ ޖޭއެސްސީ ހާޒިރުކުރާއިރު އެމްޑީޕީގެ މެމްބަރުން ބޭނުންވާ ސުވާލުތައް ކުރެވޭނެ ޖާގަ ލިބޭ ގޮތަށް ކަމަށެވެ.
ޑީއާރުޕީން މިދިޔަ ހަފުތާގައި ހުށަހެޅި މައްސަލައިގައި، ކޮމިޓީ އަށް މުއައްސަސާތައް ހާޒިރުކުރާނެ ތަރުތީބާ މެދު އެމްޑީޕީގެ މެމްބަރުން ދެކޮޅުހެއްދެވި ނަމަވެސް މިހާރު އެކަން ދޫކޮށްލާފައިވަނީ އިދިކޮޅު މެމްބަރުން ބޭނުންފުޅުވާ ގޮތަށް ކަމަށް މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސް އަދި ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ