ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުއްވުމަށް ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ޖަމިއްޔާތަކަށް ފައިސާގެ އެހީ އާއި ސްކޫލްތަކަށް ހަދިޔާ ފޯރުކޮށްދެއްވާ ކަމަށް ކުރާ ތުހުމަތުތައް އޭނާގެ ތަރުޖަމާނު އިބްރާހިމް ހަލީލް މިއަދު ދޮގުކުރައްވައިފި އެވެ.
އިންތިހާބަށް ނުފޫޒު ފޯރުއްވުމަށް އައްޑު އަތޮޅު ސްކޫލްތަކަށް ކޮމްޕިއުޓަރާއި އެލްސީޑީ ޓީވީ އާއި އޭސީ ހަދިޔާކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ގާސިމްއާ މެދު ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ހަލީލް ވިދާޅުވީ ވޭތުވެދިޔަ 40 އަހަރު ވެސް މެދުނުކެނޑި ގާސިމްގެ ދީލަތި އެހީ ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށާއި ވިލާ ފައުންޑޭޝަން ރަޖިސްޓްރީކޮށްގެން ވޭތުވެދިޔަ 14 އަހަރު ތެރޭގައި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީ ވެދެއްވާފައިވާ ކަމަށެވެ. އެހެންކަމުން އިންތިހާބާ ދިމާކޮށް، ނުފޫޒު ފޯރުއްވުމަށް އެއްވެސް ކަމެއް ގާސިމް ނުކުރައްވާ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާސިމް ފައުންޑޭޝަނުން ރަސްމީކޮށް އެކި އިދާރާތަކާއި އެންޖީއޯތަކާއި ސްކޫލްތަކާއި އެ ނޫން ވެސް ނަން ހުސްކޮށް ގާސިމްގެ އެހީތެރިކަން އަބަދުވެސް ލިބެމުންދޭ. އެކި ފަރާތްތަކުން އެދިލައްވާ ސިޓީތަކާއި އެ ނޫން ވެސް އެދޭ ކަންކަމަށް އެ ވަގުތަކު ފައުންޑޭޝަނުން ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވާ،" ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވައި އޭނާ އަކީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިލެކްޝަނުން އިއުލާންކުރުމާ އެކު ވިލާ ފައުންޑޭޝަންގެ ޗެއާމަން ކަމުގެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ ފައުންޑޭޝަންގައި މިހާރު ގާސިމްގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވޯޓަށް ނުފޫޒު ފޯރުވުން ކަމުގައި ކޮންމެ ކަމެއް ވެސް މާނަކުރެވިދާނެ، ދުބާއީ ފެންވަރަށް ތަރައްގީ ގެނެސް މަސް ދޯނި ދިނުމާއި ކޮންމެ ދަރިވަރަކަށް ޑިގްރީ ފެންވަރަށް ކިޔަވައިދޭން ވައުދުވުމަކީ ވެސް ނުފޫޒުގެ ގޮތުގައި ބެލެވިދާނެއެއް ނޫންތޯ އެގޮތަށް ބަލާ ނަމަ،" ހަލީލް ވިދާޅުވި އެވެ. "ހަގީގަތަކީ ގާސިމް އިބްރާހީމަށް އޮތް ތާއީދު ފެންނަން ފެށީމަ ކެތް ނުވެގެން ދައްކާ ހަގީގަތެއް ނެތް ވާހަކަތަކެއް އެއީ."
އޭނާ ވިދާޅުވި ގޮތުގައި ގާސިމް ރިޝްވަތު ދޭ ކަމަށް އެމްޑީޕީން ތުހުމަތުކުރާއިރު، ވޯޓު ގަތުމަށް ކޮންމެ ވޯޓަކަށް 10،000ރ.ގެ މަގުން އެމްޑީޕީން މުޅި ރާއްޖެ އަށް ފައިސާ ބަހަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބެ އެވެ. އޭގެ އިތުރުން އިސްލާމް ދީން ނޫން އެހެން ދީންތައް ފަތުރާ ފަރާތްތަކުން އެމްޑީޕީގެ ކެމްޕޭނަށް އެހީވުމާއި އިންޑިއާގެ ޖީއެމްއާރު ކުންފުނިން އެމްޑީޕީ އަށް 50 މިލިއަން ޑޮލަރުގެ ލޯނު ދީގެން އުޅޭ ވާހަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ. އެކަންކަން އިލެކްޝަންސް ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން ވެސް ބެލުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެމްޕޭން ކުރާއިރު ޖެއްސުންކުރުމާއި އުނދަގޫކުރުމާއި އިލްޒާމް އެޅުވުން ވެސް އޮންނާނެކަން ގާސިމް އިބްރާހީމަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ދިދަ ދަމާފައި ހުރި އޮޑިއަކުން ތަކެތި ގެންދިއުމަކީ ގާސިމް ނުފޫޒު ފޯރުއްވާ ކަމުގެ ދަލީލެއް ނޫން ކަމަށް ހަލީލް ވިދާޅުވި އެވެ.
"ޓެކްސީތަކާއި ހޮޓާތަކުގައި ވެސް ހުރޭ ޖުމްހޫރީ ޕާޓީގެ ދިދަ ދަމާފައި. ބަޔަކު ކަމެއް ކުރުމަކީ ގާސިމް އެކަމެއް ކުރުމުގެ ދަލީލެއް ނޫން،" ހަލީލް ވިދާޅުވި އެވެ.
އިންތިހާބަށް ނުފޫޒު ފޯރުއްވުމަށް ގާސިމް އެއްވެސް ކަމެއް ނުކުރައްވާ: ތަރުޖަމާނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ