ނޫމަޑިއަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދެއްކީ 849 މިލިއަން ރުފިޔާ!

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރިއިރު، އެ ކުންފުންޏާއެކު ހެދި ސެޓްލްމެންޓް އެގްރިމެންޓުގެ ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު (849 މިލިއަން ރުފިޔާ) ސަރުކާރުން ދައްކާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ނޫމަޑިން ބަދަލު ހޯދަން އެދުނީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ބަދަލުގެ ގޮތުގައި އެކި ގޮތްގޮތުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ މި ސަރުކާރުން ދައްކާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ނޫމަޑިއާއެކު ހެދި އެއްބަސްވުން ބާތިލުކުރިއިރު، އެ ކުންފުންޏާއެކު ހެދި ސެޓްލްމެންޓް އެގްރިމެންޓަށް ވެސް ފައިސާ ދައްކާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. ނަމަވެސް އެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫށް ބަޔާނެއްގައި ބުނީ، އެ ދެ މައްސަލާގައި ނޫމަޑިން ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން އެމެރިކާ ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދުމަށް އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި ކަމަށެވެ.
ނަމަވެސް ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް އާބިޓްރޭޝަނުން ބޭރުގައި ހައްލުކޮށް ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓެލްމަންޓްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އޮގަސްޓް 25، 2019 ގައި ސޮއިކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުން އެގޮތަށް ނިންމީ، އެ މައްސަލަ އާބިޓްރޭޝަނުން ބޭރުގައި ހައްލުކުރުމަށް މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް، ސެޓެލްމަންޓް ކޮމިޓީ މަޝްވަރާކޮށް ރައީސްއަށް ލަފާ އެރުވުމުން، އެމަނިކުފާނުގެ ހުއްދައާއެކު ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
އަދި މި ފައިސާ ދައްކަންޖެހުނީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުން ކޮންޓްރެކްޓްތައް ކުރިއަށް ގެންގޮސްފައިވާ ދޯދިޔާ ކަމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ