ރިޔާސީ އިންތިހާބު 2008: އައްޑު އާއި ފުވައްމުލަކުގައި ވޯޓުލުން އަމާންކަމާ އެކު

ސ. ފޭދޫން އަހުމަދު އަދުޝަން އަދި ފުވައްމުލަކުން އިބްރާހިމް އާތިފު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ލުން އެންމެ ދެކުނުގެ ދެ އަތޮޅުގައި އަމާންކަމާ އެކު ކުރިއަށް އެބަދެ އެވެ.
މެންދުރު ތިނެއް ޖެހުމާ ހަމައަށް، މި ދެ އަތޮޅުގައި ވެސް މާ ބޮޑެތި މައްސަލައެއް ދިމާވެފައެއް ނުވެ އެވެ. އެހެން ނަމަވެސް، އެހެން މާލެ އާއި ބައެއް އަތޮޅުތަކުގައި ދިމާވެފައިވާ ގޮތަށް ވޯޓު ރަޖިސްޓްރީގެ ބައެއް މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.
މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ހިލާފަށް ދެ ވަނަ ބުރުގެ ވޯޓް ލުން އައްޑޫގައި މިއަދު ކުރިއަށް ދާ އިރު މިއަދު އެތައް އިރަކު ގަދަ އަވީގައި ތިބެގެން ވެސް ގިނަ ބަޔަކު ވޯޓްލައިފައި ވެ އެވެ.
ވޯޓް ލުން ނުވައެއް ޖެހިއިރު ފަށަން ހަމަޖައްސައިފައި އޮތް ނަމަވެސް އައްޑޫގައި ގިނަ ބަޔަކު ދިޔައީ ވަރަށް ހެނދުނު ހެނދުނާ ވެސް ވޯޓްލާން ތައްޔާރުވަމުންނެވެ. އެގޮތުން އައްޑޫގައި ފާހަގަވި އެއް ކަމަކީ ދުވަސްވީ ގިނަ މީހުން ހެނދުނާ ވޯޓް ލާން ނުކުމެފައިވާ ކަމެވެ. އެހެންނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރާ ހިލާފަށް މިފަހަރު ހޫނު ގަދަވުމުގެ ސަބަބުން ދިގު ކިޔޫތަކެއް މިފަހަރު ނެތްކަން އެއީ އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމެވެ.
ވޯޓްލުމުގެ ހައްގު ލިބިފައިވާ 20،364 މީހުން އައްޑު އަތޮޅުގައި ތިބިއިރު ގިނަ މީހުން ވޯޓްލުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވެ އެވެ. އެހެންވެ އިންތިހާބުގެ ކުރީ ފަހަރާ އެއްގޮތަށް މިފަހަރު ވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ ގިނަ މީހުން ވޯޓް ލާން ނުކުންނާނެ ކަމަށް ލަފާކުރެވެ އެވެ. އެކަން ބައެއް މީހުންނާ ވާހަކަ ދައްކާލުމުން ވެސް އެނގެ އެވެ. އައްޑޫގެ ބައެއް ރަށްރަށުގައި ވޯޓު ލާން ދިޔަ ބައެއް މީހުންގެ ނަންތައް ރަޖިސްޓްރޭޝަން ލިސްޓްގައި ނެތުމާއި ބައެއް ރަށްރަށުގެ މީހުންގެ އެޑްރެސް އެހެން އަތޮޅުތަކަށް ރަޖިސްޓްރީވެފައިވާ މައްސަލަ ކުރިމަތިވި އެވެ. އިނގިލީގައި ޖަހާ ނިޝާން ފޮހެވުމުގެ މައްސަލަ އައްޑު އަތޮޅުގައި މިފަހަރު ދިމާވެފައެއް ވެސް ނުވެ އެވެ. ހަމައެއާ އެކު ހަމަނުޖެހުމުގެ އެއްވެސް ނިޝާނެއް ވެސް މެންދުރު ތިނެއް ޖެހުމާ ހަމައަށް ފެނިފައެއް ނުވެ އެވެ.
ފުވައްމުލަކުގައި ހިމެނޭ ކޮންމެ އަވަށަކަށް ފޮއްޓެއް ބަހައްޓައިގެން ވޯޓު ލުމުގެ ކަންތައްތައް ވެސް ކުރިއަށް ދަނީ ވަރަށް އޮމާންކޮށެވެ.
ފުވައްމުލަކުގައި ވޯޓު ލާ ދާއިރާތަކުގެ ތެރެއިން މިސްކިތްމަގު ވޯޓު ފޮށީގެ އޮފިޝަލުން ބުނީ ވޯޓު ދޭ މީހުންގެ ލިސްޓުގައި ނަން ނެތުމުގެ ތިން މައްސަލައެއް ދިމާވި ކަމަށެވެ. ނަމަވެސް މި މައްސަލަ ދިމާވީ މިސްކިތްމަގު އަވަށުގައި އުޅޭ ރަށުން ބޭރު މީހުންނަށް ކަމަށް އޮފިޝަލުން ބުންޏެވެ.
ހޯދަޑު އަވަށުގައި ލިސްޓުގައި ނަން ނެތް ދެ މައްސަލައެއް ދިމާވި ކަމަށް އެ ދާއިރާ އިން ބުންޏެވެ. ދަޑިމަގު ދާއިރާ އިން ބުނީ ވޯޓުލުމުގެ ކަންތައް ވަރަށް އަމާންކަމާ އެކު ކުރިޔަށް ދާ ކަމަށާއި ލިސްޓުގައި ނަން ނެތުމުގެ މައްސަލައެއް އަދި ދިމާވެފައި ނުވާ ކަމަށެވެ. ފުވައްމުލަކުގައި އަށް ވޯޓު ފޮށި ބަހައްޓާފައި އެބަހުއްޓެވެ. ފުވައްމުލަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 4494 މީހުން އެބަތިއްބެވެ. މީގެ އިތުރުން މި ރަށުގައި ވޯޓު ލުމަށް ޓަކައި 237 މީހުން ރަޖިސްޓްރީކޮށްފައި ވެ އެވެ. މެންދުރު ތިނެއް ޖެހުމާ ހަމައަށް މި ރަށުގެ ފޮށިތަކަށް ގިނަ ބަޔަކު ވޯޓު ލައިފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ