ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ މަހު 30 ގައި ބާއްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިންތިހާބާ ބެހޭ ކޮމެޓީގެ މެމްބަރު މުހައްމަދު ތޮލާލް ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހުން މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ. ޕްރައިމަރީގައި ވާދަކުރުމުގެ ފޯމު ދޫކޮށް، ބަލައިގަންނަނީ ޕާޓީގެ މައި އޮފީހުން ކަމަށް ތޮލާލް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވައި، ކެމްޕޭން ކުރައްވަމުން ގެންދަވަނީ އެ ޕާޓީގެ އިންތިގާލީ ނަިއބު ރައީސްކަން ކުރެއްވި އުމަރު ނަސީރާއި ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން އެވެ. އެ ދެ ބޭފުޅުންގެ އިތުރުން، ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ވިސްނަވަމުން ގެންދަވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާ ކެންޑިޑޭޓަކީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރަކަށް ވާން ޖެހެ އެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނުތަކުން އިންތިހާބުތަކަށް ކުރިމަތިލުމަށް ކަނޑައަޅާފައި ހުންނަ ޝަރުތު ފުރިހަމަވާ މީހަކަށް ވެސް ވާން ޖެހެ އެވެ. އެ ޕާޓީގެ މެމްބަރުންގެ ކަންކަން ބަލަހައްޓާ ކޮމެޓީ އާއި އިންތިހާބު ކޮމެޓީ އަދި އިސްތިއުނާފް ނުވަތަ ސުލޫކީ ކޮމެޓީގައި ހިމެނޭ މެމްބަރުންނާއި އިދާރީ އެއްވެސް މަގާމެއްގައި ހުރި މީހަކަށް ރިޔާސީ ޕްރައިމަރީ އަށް ކުރިމައްޗެއް ނުލެވޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.
މީގެ އިތުރުން ކުރިން ގައުމީ އިންތިހާބެއްގައި ވާދަކޮށްފައިވާ މީހަކު ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ނަމަ، އެ އިންތިހާބުގެ ތަފްސީލް މައުލޫމާތާއި އެ އިންތިހާބުގައި ހޯދާފައިވާ ނަތީޖާ ހުށަހަޅަން ޖެހެ އެވެ.
ތޮލާލް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ވޯޓު ކަރުދާސްކޮޅު ހުރިހާ ރަށަކަށް ފޮނުވައި، ވޯޓު ލާ މަރުކަޒަކުން ނަތީޖާ އިއުލާންކުރަން ވިސްނާފައިވާ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
ސިޔާސީ ގިނަ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާފައިވާއިރު ޕީޕީއެމުން ކެންޑިޑޭޓަކު ކަނޑައެޅުން ލަސްވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޔުމްނާ މައުމޫން ވިދާޅުވީ ރިޔާސީ ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށް އަސާސީ ގަވާއިދުގައި ބުނެފައި ވަނީ ރިޔާސީ ިއންތިހާބުގެ ތިން މަސް ނުވަތަ ހަ މަސް ދުވަސް ކުރިން ކަމަށެވެ. އެހެންކަމުން ރިޔާސީ ކެންޑިޑޭޓަކު އިންތިހާބުކުރުން އަދި ލަސްނުވާ ކަމަށާއި ރިޔާސީ ޕްރައިމަރީ އަށް އަދި ޕްރައިމަރީ އަށް ފަހު ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ވަގުތު ވެސް އެ ޕާޓީގެ ޓިކެޓަށް ހޮވޭ ކެންޑިޑޭޓަކަށް ލިބޭނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ މަހު 17-19 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ