މިސްރުގެ ހަމަނުޖެހުންތަކުގެ އަޑީގައި ތިބީ ބޭރުގެ ފަރާތްތަކެއް: މައުމޫން

މިސްރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަޑީގައި ތިބީ ބޭރުގެ އަތްތަކެއް ކަމަށާއި އެ މީހުން މަސައްކަތް ކުރަނީ މިސްރު ހަލާކު ކުރަން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މިސްރުން ކިޔަވާފައިވާ މީހުންގެ އިތުރުން މިހާރު ވެސް އެ ގައުމުގައި ތައުލީމު ހާސިލް ކުރާ ދަރިވަރުންނާ އެކު މައުމޫން މިރޭ ނަސަންދުރާގައި ބޭއްވެވި ހަފުލާގައި ވިދާޅުވީ މިސްރުގައި މިހާރު ސިޔާސީ ގޮތުން ހިނގާ ހަމަނުޖެހުންތަކަކީ ޑިމޮކްރަސީ ގާއިމް ކުރުމުގެ ނަމުގައި އެ ގައުމަށް އައިސްގެން އުޅޭ ބަޔަކު އަޑީގައި ތިބެގެން ވަރަށް ބޮޑަށް ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށެވެ.
މިސްރުގެ ފަރާތްތަކާ ހަވާލާދެއްވައި މައުމޫން ވިދާޅުވީ މަގާމުން ދުރުކޮށްފައިވާ އެ ގައުމުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އަށް ތާއީދު ކުރާ ފަރާތްތަކުން ކޭމްޕް ޖަހައިގެން ކުރި މުޒާހަރާތައް އިންޒާރު ދިނުމަށް ފަހު ސަލާމަތީ ބާރުތަކުން ރޫޅާލައި ބެލިއިރު އެތަނުގައި އެންމެ ނުރައްކާތެރި ހަތިޔާރު ވެސް ފޮރުވާފައި ހުރި ކަމަށެވެ. އަދި އެކަމުގެ އަޑީގައި ތިބީ އަރަބި ބައެއް ގައުމުތަކުގެ ހަދުފަހަނައަޅާފައިވާ ފިކުރުގެ މީހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ މިސްރުގެ އެތެރޭގެ އެކަނި ކަމެއް ނޫން. އެއީ ބޭރުގެ ފަރާތްތަކުން އެ ގައުމަށް އަތް ބާނައިގެން މިސްރުގެ ރައްޔިތުންނަށް ހިތްދަތި ގޮތްތަކެއް ކުރިމަތިކުރަން ކުރާކަމެއް. މި ދަޑިވަޅުގައި އަޅުގަނޑުމެންގެ ދުއާ އަކަށް ވާން ޖެހޭނީ މިސްރަށް މާތްﷲ ހެޔޮ ގޮތްތައް މިންވަރު ކުރެއްވުން. އަދި އެގައުމުގެ ރައްޔިތުންނަށް ސުލްހަ މަސަލަސްކަން މިންވަރު ކުރެއްވުން،" މައުމޫން ވިދާޅުވި އެވެ.
މިސްރުގައި މުޒާހަރާތައް ފެށީ އެ ގައުމުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުސްލިމް ބުރަދަ ހޫޑްގެ މުރުސީގެ ވެރިކަން އަސްކަރިއްޔާ އިން ވައްޓާލުމާ އެކު އެވެ. މުރްސީ އަދިވެސް ހައްޔަރު ކޮށްފައި ހުރީއިރު އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުގައި 600 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. މިސްރު ސަރުކާރުން ބުނެފައި ވަނީ މުސްލިމް ބުރަދަހޫޑްގެ މުޒާހަރާތައް ސުލްހަވެރި ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ