ފުލުހުންނަށް ދަތި ކުރުމުގެ ކުށް މެމްބަރު އާޒިމްގެ މައްޗަށް ސާބިތުވެ 3000 ރުފިޔާއިން ޖޫރިމަނާކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވެ 3000 ރުފިޔާ އިން އޭނާ ޖޫރިމަނާ ކޮށްފި އެވެ. އާޒިމްގެ މައްޗަށް އެ ދައުވާ އުފުލީ 22 ފެބުރުއަރީ 2015 ވަނަ ދުވަހުގެ ރޭ އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ބަޔަކު މީހުން އެއްވެ، ކުރި މުޒާހަރާގައި އަމަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތެރެއަށް ގާއުކުމާ ގުޅިގެން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން ތަކުރާރުކޮށް އެންގުމުން ވެސް އާޒިމް އެ ސަރަހައްދުން ގޮސްފައިނުވާ ކަމަށް ބުނެއެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ ސާބިތުވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ގާނޫނުގެ ދަށުން އާޒިމް 3000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ. ހުކުމް އިއްވުމާ އެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އެ ހުކުމް ގަބޫލު ނުކުރައްވާނެ ކަމަށާއި ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ