ހަތެއް ފެބްރުއަރީގައި އިސްކޮށް އުޅުނު މީހުންނަށް އުމަރު ޝުކުރު ދަންނަވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް 7 ފެބްރުއަރީ 2012 ވަނަ ދުވަހު ކުރި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި މީހުންނަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ޝުކުރު އަދާކުރައްވައިފިއެވެ. އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަތެއް ފެބްރުއަރީ އަކީ ރައްޔިތުންގެ ބާރު އަނބުރާ ރައްޔިތުންނަށް ލިބުނު ދުވަސް ކަމަށެވެ. މިނިސްޓަރު އުމަރު ވިދާޅުވީ ރައްޔިތުން ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުން "ޚުދުމުޚުތާރު ވެރިޔާ" މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. 7th Feb: Karuna geyhaa, gang thakuge valhi thakuge kurimachah nukume, kuree safuga masah kaiy kuri 'Cut-off' team ah varah khaassa shukureh. — Umar Naseer (@UmarNaseerPPM) February 7, 2016 އިސްލާމްދީނާއި ޑިމޮކްރެސީ އަދި ގާނޫނުގެ ވެރިކަން ގެނައުމަށް މަސައްކަތް ކުރި މީހުންނަށް ޚާއްސަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް އުމަރު ކުރެއްވި ޓްވީޓުގައި ވެއެވެ. އިދިކޮޅު އެމްޑީޕީން ބެނެފައި ވަނީ ހަތެއް ފެބްރުއަރީގައި ބަޣާވާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ނޭޝަނަލް އިންކުއަރީ ކޮމިޝަނެއް އުފައްދަވާއެވެ. ސިންގަޕޫރުގެ ފަނޑިޔާރެއް ވެސް ހިމެނޭ ގޮތަށް އެކުލަވާލި އެ ކޮމިޝަންގެ ތަހުގީގުން ނިންމާފައި ވަނީ ހަތެއް ފެބްރުއަރީގައި ބަޣާވާތެއް ކޮށްފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ