މެރިޓައިމް ދާއިރާގެ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް

ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މެރިޓައިމް ދާއިރާ އަދި މެރިޓައިމް ސްޓަޑީސްގެ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މެރިޓައިމް ދާއިރާގައި މަސައްކަތް ކުރާ 200 މީހުންގެ ސޮޔާއެކު ހުށަހެޅި އެ ޕެޓިޝަނާ ގުޅޭގޮތުން އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުލް އަލިއްޔު މުހައްމަދު އިނާޒް "ވަން"އަށް ބުނީ، އެ ޕެޓިޝަންގައި މެރިޓައިމް ދާއިރާގެ ކޯސްތައް ހުއްޓިފައި ހުރުމުގެ މައްސަލައައް ހައްލެއް ހޯދައިދީ، ދާއިރާ ހިންގުން މަތިކޮށްފައިވާ ފަރާތްތަކުގެ ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ.
އެގޮތުން މެރިޓައިމް ދާއިރާގެ ހިންގުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން މެރިޓައިމް ޑިޕާޓްމަންޓާއި ފާއިތުވި 23 އަހަރު ހަވާލުވެ ހުންނެވި ވެރިޔާ، އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަރުވާ ކުޑަކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން މެރިޓައިމް ދާއިރާގައި މަސައްކަތް ކުރާ މީހުން މަދުވެފައިވާކަން އިނާޒް ފާހަގަކުރިއެވެ.
އޭނާ އިތުރަށް ބުނީ، މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ބައްދަލުކޮށް އެމީހުންގެ ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެކަމުގައި އެދެވޭ ނަތީޖާއެއް ނުލިބުނު ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެމީހުންގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާނެ ކަމަށް އިނާޒް ބުންޏެވެ.
އަދި ބުނީ، މެރިޓައިމް ޑިޕާޓްމަންޓާ ހަވާލުވެ ހުންނެވި ވެރިޔާއާ ގުޅޭ މައްސަލަތަކެއް މިމަހުގެ 21 ވަނަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއަށް ވެސް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ވެސް ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރު އޮފް މީޑިއާ، ހަސަން ޒިޔާރު ވިދާޅުވީ އެ ޕެޓިޝަން އިއްޔެ މަޖިލީހަށް ލިބިފައިވާ ކަމަށާއި ހަފްތާ ބަންދަށްފަހު މަޖިލީހުގެ ޖަލްސާތައް ފެށުމުން ޕެޓިޝަން ޕްރޮސެސް ކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ