ކޮމަންޑޫ ދާއިރާގެ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާކަން އެނގިގެން ގޮސްފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ރާޝިދު އެވެ. ރާޝިދު އިންތިހާބު ކާމިޔާބު ކުރެއްވީ 1401 ވޯޓާއެކު އެވެ. ރާޝިދު އާއި އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އާދަމް އަށް ލިބިފައިވަނީ 1161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާނު އިދުރީސް އަށް ލިބިފައިވަނީ 323 ވޯޓެވެ.
ކޮމަންޑޫ ދާއިރާ އަށް ކެމްޕޭނަށް ވަޑައިގެންނެވި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން މިއަދު މާލެ ވަޑައިގެންފައިވާއިރު ނޫސްވެރިންނާ ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ މިއީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ނުދެކޭ ކަމަށާއި މި އިންތިހާބަށް ދައުލަތުގެ ނުފޫޒު އިންތިހާ އަށް ފޯރުވި ކަމަށެވެ.
"އެހެން ނަމަވެސް މި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނިކަން ވަރަށް ރަނގަޅަށް އެނގޭނެ. އެއީ 56 ޕަސެންޓުން ސަރުކާރުން ފުރަތަމަ ކާމިޔާބު ކުރި ގޮނޑިއެއް މިފަހަރު މި ހުރިހާ ވަސީލަތަކާއި ހުރިހާ ނުފޫޒަކާއި މަހުޖަނުންގެ ފައިސާ އާއި މި ހުރިހާ ކަމަކާ އެކީގައި 46 ޕަސެންޓަށް ދަށްވެގެންދިޔައީ" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އެ ކަންކަމުން އެނގިގެން ދިޔައީ މި ސަރުކާރުން ކަންތައްތަައް ކުރާ ގޮތް ރައްޔިތުން ބަލައިނުގަންނަކަން ކަމަށާއި ރައްޔިތުން ތިބީ މި ސަރުކާރަށް ނޫނެކޭ ބުނަން ތައްޔާރަށް ކަމަށެވެ. އަދި މި އިންތިހާބުގެ ނަތީޖާ އިން ބުނެދިނީ ރާއްޖެގައި އެއް ބޭފުޅަކަށް އެންމެ ބޮޑު ތާއީދެއް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްކަން ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި: އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ