ގައުމީ ޚިދުމަތްތެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ މިނިސްޓަރު ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެއެވެ.
"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ޒާހިރު އަވަހާރަވީ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންވަނިކޮށެވެ.
އާލާސްކަންފުޅު ބޮޑުވެ ދަރުމަވަންތަ ހޮސްޕިޓަލްގައި އުމަރު ޒާހިރު އެޑްމިޓް ކުރެއްވީ މިމަހުގެ 14ވަނަ ދުވަހުގައެވެ.
އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 85 އަހަރެވެ. އެމަނިކުފާނަކީ 1953 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ސަރުކާރު މަތީ އެތައް މަގާމުތަކެއް ފުރުއްވާފަައިވާ ބޭފުޅެކެވެ. އެގޮތުން، 1983 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ހަމަޔަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސްގެ މަގާމު، 1988 އިން ފެށިގެން 1993 ވަނަ އަހަރާއި ހަމަޔަށް ޢުމަރު ޒާހިރު ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްގެ މަގާމު އަދާ ކުރައްވާފައިވެއެވެ.
އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރުވެސްމެއެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަގާމެވެ.
އެމަނިކުފާނު ވަނީ ދާދިފަހުން އަމިއްލަ ޚަރަދުފުޅުގައި ފުވައްމުލަކުގައި މިސްކިތެއް ބިނާ ކުރައްވައި މިސްކިތް ހުޅުވުމަށް އެ ރަށަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅަށްފަހު އުމަރު ޒާހިރު އުޅުއްވީ އާލާސްކަންފުޅާ ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ