ޕޮލިސް ކޮމިޝަނަރު އެމްޑީއެންގައި މަސައްކަތް ކުރެއްވި މުއްދަތު ބަލަން މެމްބަރު ތޯރިގު ޔޫތު މިނިސްޓްރީއަށް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، މަސައްކަތް ކުރެއްވި މުއްދަތު ހާމަކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަަހުމަދު ތޯރިގު ޔޫތު މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
ޔޫތު މިނިސްޓްރީއަށް ތޯރިގު މިއަދު ހުށަހެޅުއްވި ސިޓީގައި ވަނީ، ހަމީދު އެ ޖަމިއްޔާގައި މަސައްކަތް ކުރެއްވި މުއްދަތާއި އެ ޖަމިއްޔާގެ މެންބަރުންނަކީ ކޮބައިކަން އަންގައި ދިނުމަށެވެ.
''މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ އެގްޒެކްޓިވް ބޯޑުގައި ނުވަތަ ގަވަރނިން ބޯޑުގައި 2014 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މަސައްކަތްކޮށްފައިވާ މީހުންގެ ނަމާއި ދާއިމީ އެޑްރެހާއި އައިޑެންޓިޓީ ކާޑު ނަމްބަރު އެނގޭނެހެން ލިސްޓެއް ލިބޭނެގޮތް ހައްދަވައިދެއްވުން އެދެމެވެ..،'' ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ތޯރިގު ފޮނުއްވި ސިޓީގައި ވެއެވެ.
ސިޓީ ހުށަހެޅުއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ތޯރިގު ވިދާޅުވީ އެމްޑީއެން އުވާނުލައި ދިގުލައިގެން ދިއުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ޖަމިއްޔާގެ މެމްބަރަކު، ސަރުކާރުގައި ހުރި ނަމަ ވަޒީފާތަކުން ވަކިކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީއެންގެ މައްސަލައިގައި އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމެއް ނެތް ކަމަށް ތޯރިގު ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީއަށް ސިޓީ ހުށަހެޅުއްވުމަށް ތޯރިގާ އެކު، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއުއާއި މަޑުއްވަރީ ދާއިރާގެ މެމްބަރު، އާދަމް ޝަރީފާއި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ