ރައީސް މައުމޫން ނަސްރުގެ ދުވަސް ފާހަގަކުރެއްވީ ވަކިން!

31 ވަނަ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ރޭ ސަރުކާރުން ބޭއްވި ރަސްމިއްޔާތު ބޮއިކޮޓް ކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަކިން ނަސްރުގެ ދުވަސް ފާހަގަކުރައްވައިފިއެވެ.1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ސްރީލަންކާގެ ކުލީ ސިފައިން ގެނެސްގެން ދިން ޓެރަރިސްޓް ހަމަލާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލުމަށް ދިން އުދުވާނީ ހަމަލާތަކެކެވެ. 19 ދިވެހިން ޝަހީދުވެގެން ދިޔަ އެ ނިރުބަވެރި ހަމަލާތައް ދިނުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެރަފާ އާއިލާއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިއްކަ އާއިލާގެ ބައިވެރިވުން އޮތްއިރު، ކުރީގެ ރައީސް މައުމޫންގެ ހިތްޕުޅު ނަޝީދާއި ރައީސް ސޯލިހަށް ހެޔޮފުޅު ނުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަސްރުގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ދައުލަތުގެ ކުރީގެ ބައެއް އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއިރު، 30 އަހަރުވަންދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައި، ސިފައިން ގޭގެ އެންމެ މަތީވެރިޔާގެ މަގާމުވެސް އަދާ ކުރައްވާފައިވާ މައުމޫން އެ ޖަލްސާއިން ނުފެނުމުން ގިނަ ބަޔަކު އެކަމާމެދު ސުވާލު އުފައްދާފައިވެއެވެ. ނަސްރުގެ ދުވަހުގެ ރަސްމީ ހަފްލާ ބޮއިކޮޓް ކުރައްވައި ރައީސް މައުމޫންގެ އެމްއާރްއެމްއިން ވަކީން ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫނާއި، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މައުމޫން ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ވަޑައިގެންފައި ނުވާއިރު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާތައް ދިން ދުވަހު ރައީސް މައުމޫން އޮންނެވީ ދޮންނަމެޝިނަކަށް އެރިވަޑައިގެން ފިއްލަވާ ކަމަށް ބުނެ މީސްމީޑިއާގައި އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ