ނޮވެމްބަރު 3 ގައި މައުމޫން އުޅުއްވި ގޮތް ފުރަތަމަ ފަހަރަށް

މީގެ 24 އަހަރު ކުރިން ނޮވެމްބަރު 3 ގެ ފަތިހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމަށް ފުރަތަމަ ވެސް ހޭފުޅު ލެއްވުނީ ދުޝްމަނުން ބަޑިޖަހާ އަޑަށެވެ. ފަތިހު 25: 4 ހާއިރު ބަޑީގެ އަޑަށް އެ މަނިކުފާނު ހޭފުޅުލެއްވުނު ނަމަވެސް ފުރަތަމަ ހީފުޅު ކުރެއްވީ އެއީ ގުގުރާ އަޑު ކަމަށެވެ. އެކަމަކު ގުގުރާ އަޑު ނޫންކަން އަޑު ހުރި ގޮތުން އެނގިވަޑައިގަތުމުން ވަގުތުން ސިފައިންގެ އާ ގުޅުއްވި އެވެ. ސިފައިންގެ އަށް ބަޔަކު ބަޑިޖަހަނީ ކަމަށް ސިފައިންގެ ތެރެއިން މައުލޫމާތު ލިބިވަޑައިގަތެވެ. އެ ވަގުތު ކިނބިގަސްދޮށުގޭގައި ހުންނެވި އޭރުގެ ސިފައިންގެ ވެރިޔާގެ ނާއިބު އިލްޔާސް އިބްރާހީމް އާއި ސިފައިންގެ އިސް ބޭފުޅުންގެ ފުރަތަމަ އިރުޝާދަކަށް ވެސް ވީ މައުމޫން އަވަހަށް ތީމުގެ ދޫކުރައްވައި އެހެން ތަނަކަށް ވަޑައިގަތުމެވެ.
ނޮވެމްބަރު ތިނަކާ ބެހޭ ގޮތުން އެމްއެންޑީއެފުން ރޭ ނެރުނު ބޮޑު ފޮތުގައި މައުމޫނާ ކޮށްފައިވާ އިންޓަވިއުއާ ހަވާލާދީ ލިޔެފައިވާ ލިޔުމެއްގައިވާ ގޮތުން ދިވެހިންގެ ބަޔަކާ ލަންކާގެ ތަމަޅައިން 80 ވަރަކަށް މީހުން ގުޅިގެން ރާއްޖެ އަށް ހަމަލަދިން ވަގުތު ތީމުގޭގައި ތިއްބެވީ މައުމޫން އާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އިތުރުން އޭރު އުމުރުން އެންމެ އަށް އަހަރުގެ ޣައްސާން މައުމޫނެވެ. ދުންޔާ މައުމޫން އާއި ޔުމްނާ މައުމޫން އަދި ފާރިޝް މައުމޫން ހުންނެވީ ރާއްޖެ އިން ބޭރުގައި ކިޔަވާ ވިދާޅުވުމަށެވެ.
މި ފޮތުން އެނގޭ ގޮތުގައި މައުމޫން އާއި އާއިލާ ތީމުގެ އިން ނުކުމެވަޑައިގަތީ ނޮވެމްބަރު 3 ވަނަ ދުވަހު ފަތިހު 45: 4 ހާއިރު އެވެ. އެކަމަކު ތީމުގޭ ސަރަހައްދު އަމާން ނޫން ކަމަށް އެއް ފަހަރަކު ސެކިއުރިޓީން ބުނުމުން ތީމުގެ އިން ނުކުމެވަޑައިނުގެން މަޑުކުރެއްވި އެވެ. ދެވަނަ ފަހަރު ނުކުމެވަޑައިގަންނަވަން އުޅުއްވުމުން ވެސް ބޭރުތެރެ އަމާން ނޫން ކަމަށް ތީމުގޭ ގޭޓުގައި ތިބި ސިފައިން މައުމޫނަށް ދެންނެވި ކަމަށް ފޮތުގައިވެ އެވެ.
"... އެހެން ނަމަވެސް ތީމުގޭގައި ނުހުންނަވާ ބޭރަށް ވަޑައިގަތުމަށް ސިފައިންގެ އިން ދަންނަވަމުންދާތީ ނުކުމެވަޑައިގަންނަވަނީ ކަމަށް އެ ވަގުތު ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ތީމުގެ އިން ނުކުމެވަޑައިގެންނެވިޔަސް ތީމުގެ ދޫކޮށްނުލައި ރަނގަޅަށް ބެލެހެއްޓުމަށް ޑިއުޓީގައި ތިބި ލާންސްކޯޕްރަލް ރަސްމާދޫ ކުޑަ އަލީ އާއި ޕްރައިވެޓް މުހަންމަދު ނަސީރުގެ ގާތުގައި ވިދާޅުވި އެވެ،" ނޮވެމްބަރު 3 ގެ ހަމަލައިގެ އެންމެ ތަފުސީލު މައުލޫމާތު ހިމަނައި އެމްއެންޑީއެފުން ތައްޔާރުކުރި ފޮތުގައިވެ އެވެ.
ތީމުގެ ދޫކުރައްވައި މައުމޫން އާއި ނަސްރީނާ އަދި ޣައްސާން ނުކުމެވަޑައިގަތް އިރު އަރިހުގައި މައުމޫންގެ ބޮޑީގާޑް ސާޖަންޓް އިބްރާހިމް ގާސިމާއި އާދަމް ނައީމް ތިއްބެވި އެވެ. ބޮޑީގާޑް ހުރީ ފިސްތޯލަ ރެޑީކޮށްގެން މައުމޫން އަރިހުގަ އެވެ. މިހާރު ވެސް މައުމޫން އަރިހުގައި މަސައްކަތް ކުރައްވާ އާދަމް ނައީމްގެ ކަމަކަށް ވީ ކުރީގައި ހުންނަވައިގެން މަގުތައް އަމާންތޯ ބެއްލެވުމެވެ.
"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން ސާޖަންޓް އިބްރާހިމް ގާސިމްގެ އަތުގައި އޮތް ފިސްތޯލަ މީހަކަށް ނުފެންނާނޭ ގޮތަށް ރައްކާކޮށް، އެ ބޭފުޅުންގެ ފަހަތުން އަތުވެދާނެ ހަމަލައަކަށް ސަމާލުވެގެން ހުރީ ފަހަތް ބެލުމަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި އާއިލާގެ ބޭފުޅުން ތީމުގެ އިން ނުކުމެވަޑައިގެން، ޝަބްނަމް ހިނގުން ހުރަސް ކުރައްވައި ކުރިމަތިން އޮތް ފުއްކަފަ ގޯޅިން ހުޅަނގަށް ވަޑައިގެން، އެއަށް ފަހު ފެންފިޔާޒު ގޯޅި އަށް ނުކުމެވަޑައިގެން ކުޑަތަންކޮޅެއް ދެކުނަށް ހިންގަވައި ފިޔާތޮށި މަގަށް ނުކުމެވަޑައިގެންނެވި އެވެ. އާދަމް ނައީމް ކުރީގައި ހުންނަވައިގެން އެ ބޭފުޅުން ވަޑައިގަންނަވާ މަގުތައް އަމާންތޯ ބައްލަވަމުން ގެންދެވި އެވެ،" ފޮތުގައި ލިޔެފައިވެ އެވެ.
މައުމޫން އާއި އާއިލާ ތީމުގެ އިން ނުކުމެވަޑައިގަތީ އާދަމް ނައީމްގެ ގެ އަސުރުމާގެ އަށް ވަޑައިގަތުމަށް ކަމަށް ވިޔަސް ތަފާތު ދަތިތައް ދިމާވުމުން އޭގެ ބަދަލުގައި ވަޑައިގަތީ ގުލިސްތާނުގެ އަށެވެ. ހުދުއަސުރުމާގެ އަށް ވަދެވަޑައިނުގެންނެވުނީ އެގޭ ދޮރޯށި ތަޅުލާފައި ހުރުމުންނެވެ. އެހެންވެ ގޭގެ އުސް ފާރުމަތިން އަރާވަޑައިގަތުމަށް އާދަމް ނައީމް މަސައްކަތް ވެސް ކުރެއްވި ކަމަށް ފޮތުގައިވެ އެވެ. އެކަމަކު އާދަމް ނައީމްގެ އަތް ފާރުގެ މައްޗަށް ފޯރާވަރަށް، މައުމޫންގެ ބޮޑީގާޑަށް އާދަމް ނައީމް އުފުލާ ނުލެވުމުން އެ ފާރުމަތިން އަރާވަޑައިގެންނެވޭ ގޮތް ނުވީ އެވެ. އެހެންވެ މައުމޫން އާއި އާއިލާގެ ބޭފުޅުން އެ ތަނުގައި ތިއްބެވުމަށް ދަންނަވާފައި ހުދުއަސުރުމާގޭ ދެކުނު ފަރާތު ދޮރޯށިން ވަދެވަޑައިގެންނެވޭ ގޮތް ވެސް އާދަމް ނައީމް ބެއްލެވި އެވެ. އެކަމަކު އެ ދޮރޯށި ވެސް ހުރީ ތަޅުލައި އެތެރެއިން އެއްޗެހިތަކެއް ވިއްދައިފަ އެވެ. އެހެންވެ ދެން މިސްރާބު ޖެއްސެވީ އެހެން ދިމާލަކަށެވެ.
"އާދަމް ނައީމް އެނބުރި ހުދުއަސުރުމާގޭ އުތުރު ފަރާތަށް ވަޑައިގެންނެވިއިރު މ. ގުލިސްތާނުގޭ ދޮރު ހުޅުވާފައި އެގޭ ހަދީޖާ ހަސަން ނުކުމެވަޑައިގެން އެ ގެއަށް ވަދެވަޑައިގެންނެވުމަށް ދެންނެވުމުން ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި އަރިހުގައި ތިއްބެވި ބޭފުޅުން އެ ގެއަށް ވަދެވަޑައިގެންފި އެވެ،" ފޮތުގައި ލިޔެފައިވެ އެވެ.
އެމްއެމްއޭގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ހަދީޖާ ހަސަނަކީ މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އާއިލާގެ ބޭފުޅެއްގެ ގޮތުގައި ބައްލަވާ ބޭފުޅެއް ކަމަށް ފޮތުގައިވެ އެވެ. މިހާރު ވެސް އެ އާއިލާއާ އޭނާއާ ހާއްސަ ގުޅުމެއް އޮވެ އެވެ.
ފޮތުގައި ބުނެފައިވާ ގޮތުގައި ނޮވެމްބަރު 3 ގައި އިންޑިއާ ސިފައިން މާލެ އައިސް މައުމޫނަށް ސިފައިންގެ އަށް ވަޑައިގެންނެވެން ދެން އެ މަނިކުފާނާއި އާއިލާ ތިއްބެވީ ގުލިސްތާނުގޭގަ އެވެ. އެކަމަކު މައުމޫން އާއި އާއިލާ ތިއްބެވި ތަން އޮތީ ވަރަށް ބޮޑަށް އޭރު ސިއްރު ކޮށްފަ އެވެ. ނޮވެމްބަރު 3 އާ ގުޅޭ ގޮތުން އެމްއެންޑީއެފުން ހާއްސަ ފޮތެއް ނެރުމާ ހަމައަށް ވެސް އެ ވާހަކަތައް ހާމަކޮށްފައެއް ނެތެވެ. އަދި އެ ދުވަހު އަމަލު ކުރެއްވި ގޮތުގެ މިހާ ތަފުސީލު މައުލޫމާތުތަކެއް ވެސް މިހާތަނަށް މައުމޫން ހާމަކުރައްވާފައެއް ނެތެވެ.
ފޮތުގައިވާ ގޮތުން މައުމޫން ހުންނެވީ ގުލިސްތާނުގޭގައި ކަމަށްވީ ނަމަވެސް ހުދުއަސުރުމާގޭގެ ފޯން ލައިނެއްގެ ނަރު ދިގު ކުރައްވައިގެން ގުލިސްތާނުގެ އަށް ގެންދަވައި އެގޭގެ ނަމްބަރު ބޭނުން ކުރެއްވި އެވެ. އެ ނަމްބަރަކީ 325626 އެވެ. އެކަމަކު އެއްވެސް ފޯނެއް މައުމޫން ނުނަންގަވާ ކަމަށް ފޮތުގައިވެ އެވެ. އެ ނަމްބަރަށް އަންނަ ފޯނުން ޖަވާބު ދެއްވަނީ އާދަމް ނައީމެވެ. ގުލިސްތާނުގެ އަށް އަންނަ ފޯނުތަކަށް ޖަވާބު ދެއްވީ ހަދީޖާ އެވެ. އެކަމަކު ހުދުއަސުރުމާގެ އާއި ގުލިސްތާނުގޭގެ ފޯނުން މައުމޫން އެކި ފަރާތްތަކާ ވާހަކަފުޅު ދެއްކެވި އެވެ. ތަފާތަކީ އެ ދެ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބު ނުދެއްވުމެވެ.
ނޮވެމްބަރު 3 ގެ ފޮތުން އެނގޭ ގޮތުގައި މައުމޫން އަރިހުގައި އެ ދުވަހުގެ އެ ނާޒުކް ވަގުތު އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ އާދަމް ނައީމެވެ. އޭގެ ތެރެއިން އެއް ހާދިސާ އަކީ މައުމޫން ކާރުކޮޅުގައި ސީދާ ސިފައިންގެ އަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް އާދަމް ނައީމް އެކަން ހުއްޓުވުމެވެ.
އެރޭ ފަތިހު ތީމުގެ އަށް ހަމަލަދޭން ފެށުމާއެކު އެ ވާހަކަ ފޯނު ކުރައްވައި މޭޖަ މުހަންމަދު ޒާހިރަށް މައުމޫން ދެންނެވި އެވެ. ތީމުގޭގައި ހުރި ހަތިޔާރާއި ވަޒަނުގެ އިތުރަށް، ރީއިންފޯސްމަންޓެއް ސިފައިންގެ އިން ދެވެން ނެތުމުން، ތީމުގޭގައި ހުންނެވުން ރައްކާތެރި ނޫން ކަމަށާއި ވެވަޑައިގެންނެވި އެންމެ އަވަސް ފުރުސަތެއްގައި އެ ގެކޮޅު ދޫކުރެއްވުމަށް މުހަންމަދު ޒާހިރު އިރުޝާދު ދެއްވި އެވެ. އެހެންވެ ތީމުގެ އިން ވަޑައިގަތުމަށްޓަކައި މައުމޫންގެ ކާރުކޮޅު ގެންނެވުމަށް މައުމޫން ދެންނެވި އެވެ.
"ތީމުގެ އަށް އާދަމް ނައީމް ވަދެވަޑައިގަތީ ތީމުގޭގެ އިރުމަތީ ފަރާތު ގޭޓުންނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި އާއިލާގެ ބޭފުޅުން ވަޑައިގަންނަވަން އުޅުއްވަނީ ކޮންތަނަކަށްތޯ ވަގުތުން ސުވާލު ކުރެއްވި އެވެ. އޭރު ރައީސްގެ އަރިހުގައި ހަށިފާރަވެރިއަކަށް ހުންނެވި ސާޖަންޓް އިބްރާހިމް ގާސިމް ރައީސް އަރިހުގައި ދަންނަވާފައި ވަނީ އެންމެ ރައްކާތެރި ގޮތަކީ ކާރުކޮޅުގައި ސިފައިންގެ އަށް ވަޑައިގެންނެވުން ކަމަށެވެ. ސިފައިންގެ އަށް ހަމަލަދެމުންދާއިރު ސިފައިންގެ އަށް ވަޑައިނުގެންނެވޭނެ ކަމަށާއި ކާރުކޮޅުގައި ވަޑައިގަންނަވަން އެއްވެސް ގޮތަކަށް ފެނިވަޑައިނުގަންނަވާ ކަމަށް އާދަމް ނައީމް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި އެވެ. ބަޑި ހިފައިގެން ތިބި މީހުން ތީމުގެ ކައިރީގައި ވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި ކާރުގައި ނުކުންނަވަނިކޮށް ހަމަލާ ދިނަސް ހެދޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އާދަމް ނައީމް ދެންނެވި އެވެ. އެކަމަކު ހިންގަވާފައި ވަޑައިގަންނަވަނިކޮށް ބަޔަކު ހަމަލާދިނަސް ކޮންމެވެސް ތަނަކަށް ވަޑައިގެންނެވޭނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އާދަމް ނައީމްގެ ގެ ކަމުގައިވާ ހުދުއަސުރުމާގެ އަށް ވަޑައިގެންނެވުން ކަމަށް ވެސް ދެންނެވި އެވެ،" ފޮތުގައި ލިޔެފައިވެ އެވެ.
އެ ވަގުތު ސިފައިންގެ ކައިރި ސަރަހައްދުގެ ކަންކަން ހުރި ނެތް ގޮތް ބެއްލެވުމަށް ވެސް އާދަމް ނައީމް ސިފައިންގެ އަށް ގުޅުއްވި އެވެ. ސިފައިންގެ އިން ހުޅުލޭ މޫސަ، އާދަމް ނައީމަށް ދެންނެވީ ސިފައިންގެ އަށް ވަޑައިނުގެންނެވުމަށް މައުމޫނަށް ދެންނެވުމަށެވެ. ތީމުގެ ދޫކުރައްވައި ހުދުއަސުރުމާގެ އަށް ހިންގަވާފައި ވަޑައިގަތުމަށް މައުމޫން ނިންމެވީ އެ ހިސާބުންނެވެ.
އާދަމް ނައީމް ތީމުގެ އަށް ވަޑައިގަތީ މައުމޫންގެ ހާލުކޮޅު ބެއްލެވުމަށް ފޯނު ކުރެއްވުމުން ގުޅޭ ގޮތް ނުވެގެންނެވެ.
ފޮތުގައިވާ ގޮތުން މައުމޫނަށް ގުލިސްތާނުގެ އަށް ވަޑައިގެންނެވުމާ އެކު ސިފައިންގެ އަށާއި އެކިއެކި ބޭފުޅުންނަށް ގުޅުއްވައި މައުލޫމާތު ހޯއްދަވަން ފެއްޓެވި އެވެ. އެންމެ ގިނައިން ގުޅުއްވައި ވާހަކަފުޅު ދެއްކެވީ އޭރު ސިފައިންގޭގެ މޭޖަ (ރިޓަޔާޑް) އަންބަރީ އަބްދުއްސައްތާރާ އެވެ. އެ ވަގުތު އަންބަރީ ހަރަކާތްތެރިވެވަޑައިގަތީ ސިފައިންގޭގެ ބަދަލުގައި މާލެތެރޭގަ އެވެ. ކުރައްވާ ކަމަކީ ބައިސްކަލުގަ އާއި ހިންގަވާފައި އެކި ތަންތަނަށް ވަޑައިގެން މައުލޫމާތު ހޯއްދަވައި މައުމޫނަށް ފޯރުކޮށްދެއްވުމެވެ.
އެ ގޮތުން ލިބިވަޑައިގެންނެވި މައުލޫމާތުގެ އަލީގައި މައުމޫން އެންމެ ފުރަތަމަ ވެސް ނިންމެވީ އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ރަޖީވްގާނދީއާ ގުޅުއްވޭތޯ އެވެ. އެހެންވެ ރާއްޖެ އިން ބޭރާ ގުޅޭ ކަންތައްތަކުގައި ރައީސް އޮފީހުގައި އޭރު އިސްކޮށް މަސައްކަތް ކުރެއްވި ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދަށް ގުޅުއްވައި ރަޖީވްގާނދީގެ ފޯން ނަމްބަރެއް ހޯއްދަވައި ދެއްވުމަށް ދެންނެވި އެވެ. އެކަމަކު އެ ނަމްބަރު އޮތީ އޮފީހުގައި ކަމަށް އަނީސާ ދެންނެވި ކަމަށް ފޮތުގައިވެ އެވެ.
ފޮތުން އެނގޭ ގޮތުގައި ނޮވެމްބަރު 3 ގައި ގުލިސްތާނުގޭގައި މައުމޫން ހުންނެވިއިރު އެންމެ ބޮޑު ދައްޗެއް ކުރިމަތިވެވަޑައިގަތީ ރާއްޖެ އިން ބޭރަށް ގުޅޭ ގޮތް ނުވުމުންނެވެ. ގުލިސްތާނުގޭގެ ފޯނާއި ހުދުއަސުރުމާގޭ ފޯނުން ވެސް ރާއްޖެ އިން ބޭރަކަށް ނުގުޅެ އެވެ. އެހެންވެ ތީމުގޭގައި އާދަމް ނައީމް ގެންގުޅުއްވާ އަތު ފޯނު ރަޖީވްގާނދީ އަށް ގުޅުއްވުމަށްޓަކައި ގެނެސް ދެއްވުމަށް މައުމޫން ދެންނެވި ކަމަށް ފޮތުގައިވެ އެވެ. އަދި ތީމުގޭގެ ޑިއުޓީގައި އެވަގުތު ހުރި މައުމޫންގެ ބޮޑީގާޑް މެދުވެރިކޮށް އެ ފޯނު ގެނައުމަށް އާދަމް ނައީމް މަސައްކަތް ކުރެއްވި އެވެ. އެއީ ފަތިހު 00: 6 އެވެ. އާދަމް ނައީމްގެ އިތުރުން އަންބަރީ ވެސް ވަނީ ތީމުގެ އަށް ގުޅުއްވައި، ޝައްކު ނުވާ ގޮތަށް ކުލަ ހެދުމަކަށް ބަދަލުކޮށްގެން ވީ އެންމެ އަވަހަކަށް އެ ފޯނު ގެނެސްދިނުމަށް އަންގަވައިފަ އެވެ.
"...ތީމުގެ ކައިރީގައި ހުރި މ. ލާމިގެ އިން ޓީޝާޓަކާއި މުންޑެއް ގެނައުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އާދަމް ނައީމް ތީމުގެ އަށް ވަޑައިގެން ގުލިސްތާނުގެ އަށް ފޯނު ގެންދެވީ އެވެ. ފޯން ގެންދެވިއިރު ރާއްޖެ އިން ބޭރަށް ގުޅުއްވަން ބޭނުންފުޅުވާ މުހިންމު ނަމްބަރު ވެސް ގެންދެވި އެވެ،" ފޮތުގައިވެ އެވެ.
އެ ފޯން ގުލިސްތާނުގެ އަށް ގެންދިޔަ ނަމަވެސް ދެން ދިމާވީ އެހެން ކަމެކެވެ. އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހާ އާދަމް ނައީމް ގުޅުއްވައި މައުމޫން ރަޖީވްގާނދީއާ ގުޅުއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އެކަން ހަމަޖެހެމުން ދަނިކޮށް އެހެން ކަމެއް ދިމާވީ އެވެ. އާދަމް ނައީމް އެ ފޯނުން ރާއްޖެ އަށް ބޭރަށް ގުޅުއްވައި ދައްކާ ވާހަކަތައް، މ. ކާނޭޝަންމާގޭ އިބްރާހިމް ސިރާޖުގެ ގޭގައި ގެންގުޅޭ ރޭޑިއޯ ސެޓަކަށް އަރާ ކަމަށް އޭނާ އާދަމް ނައީމަށް ގުޅުއްވައި ދެންނެވި އެވެ. އެ ސެޓަށް އަޑުއަރާއިރު، ދުޝްމަނުންނަށް ވެސް އެ އަޑު އިވިދާނެ ކަމަށްޓަކައި އެ ފޯނުން މައުމޫން ރަޖީވްގާނދީ އަށް ނުގުޅުއްވަން އެހެންވެ ނިންމެވީ އެވެ.
ދެން އިންޑިއާގެ އަސްކަރީ ހޯދުމުގެ މަސައްކަތް ކުރެއްވީ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްއާ ހަވާލު ކުރައްވައިގެން ކަމަށް ފޮތުގައިވެ އެވެ. އެކަމުގައި އަމަލީ ގޮތުން އުޅުއްވީ އޭރު ފޮރިން މިނިސްޓްރީގެ ސީނިއާ އަންޑަ ސެކްރެޓަރީ އަދި މައުމޫން ސަރުކާރުގަ އާއި ނަޝީދުގެ ސަރުކާރުގައި ވެސް މަސައްކަތްޕުޅު ކުރެއްވި އިބްރާހިމް ހުސެއިން ޒަކީ އެވެ.
ފޮތުން އެނގޭ ގޮތުގައި އިންޑިއާ ސަރުކާރުގެ އިތުރުން އެމެރިކާ ސަރުކާރުގެ އަސްކަރީ ހޯއްދަވަން ވެސް މައުމޫން މަސައްކަތްޕުޅު ކުރައްވާފައިވެ އެވެ. އަދި އެންމެ އަވަހަށް ރާއްޖެ އަށް އެހީތެރިކަން ދެވޭނީ އިންޑިއާ ކަމަށްވާތީ އެ ގައުމުގެ އަސްކަރީ އެހީތެރިކަން ރާއްޖެ އަށް ދޭނެ ކަމުގެ ޔަގީންކަން ކޮލޮމްބޯގައި ހުންނަވާ އެމެރިކާ ސަފީރު ސްޕޭންއާ މައުމޫނަށް ގުޅުއްވާފައި ދެއްވި އެވެ. އެއީ ނޮވެމްބަރު 3 ގެ މެންދުރު 00: 2 ހާއިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ