ސުޕްރީމް ކޯޓުގައި ތިއްބެވީ ވަރަށް އިޚްލާސްތެރި، ނަޒާހަތްތެރި ފަނޑިޔާރުން: ރިޔާޒު
ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ވަރަށް އިޚްލާސްތެރި، ނަޒާހަތްތެރި ބޭފުޅުން ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ. ކޯޓުތަކުގައި ހިންގާ ބައެއް ޝަރީއަތްތަކަށް ސަރުކާރާ އަދި ސިޔާސީ ފަރާތްތަކުން ނުފޫޒް ފޯރުވާކަމުގެ ތުހުމަތުތަކަކީ އަބަދުވެސް އިވޭ އަޑުތަކެކެވެ. "ސަން" އާ ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ގިނަ ބޭފުޅުންކީ އެ ބޭފުޅުންގެ ޓްރެކް ރެކޯޑަށް ބަލައިފި ނަމަވެސް ވަރަށް އިތުބާރު ކުރެވޭ ބޭފުޅުން ކަމަށެވެ. ރިޔާޒް ވިދާޅުވީ މި ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރިޔަސް، މިހާރު ސުޕްރީމް ކޯޓުގައި އެ ތިއްބެވި ފަނޑިޔާރުންނަކީ އެފަދަ ނުފޫޒަކަށް ބޯ ލަނބާ ކިޔަމަންވާނެ ބޭފުޅުންނެއްނޫން ކަމަށާއި އަދި ސަރުކާރުން އެފަދަ ކަމެއް ކުރައްވަފާނެ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. "ރައީސް ސޯލިހް ސުޕްރީމް ކޯޓަށް އެވަރުގެ ނުފޫޒެއް ފޯރުވަން އުޅުއްވަފާނެ ކަމަކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އެފަދަ ކަމެއް ކުރައްވާނެ ކަމަކަށްވެސް ގަބޫލެއް ނުކުރަން. މިސާލަކަށް ކުރެއްވިޔަސް މިހާރު ސުޕްރީމް ކޯޓުގަ ތިއްބެވި ގިނަ ފަނޑިޔާރުންނަކީ އެކަހަލަ ނުފޫޒަކަށް ގުޑާނެ ބޭފުޅުންނެއް ނޫން،" ރިޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުގެ ސުޕްރީމް ކޯޓުގައި ބަތިއްބެވީ ވަރަށް ގާބިލު ވަރަށް ތެދުވެރި ބޭފުޅުން ކަމަށާއި އެހެންކަމުން އެބޭފުން ނިންމަވާ ނިންމެވުމެއް، އިންސާފުން ކައްސާލައިގެން ނުދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ރައީސް ޔާމީން 2013 ވަނަ އަހަރުގައި ވެރިކަމަށް ވަޑައިގަތްއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ހަތެކެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން 2014 ވަނަ އަހަރު ވަނީ އެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށްފައެވެ. ނަމަވެސް 2019 ވަނަ އަހަރު މަޖިލީހުން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އެ އަދަދު ވަނީ އަނެއްކާވެސް ފަހަކުން ހަތަކަށް ބަދަލުކޮށްފައެވެ. އެހެންކަމުން މިހާރު ސުޕްރީމް ކޯޓްގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދަކީ ހަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ