މެމްބަރު ނާޒިމްގެ ވަކީލަކަށް ހުސްނުއް ސުއޫދު

މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ލިބޭ ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު ހަމަޖައްސައިފި އެވެ. ނަމިރާ
ކޮންސްޓްރަކްޝަން ކުންފުނިން އޮޅުވާލައިގެން ލިޔެކިޔުންތަކެއް
ހުށަހަޅައި، ސަރުކާރުގެ ހަތަރު ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމަށް ބުނާ
މައްސަލައިގައި، ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެ އެވެ. ދައުލަތުން ތަކުރާރުކޮން ބުނަމުން ގެންދަނީ އެކަން ހިންގުމުގުގެ "މުގުލުގައި" ހުންނެވީ ނާޒިމް ކަމަށެވެ. ކުރީގެ އެޓޮލްސް މިނިސްޓްރީން ބަނދަރު ބައްތިތަކެއް
ގަތުމަށާއި މިސްކިތްތަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށާއި 15،000 ދިދަ
ގަތުމަށް ދެ ފަހަރަކަށް އިއުލާން ކުރުމުން، އޮޅުވާލައިގެން އެސްޓިމޭޓް
ހުށަހަޅައިގެން އެ ޕްރޮޖެކްޓް ކާމިޔާބު ކޮށްފައިވާ ކަމަށް ދައުލަތުން ހުށަހެޅި މައްސަލަތަކުގައި ވަނީ ބުނެފަ އެވެ. އެ ހަތަރު މައްސަލަ ވެސް ކޯޓުގައި ހިނގަމުން ދަނީ
ވަކިވަކިންނެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމީ، ކުންފުނިން ހިންގާފައިވާ
ކަމެއްގައި ނާޒިމްގެ މައްޗަށް އެކަނި ދައުވާ ނުކުރެވޭނެ ކަމަށެވެ. އެ
ނިންމުން ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހަޅާފައި މިވަނީ
ހައިކޯޓުން ވެސް ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކޮށްފައިވާތީ އެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، އެ ކޯޓުގައި ބޭއްވި ދެ ވަނަ އަޑުއެހުމަށް ނާޒިމްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހުސްނުއް ސުއޫދު މިއަދު ވަނީ ކޯޓަށް ވަޑައިގެން ވަކާލާތު ކުރައްވައިފަ އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ފަރާތުން، ހުރިހާ ވާހަކައެއް ދެއްކެވީ ވެސް ސުއޫދެވެ. ނަމިރާ ކުންފުނިން ހިންގާފައިވާ މަކަރާ ހީލަތުގެ އަމަލުގައި ނާޒިމް އެއްވެސް މިންވަރަށް ބައިވެރިވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.ސުޕްރީމް ކޯޓުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި، އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގައި، ނާޒިމް ވިދާޅުވީ ސިޔާސީ މަސްރަހް މިހާރު އޮތް ގޮތުން އޭނާގެ މައްސަލަތަކުގައި ވަކާލާތު ކޮށްދޭނެ ވަކީލަކު ވެސް ނުލިބުނު ކަމަށެވެ. މީގެ ކުރިން އޭނާގެ ވަކީލުންނަށް އުޅުއްވި ޖޭއެސްސީގެ ކުރީގެ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އާއި އާދަމް އާސިފް ވަނީ އޭނާ "ދޫކޮށްލާފައި" ކަމަށް ނާޒިމް އެ ދުވަހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމީހުން މިހާރު އޭނާގެ ވަކީލަކަށް އުޅެން ޖެހިލުންވަނީ ކަމަށެވެ.ނާޒިމް ވިދާޅުވެފައި ވަނީ، ސަލީމްގެ މައްޗަށް ޕީޖީ އޮފީހުން ޓެރަރިޒަމްގެ ދައުވާކުރުމަށް ފަހު، މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށާއި ނަމަވެސް މައްސަލަ ނެގި ކަމުގެ ލިޔުމެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނުދޭތީ، ނާޒިމްގެ ވަކީލަކަށް އުޅެން ސަލީމް ޖެހިލުންވާ ކަމަށެވެ. އަދި އޭނާގެ މައްސަލައިގައި، ކޯޓަށް ވަޑައިގަތުމަށް މިހާރު ފަސް ޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އުޅުއްވި އާސިފް ވިދާޅުވި ކަމަށް ވެސް ނާޒިމް ވަނީ ކޯޓުގައި ވިދާޅުވެފަ އެވެ.ނާޒިމަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރެއް ކަމުގައިވީ ނަމަވެސް، ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން، އެ ޕާޓީގެ ހަރަކާތްތަކުގައި އޭނާ އަމަލީ ގޮތަކުން ނޫޅުއްވަ އެވެ. ނާޒިމަކީ ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ