ދިޝާގެ "ކޭޓީނާ" – އެކްތާ ކަޕޫރު ވާހަކަތަ؟

އެކްތާ ކަޕޫރު ޕްރޮޑިއުސްކުރަ "ކޭޓީނާ" ގެ ޝޫޓިންގް ދިޝާ ޕަޓްނީ މިހާރު ވަނީ ފަށާފަ އެވެ. ފިލްމުގައި ދިޝާ ކުޅެނީ ވަރަށް ޝައްކު ބަލީގެ ޝިކާރައަކަށް ވެފައިވާ ޕަންޖާބީ އަންހެންކުއްޖެއްގެ ރޯލެވެ.
ފިލްމު އިއުލާން ކުރަމުން އެކްތާ ކަޕޫރު ވަނީ ފިލްމުގައި ދިޝާ ހުންނާނެ ސިފަ ދައްކާލާފަ އެވެ. އެއާއެކު ދިޝާ ކުޅެނީ އެކްތާ ކަޕޫރުގެ ހަގީގީ ކެރެކްޓާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސަބަބަކީ އެކްތާ އަކީ ވެސް ވަރަށް ބޮޑަށް ޝައްކު ބަލި ހުންނަ މީހަކަށް ވެފައި ދިޝާގެ ސިފަ ވެސް އެކްތާ އަ ވައްތަރު ގޮތަކަށް ސިފަ ވާތީ އެވެ.
ފިލްމުގެ ނަމަކަށް "ޓީނާ" ގެ ބަދަލުގައި "ކޭޓީނާ" ކިއުމާއި ދިޝާގެ އިނގިލީގައި އެހާ ބައިވަރު އަނގޮޓިތައް ހުރުމަކީ ވެސް މިއީ އެކްތާގެ ހަގީގީ ވާހަކައެއް ވެދާނެކަމުގެ ނިޝާންތަކެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. ސަބަބަކީ އެހާ ގިނަ އަނގޮޓި އަޅާ މީހެއް އެކްތާ ނޫނީ ފެންނަނީ ވަރަށް މަދުން ކަމަށް ވެފައި ކޮންމެ ފިލްމެއްގެ ނަމުގެ ކުރިޔަށް "ކޭ" ލުމަކީ ވެސް އެކްތާއަށް ޚާއްސަ ކަމަކަށް ވާތީ އެވެ.
ފިލްމު އެކްތާ ޕްރޮޑިއުސްކުރާއިރު ޑައިރެކްޓްކުރަނީ އާޝިމާ ޗިއްބަރް އެވެ. ފިލްމުގެ ވާހަކަ ލިޔެފައިވަނީ "ޑްރީމް ގާލް" ޑައިރެކްޓްކުރި ރާޖް ޝާންޑިލިޔާ އެވެ.
ދިޝާ "ކޭޓީނާ" ގެ ޝޫޓިން ފަށާފައި މިވަނީ "މަލަންގް" ގެ ޝޫޓިން ނިންމުމަށް ފަހުގަ އެވެ. "މަލަންގް" އަކީ މޯހިތު ސޫރީ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި ދިޝާ އާއެކު ބައިވެރިވާ ބަތަލަކީ އަދިތުޔާ ރޯއި ކަޕޫރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ