އާންމު ތަނެއްގައި ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާތީ މަދަނީ ކޯޓުގެ ކުރީގެ ގާޒީ ސ. ފޭދޫ ހިތްއަލިވާގޭ މުހައްމަދު ހިލްމީ އާއި އޭނާގެ މިހާރު އަނބިކަނބަލުން 15 އެތި ފަހަރުން ތައުޒީރު ކުރުމާއެކު ހަ މަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ހުޅުމާލޭ އަތިރިމަތީގައި ބަދުއަޚުލާގީ އަމަލު ހިންގަން ތިއްބާ ހިލްމީ އާއި އޭނާގެ މިހާރު އަނބިކަނބަލުން ސ. ފޭދޫ ހުސްނުހީނާގޭ އައިމިނަތު އަލީ ހައްޔަރުކުރީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. ހިލްމީ އާއި އައިމިނަތު ކައިވެނިކުރެއްވީ ބަދުއަޚުލާގީ މައްސަލަ އަށް ފަހުގަ އެވެ.
އޭރު ތުހުމަތުގައި ހައްޔަރު ކުރުމުން ހިލްމީ ވިދާޅުވެފައި ވަނީ އެފަދަ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ. އެ މައްސަލައިގައި 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އެ ކުށް އެ ދެ މީހުންގެ މައްޗަށް ސާބިތުވާތީ 15 އެތިފަހަރުން ތައުޒީރު ކުރުމާއެކު ހަ މަހަށް އަރުވާލުމަށެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކުރުމަށް ވެސް އެ ހުކުމުގައި އަންގާފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައިވަނީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ އަޣުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަބްދުއްރައޫފެވެ. އެ ހުކުމުގައި ވަނީ އެ މައްސަލައިގައި ހެކިބަސްދިން ހެކިންގެ ބަހުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އެތަނުގައި އެރޭ ތިބި ކަމަށް އެ ދެ މީހުން ވެސް އެއްބަސްވާތީ އެއީ އެކަން ސާބިތުކުރުމަށް ލިބޭ ހަރުދަނާ ގަރީނާއެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު އައްބާސް ޝަރީފްގެ ރައުޔުގައި ވަނީ އެ މައްސަލައިގައި ހެކިބަސް ދީފައިވާ ހެކިން ތަހުގީގަށް ދީފައިވާ ބަޔާންތަކާއި އެ މީހުން ކޯޓަށް ދީފައިވާ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެހެންކަމުން އެ ހެކިބަސްތަކާ މެދު ސުވާލު އުފެދޭތީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކުރަންޖެހޭ ކަމަށް ފަނޑިޔާރު އައްބާސްގެ ރައުޔުގައިވެ އެވެ.
ހިލްމީ އާއި އޭނާގެ މިހާރު އަނބިކަނބަލުންގެ މައްސަލަ ބަލައި ދަށު ކޯޓުގައި ހުކުމްކުރެއްވި ގާޒީ އަބްދުﷲ ދީދީ އެ މައްސަލަ ބެލުމުގައި މަސްލަހަތު ފުށުއަރާ ކަމަށް އެ ދެ ކަނބަލުން ހައި ކޯޓުގައި ވިދާޅުވެފައިވެ އެވެ. އެއީ ހުކުމްކުރުމުގެ ކުރިން 2010 ވަނަ އަހަރު ފަނޑިޔާރުން ދާއިމީ ކުރިއިރު، ހިލްމީއަކީ ފަނޑިޔާރުކަމުގެ ޝަރުތު ހަމަނުވާ މީހެއް ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރެއް ގޮތުގައި އިންނަވައިގެން އަބްދުﷲ ދީދީ ވަކާލާތުކުރައްވާފައި ވާތީ ކަމަށް އެ ބޭފުޅުންގެ ފަރާތުން ބުނެފައިވެ އެވެ. އެހެންކަމުން ވަކިގޮތަކަށް ހުކުމްކުރުމަށް އަބްދުﷲ ދީދީ ކުރިން ވެސް ނިންމަވައިގެން އިންނެވިކަން އެނގޭ ކަމަށް ވެސް ހައި ކޯޓުގައި ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލަ ދަށު ކޯޓަށް ހުށަހެޅީއްސުރެ އެ މައްސަލަ ނިންމުމާ ހަމައަށް ވެސް އަބްދުﷲ ދީދީ އަކީ އެ ކޮމިޝަންގެ މެމްބަރެއް ކަމަށްވާއިރު އެ ނުކުތާ ދަށު ކޯޓުގައި ނެގުމުގެ ފުރުސަތު ހިލްމީއަށް އޮތް ކަމަށެވެ. ނަމަވެސް އެ ނުކުތާ ދަށު ކޯޓުގައި ނަގާފައިނުވާތީ އިސްތިއުނާފް މަރުހަލާގައި އެކަމަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
މަދަނީ ކޯޓުގެ ގާޒީ ކަމާ ހިލްމީ ހަވާލުވެ ވަޑައިގަތީ ސެޕްޓެމްބަރު 21، 2008 ގަ އެވެ. ނަމަވެސް އައު ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން 2010 ވަނަ އަހަރު ފަނޑިޔާރުން ދާއިމީ ކުރިއިރު، ދާއީމީ ނުކޮށް ބާކީވި ފަނޑިޔާރުންގެ ތެރޭގައި ހިލްމީ ހިމެނިވަޑައިގަންނަވަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ހިލްމީ ހައްޔަރުކުރުމާ އެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ. އޭނާ ދާއިމީ ނުކުރުމަށް ޖޭއެސްސީން ނިންމުމާ ހަމައަށް ވެސް އޭނާ ހުންނެވީ ސަސްޕެންޝަންގަ އެވެ.
ހިލްމީއާއެކު އެ އަމަލު ހިންގި އައިމިނަތަކީ އޭރު މަސައްކަތް ކުރަމުން ދިޔައީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގަ އެވެ. އޭނާއަކީ މިހާރު ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ ގާނޫނީ ވަކީލެކެވެ.
ހިލްމީ އާއި އައިމިނަތު ވެސް މިހާރު މަސައްކަތް ކުރައްވަނީ އަމިއްލަ ލޯ ފާމެއްގަ އެވެ.
މަދަނީ ކޯޓުގައި މަސައްކަތް ކުރެއްވިއިރު ހިލްމީ އަކީ ބޮޑެތި މައްސަލަތައް ބެއްލެވި ގާޒީ އެކެވެ.
މަދަނީ ކޯޓުގެ ކުރީގެ ގާޒީ ހިލްމީ އަރުވާލުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ