ހަމްދާނާއި ޖާދުﷲގެ ބަންދަށް ތާއީދުކޮށް ހައި ކޯޓުން ވެސް ހުކުމްކޮށްފި

ބަނގުރަލުގެ މައްސަލައެއްގެ ތުހުމަތުގައި ހދ. ހޮނޑައިދޫން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ހަމްދާން ޒަކީ އާއި ޖާދުﷲ ޖަމީލްގެ ބަންދަށް ކުޅުދުއްފުށީ ކޯޓުން ދީފައިވާ ފަސް ދުވަހުގެ މުއްދަތަށް ތާއީދުކޮށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.ބަނގުރަލުގެ ތުހުމަތެއްގައި މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ހޮނޑައިދޫން ފުލުހުން ހައްޔަރުކުރީ ހަމްދާނާއި ޖާދުﷲ ގެ އިތުރުން ހަމްދާންގެ ބައްޕަ އިބްރާހިމް ހުސައިން ޒަކީ އާއި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރާއި ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހައިރާއި އޭނާގެ އަނބިކަނބަލުންނާއި ދެ ބިދޭސީއެކެވެ. ނަމަވެސް އޭގެ ތެރެއިން ހަމްދާނާއި ސ. ހުޅުދޫ ރީފްސައިޑް ޖާދުﷲގެ ބަންދަށް ފަސް ދުވަސް ދިނުމަށް ފަހު ދެން ތިބި މީހުން ވަނީ ދޫކޮށްލައިފަ އެވެ.ޖާދުﷲ އާއި ހަމްދާންގެ ބަންދަށް ފަސް ދުވަސް ދިނުމުން އެ ދެ މީހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އިއްވި ހުކުމުގައި ވަނީ ކުޅުދުއްފުށީ ކޯޓުގެ އެ އަމުރަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން އިއްތިފާގުވާ ކަމަށެވެ.ހަމްދާންގެ ބަންދަށް ކުޅުދުއްފުށީ ކޯޓުން ދިން މުއްދަތު ހަމަވުމުން އެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން  10 ދުވަސް ވަނީ އިތުރުކޮށްދީފަ އެވެ.ހަމްދާނާއި ޖާދުﷲ ގެ ބަންދަށް ދިން މުއްދަތަށް ހައި ކޯޓުން ތާއީދުކުރިއިރު ކޯޓުން މުއްދަތު ޖަހައިނުދިނުމުން ދޫކޮށްލި ޖާބިރާއި ހާމިދުގެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ ދެ މައްސަލަ ވެސް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ