ސަރުކާރު ހިންގުމަށް ފައިސާ ހޯދަން އިސްކަންދަރާއިއެކު އިތުރު 9 ސްކޫލް ރަހުނުކޮށްފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ހިންގުމަށް އިތުރު ފައިސާ ހޯދުމަށް އިސްކަންދަރު ސްކޫލް ހިމެނޭހެން އިތުރު 9 ސްކޫލެއް ރަހުނުކޮށްފިއެވެ.
ސަރުކާރުން ވަނީ ވެލާނާގެ އާއި އޮލިމްޕަސް ރަހުނު ކުރުމަށް ފަހު 350 މިލިއަން ރުފިޔާ ހޯދާފައިކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
ސަރުކާރަށް ފައިސާ ހޯދުމަށް ރަހުނުކޮށްފައިވާ ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ:
1. އިސްކަންދަރު ސްކޫލެ
2. ތާޖުއްދީން ސްކޫލް
3. އިޔާޘުއްދީން ސްކޫލް
4. ގ. ޢިމާދުއްދީން ސްކޫލް
5. ކަލާފާނު ސްކޫލް
6. ދެވަނަ އަންހެންކުދިންގެ ޘާނަވީ ސްކޫލް
7. މއ. މާލެ ހަޔަރ ސެކަންޑަރީ ސްކޫލް
8. އިންގްލިސް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް
9. މއ. މާލެ އިންގްލިޝް ސްކޫލް
10. ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
މިނިސްޓަރ އަމީރު ރާއްޖޭގެ މީޑީއާތަކަށް މައުލޫމާތު ދެއްވިގޮތުގައި ހަރުމުދާ ރަހުނުކޮށްގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިސްލާމިކް ޓީބިލެއް ސަރުކާރުން ވިއްކާލާފައިވާކަމަށާއި، ވެލާނާގެއާއި އޮލިންޕަސް ރަހުނުކޮށްގެން އިސްލާމިކް އިންސްޓްރޫމަންޓެއް މިދިޔަ ޖޫން މަހު އިޝޫކޮށްގެން ސަރުކާރުން ވަނީ 350 މިލިއަން ރުފިޔާ ހޯދައިފިވާކަމަށެވެ.
މި ފައިސާ އަކީ ސަރުކާރުގެ ހަރަދު މެނޭޖްކުރުމަށް ހޯދި ފައިސާއެއްކަމަށް އަމީރު ވިދާޅުވެފައިވާއިރު، މިއީ އިޤްތިސާދީގޮތުން ބަލާނަމަ ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެގެންދާނެކަމެކެވެ.
އިސްލާމިކް ޓީބިލްތައް ސަރުކާރުން ދޫކުރާ އިރު ރަހުނު ގޮތުގައި މުދަލެއް ބަހައްޓަން ޖެހޭއިރު، މިހާރު ރަހުނުކުރުމަށް ނިންމާފައިވާ ސްކޫލްތަކަކީވެސް މޭގެތެރޭގައި ހިމެނޭ ތަންތަންކަން ފާހަގަކޮށްލަންޖެހެއެވެ.
އަމީރު އިތުރަށް ވިދާޅުވީ ގޮތުގައި އިސްލާމިކް އިންސްޓްރޫމަންޓެއް އިޝޫކުރާ އިރު އަބަދުވެސް މުދަލެއް ރަހުނުގެ ގޮތުގައި ބަހައްޓަން ޖެހޭ އިރު ސަރުކާރުން އަންނާނީ މިފަދަ އެސެޓްތަކުގެ ޕޫލެއް އެކުލަވައިލަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް ފައިނޭޝަލް އިންސްޓްރޫމަންޓްތައް ވިއްކާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން މާލެގެ ސްކޫލްތަކުގެ ރެޖިސްޓްރީވެސް އެޑިއުކޭޝަންގެ ދަށުން ފިނޭންސްއަށް ބަދަލުކޮށް ރަހުނުކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ބިނާކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ހޮހޮޅައެއްކަމަށް ވިދާޅުވެ ރައީސް ޞާލިޙު ޖޯކު ޖެއްސެވުމަށްފަހު މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްވެސް ރަހުނުކޮށް ލޯނުނަގާފައެވެ.
ކުރީ ސަރުކާރުން ބޮޑެތި މަޝްރޫޢުތަކަށް ލޯނު ނެގުމުން ފާޑުކިޔުން އަމާޒުކުރި އެމްޑީޕީގެ ސަރުކާރުން ބޮޑެތި ބިނާތައް ރަހުނުކޮށްގެ ލޯނުތައް ނަގަމުންދަނީ މުއައްޒަފުންނަށް މުސާރަދިނުންފަދަ ރިކަރަންޓް ޚަރަދަށްކަން ފާހަގަ ކޮށްލެވެއެވެ.
ސަރުކާރުން 2021 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ގޮތުން ބޭރުގައި ވިއްކުމަށް ނިންމާފައިވާ ޞުކޫކު ވިއްކުމަށްޓަކަށް ރަހުނަކަށް ދަރުވަމަވަންތަ ހޮސްޕިޓަލު ހަމަޖެއްސުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވާފައިވާ ސިޓީގައި ވާގޮތުގައި ދައުލަތުގެ ބަޖެޓަށް 300 މިލިއަން ޑޮލަރު ހޯދުމަށް އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވޮލޮޕްމެންޓު އޮފް ދި ޕްރައިވެޓް ސެކްޓާ (އައި.ސީ.ޑީ)އާއެކު ކުރި މަސައްކަތުގައި ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ސްޕްޝަލް ޕާޕަސް ވެސަލެއް (އެސް.ޕީ.ވީ) އުފައްދައި، އެ އެސްޕީވީގެ ބެނެފިޝަލް އޯނާޝިޕު ނުވަތަ ބޭނުންކުރުމުގެ މިލްކުވެރިކަމުގެ ދަށަށް، ޞުކޫކުގެ އަގުގެ 51 އިންސައްތައަށްވުރެ މަތިން އަގުކުރެވޭ އެސެޓެއް ގެންދަންޖެހޭ ކަމުގައެވެ.
އެހެންކަމުން އޭރު ހެލްތް މިނިސްޓްރީ ދަށުގައި ހުރި ދަރުމަވަންތަ ހޮސްޕިޓަލް ވަނީ ސިޓީ ކައުންސިލް މެދުވެރިކޮށް ރެޖިސްޓްރޭޝަން ބަދަލުކުރުަމަށް އެދި ސިޓީފޮނުވައި އެކަންކޮށްފައެވެ.
ލޯނުދެއްކޭނެގޮތް ނެތި ބޮޑެތި ލޯނު ނަގާ މައްސަލާގައި އިޤްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިލާންޖެހިދާނެ ދަތިތަކަށް އިޤްތިސާދީ މާހިރުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންވެސް ވަނީ އެ ޕާޓީން ރާއްޖޭގެ އިޤްތިސާދު ރަނގަޅުކުރުމަށް ހިޔާލާއި މަޝްވަރާ ދިނުމަށް ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ