ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖަހަން ދެލި ފޮހެވޭ ގަލަން ބޭނުންކޮށްފާނެ: ގާސިމް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖަހަން ދެލި ފޮހެވޭ ވައްތަރުގެ ގަލަން ބަޔަކު ބޭނުންކޮށްފާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުން ގާސިމް އިބްރާހިމް ރޭ ގޮވާލައްވައިފި އެވެ.
ވިލިމާލޭގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ވޯޓު ކަރުދާސްކޮޅުގައި ޖަހާ ފާހަގަ 10 ވަރަކަށް މިނެޓް ތެރޭގައި ފޮހެވޭ ވައްތަރުގެ ގަލަން ތައާރަފުކުރަން ބަޔަކު އުޅޭ ވާހަކަ އަޑުއިވޭ ކަމަށެވެ. އެހެންވެ ހުރިހާ ރައްޔިތުން ވެސް އެކަމަށް ވިސްނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އެގޮތުން ވޯޓު ލުމަށްޓަކައި އަމިއްލަ ގަލަމެއް ގެންދިއުމަށާއި މީހަކު ދޭ ގަލަމެއް ބޭނުންނުކުރުމަށް ގާސިމް ގޮވާލެއްވި އެވެ.
އޭނާ ވިދާޅުވީ ވޯޓު ލާ މަރުކަޒުގައި އިލެކްޝަންސް ކޮމިޝަނުން ބާއްވާފައި އޮންނަ ގަލަމުގެ ބަދަލުގައި ކޮންމެވެސް ބަޔަކު ދެލި ފޮހެވޭ ގަލަން ބާއްވަފާނެ ކަމަށެވެ.
"މިއީ ދުނިޔޭގެ އެކި ތަންތަނުގައި ހިނގާ ކަންތައް. ކޮށްފައި ހުރި ކަންތައްތައް. ރާއްޖޭގައި މިހާރު ބަޔަކު އެކަން ކުރަން ރާވަމުން ގެންދާ ވާހަކަ ވެސް އަޅުގަނޑުމެން އަޑު އަހަން،" ގާސިމް ވިދާޅުވި އެވެ.
ވޯޓުލުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ބާއްވާ ގަލަމުގެ ބަދަލުގައި ދެލި ފޮހެވޭ ވައްތަރުގެ ގަލަން ބާއްވަފާނެ ކަމަށް ޕީޕީއެމުން އިއްޔެ ބުނެފައިވެ އެވެ.
ރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު ތަޖުރިބާއެއް ހުރި އަދި އެންމެ ގާބިލީ ވެސް އޭނާ ކަމަށެވެ. އަދި އޭނާ އަށް ވުރެ ރަނގަޅު އެހެން ބޭފުޅަކު ހުންނެވި ނަމަ އެ އެ ބޭފުޅަކަށް ތާއީދުކުރެއްވީސް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ވުރެ ރަނގަޅު ބޭފުޅަކު ކުރިމަތިލައްވާފައި ހުންނެވި ނަމަ ހަމަ ގައިމުވެސް އަޅުގަނޑު ވޯޓު ދޭން މިހުރީ އެ ބޭފުޅަކަށް ތައްޔާރަށް. އެކަމަކު އަޅުގަނޑަށް ކަށަވަރުން އެނގޭ އެ ބޭފުޅަކު ނެތް ކަމަށް. އެހެންވެ އަޅުގަނޑު ނުކުމެ މިހުރީ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިސްލާހަށް އޭނާގެ ޖާނާއި މާލުން ހޭދަކުރެއްވި ކަމަށާއި ރައީސް ކަމަށް ކުރިމަތިލެއްވީ ވެސް އިސްލާހީ ބަދަލުތައް ގެންނެވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ