ބިންގާ އެޅުނީ ކައްޗަށް، މިއީ ގައުމީ މަސްލަހަތު އިސްކުރަންވީ ވަގުތު: އާދަމް ޝަރިފު

ގައުމުގެ ބިންގާ އެޅުނީ ކައްޗަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު މިހެން ވިދާޅުވެފައި މިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައިގައި، އެ ޖަމިއްޔާ އުވާލުން ލަސްކުރަމުން ދާތީ ގިނަ ބަޔަކު މީސް މީޑިއާގައި ސަރުކާރަށާއި ކަމާ ގުޅުންހުރި ފަރާތްތަކަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެމައްސަލައިގައި ބައެއް ފަރާތްތަކުން މީހުން މެރުމަށާއި މުޖުތަމައު ބައިބައި ވާގޮތަށް މީސް މީޑިއާގައި ވާހަކަ ދައްކަމުންދާތީ އެކަންވެސް ބައެއް ފަރާތްތަކުން އަންނަނީ ކުށްވެރިކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލައިގައި އެފަދަ މީހުންނާ މެދު ފިޔަވަޅު ނާޅާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މައްޗަށް އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެފައެވެ.
ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން އާދަމް ޝަރިފު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުބާރު ގެއްލުނީ މިނިސްޓަރު އިމްރާންގެ އެކަނި ނޫން ކަމަށެވެ. މުޅި ގައުމުގެ ނަން ކިލަނބުވެއްޖެ ކަމަށާއި ބުޅާ ގޯނިން ބޭރުވެއްޖެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
ބިންގާ އެޅުނީ ކައްޗަށް ކަމަށާއި ރަނގަޅު ކުރެވޭނީ ސަރުކާރުން ގުރުބާންތަކެއް ވެގެން ކަމަށް ވިދާޅުވިއެވެ. އާދަމް ޝަރީފު ވިދާޅުވީ މިއީ އެންމެންވެސް ގައުމީ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށެވެ.
''އިތުބާރު ގެއްލުނީ ހޯމް މިނިސްޓަރު އިމްރާންގެ އެކަންޏެއް ނޫން. މުޅި ގައުމުގެ ނަން ކިލަނބުވެއްޖެ. ބުޅާ ގޯނިން ބޭރުވެއްޖެ. ބިންގާ އެޅުނީ ކައްޗަށް. ރަނގަޅުކުރެވޭނީ ސަރުކާރުން ގުރުބާންތަކެއް ވެގެން.'' އާދަމް ޝަރީފު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ