ސަލަފް އާމެދު ފިޔަވަޅު އަޅަން އުޅެނީ އެމްޑީއެން އާ ދެކޮޅަށް ކުރި މަސައްކަތުގެ ބަދަލު ހިފުމުގެ ގޮތުން: އުމަރު ނަސީރު

ސަލަފް އާމެދު ފިޔަވަޅު އަޅަން އުޅެނީ އެމްޑީއެން އާ ދެކޮޅަށް ކުރި މަސައްކަތުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުން ސަލަފް ޖަމާއަތަކީ ޓެރަރިޒަމާ ގުޅޭ ޖަމާއަތެއް ކަމަށްބުނެ އެ ޖަމާއަތަށް ފިޔަވަޅު އެޅުމަށް ތައްޔާރު ވުމާ ގުޅިގެން އުމަރު ނަސީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލަފް ޖަމާއަތުން ދުވަހަކުވެސް އަނިޔާވެރިކަމަށް ގޮވައި، އަނިޔާވެރިކަމަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. ނަމަވެސް އަނިޔާވެރިކަމާއި ދިމާލަށް ގޮސްދާނެހެން ހީވާ އެތަކެއް މީހުންނަށް އަނިޔާވެރިކަމާއި ދުރަށް، ރަނގަޅު މަގު އިހުތިޔާރު ކުރުމަށް އެހީތެރިވެދީފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ނަސީރު ވިދާޅުވީ މި މަސައްކަތަކީ ސީދާ ބަދަލު ހިފުމުގެ މަސައްކަތެއް ކަމަށެވެ. އަދި މިއީ އެމްޑީއެން އުވާލުމަށް ކުރި މަސައްކަތުގެ ބަދަލު ހިފުމަށް ކުރާ ކަމެއްކަން ސާފުވާ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ ސަލަފް ޖަމިއްޔާއިން ދުވަހަކުވެސް އަނިޔާވެރިކަމަށް ގޮވާލާފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގައި ހައްދުފަހަނައަޅައި ދިއުމުގެ ކަންކަން އެކަށީގެންވާ މިންވަރަކަށް ކޮންޓްރޯލް ކުރެވިފައިވަނީ ސަލަފް ޖަމިއްޔާ އާއި ރާއްޖޭގެ ދީނީ އިލްމުވެރިންގެ މަސައްކަތުންކަން އުމަރު ނަސީރު ފާހަގަ ކުރެއްވިއެވެ.
''ސަލަފް ޖަމިއްޔާއާއި ރާއްޖޭގެ ދީނީ އިލްމުވެރިންގެ މަސައްކަތުން ދިވެހިރާއްޖޭގައި ހައްދުފަހަނަ އަޅާ ދިއުމުގެ ކަންކަން އެކަށީގެންވާ މިންވަރަކަށް ކޮންޓްރޯލް ކުރެވި ހަމަ މަގަށް މީހުން އެޅުވިފަ މިތިބީ. އިރާދަކުރެއްވިއްޔާ ރާއްޖޭގައި އެހެން ގައުމުތަކުގައި މި ހިނގާ ކަހަލަ ބޮޑެތި އަމަލެއް ހިނގާފައެއް ނެތް. އެހެން ވީމާ މިކަހަލަ މުހިއްމު ޖަމާއަތެއް އުވާލުން މީ ހަމަ ސިޔާސީ ބަދަލު ހިފުމެއް." އުމަރު ނަސީރު ވިދާޅުވިއެވެ.
މިހާރު އެމްޑީއެން އުވާލުމަށް އިއުލާނުކޮށްފައިވާކަން އުމަރު ނަސީރު ފާހަގަ ކުރެއްވިއެވެ. އަދި ސަލަފު ޖަމާއަތާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތަކީ ލާދީނީ މީހުންނަށް ''ހަދިޔާ''އެއް ދޭން ޖެހި، އެ ހަދިޔާ ދިނުމަށް ކުރާ މަސައްކަތެއް ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
މިއަދުގެ ރައިޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ޓެރަރިޒަމްގެ އަމަލުތަކަށް ވާގިދޭ ޖަމާއަތްތަކާ ގުޅޭގޮތުން މަޖިލީހުން ނިންމަން ޖެހޭ ގޮތްތަކެއް ހިމެނޭ ކަމަށެވެ. އަދި އެ ރިޕޯޓުގައި ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި ހިމަނާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ