ޔޫކްރެއިންގެ ކަރަންޓް ވިއުގަ ވިލާތުގެ ވިއުގައާއި ގުޅާލައިފި

ޔޫކްރެއިނުގެ ކަރަންޓު ވިއުގަ، ޔޫރަޕު ބައްރުގެ މައި ކަރަންޓު ވިއުގައާއި ގުޅާލެވިފައިވާކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ވިލާތުގެ އިއްތިޙާދާއި ޔޫކްރެއިނުގެ ހަކަތަ ވިއުގަތައް ގުޅުވާލެވިފައިވާކަން ހާމަކުރައްވައި، ޓްވިޓަރ މެދުވެރިކޮށް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިނަކީ މިހާރު ވިލާތުގެ ހަކަތައާއިބެހޭ އިއްތިޙާދުގެ މެމްބަރެއް ކަމަށެވެ. އަދި މިކަމާގުޅިގެން ވިލާތުގެ ހަކަތައާއިބެހޭ ކޮމިޝަނަރަށާއި، މެމްބަރު ޤައުމުތަކަށް ޒެލެންސްކީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން ޤަސްދުގައި އެ ޤައުމުގެ ހަކަތަ ރައްކާކުރާ ޕްލާންޓުތަކަށާއި ޓްރާންސްމިޝަން ލައިންތަކަށް ބޮމުގެ ޙަމަލާ ދެމުންދާ ކަމަށެވެ. އެގޮތުން ރަޝިޔާއިން ހީކުރީ ޔޫކްރެއިނުގެ ހަކަތައިގެ ނިޒާމު ދުއްވާލެވޭނެކަމަށް ނަމަވެސް ހަނގުރާމައިގައި 3 ހަފްތާ ފާއިތުވިއިރު އަދިވެސް އެ ޤައުމުގައި ހަކަތައިގެ ވިއުގަތައް މަސައްކަތްކުރަމުންދާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ވިލާތުގެ އިއްތިޙާދުގެ ހަކަތައާއިބެހޭ ކޮމިޝަނަރ ކަދްރީ ސިމްސަން ވިދާޅުވީ ޔޫކްރެއިނުގެ ހަކަތަ ރަޝިޔާގެ ވިއުގައިން ވަކިކުރުމަށްޓަކައި ހަނގުރާމަ ފެށުމުގެ ކުރިން ވިލާތުގެ ކޮންޓިނެންޓަލް ގްރިޑަށް ޔޫކްރެއިނުގެ ކަރަންޓު ވިއުގަ ގުޅައި، ޓެސްޓުކޮށްފައިވާ ކަމަށާއި ޓެސްޓު ކާމިޔާބުވެފައިވާކަމަށެވެ. އަދި އަންނަ އަހަރު ރަސްމީކޮށް ވިއުގަތައް ސިންކްރޮނައިޒްކުރަން ނިންމާފައިވީނަމަވެސް ޙަމަލާތައް ފެށުމާއެކު ޔޫކްރެއިނުން ރަޝީޔާއާއި ބެލެރޫސްގެ ވިއުގަތަކުން ވަކިވެ، ދެން ދުވަހަކުވެސް އެ ޤައުމުތަކާ ނުގުޅޭނެކަމަށް ބުނެފައިވާތީ، މިހާރުން މިހާރަށް ޔޫކްރެއިނަށް އެހީވާން ތާޢިދުކުރާކަން އޭނާ ހާމަކުރެއްވިއެވެ.
ޔޫރަޕު ބައްރުގެ ސިންކްރޮނަސް ގްރިޑަކީ ކަރަންޓު ގުޅާފައިވާ ނިޞްބަތުން ދުނިޔޭގެ އެންމެ ބޮޑު ކަރަންޓު ވިއުގައެވެ. މި ވިއުގައިން 24 ޤައުމަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއެވެ. އެހެންކަމުން ޔޫކްރެއިނުގެ ހަކަތަ ވިއުގަތައް މިހާރު ގުޅާލެވިފައިވަނީ އިތުބާރުހިފޭ ވިއުގައަކާއި ކަމަށާއި ރަޝިޔާއިން އެ ވިއުގައަށް ޙަމަލާ ނުދެވޭނެކަމަށް ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ