މާދަމާ އަލުން ބާއްވަން މަސައްކަތްކުރާ ރިޔާސީ އިންތިޚާބުގެ ފައިނަލް ވޯޓާސް ލިސްޓުގައި ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ސޮއިނުކުރާ މައްސަލާގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހަވީރު އެދިފައިވާކަން "ހަވީރަ"ށް އެނގިއްޖެ އެވެ. އެހެން ނަމަވެސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނާއިބު ރައީސް އަހުމަދު ފަޔާޒް ހަސަން ފޯނު ނުނަންގަވާތީ އޭގެ ތަފުސީލެއް ނޭނގެ އެވެ. ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ސުޕްރީމް ކޯޓަށް އެ ކޮމިޝަނުން ސިޓީއެއް ފޮނުވަން އުޅުނުކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އިންތިޚާބުގެ ލޮޖިސްޓިކް ކަންތައްތަކުގައި އުޅުއްވަން ޖެހުމުން އެ ސިޓީގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ލަފައަކަށް އީސީން އެދުނުއިރު ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިނުކޮށް އިންތިޚާބު
ނުބޭއްވުމުގެ އަމުރެއް ނެރެދިނުމަށް އެދި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން
ސުޕްރީމް ކޯޓަށް ވަނީ މިރޭ ހުށަހަަޅައިފަ އެވެ. މިދިޔަ މަހު ބޭއްވި އިންތިޚާބު ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމްގެ ގައިޑްލައިންގެ ފަސް ވަނަ ނަމްބަރުގައި
ވަނީ އެންމެ ފަހުގެ ވޯޓާސް ލިސްޓުގައި އިލެކްޝަންސް ކޮމިޝަނާއި
ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް އިނގިލީގެ ނިޝާން
ޖަހަން ޖެހޭނެ ކަމަށެވެ. އެކަން އެހެން ކުރަނީ އެ ނޫން އެހެން ލިސްޓެއް
އެއްވެސް ދާއިރާއެއްގައި ބޭނުން ނުކުރެވޭނެކަން ކަށަވަރު ކުރުމަށް ކަމަށް
ވެސް ހުކުމްގައިވެ އެވެ.ޖޭޕީންނާއި ޕީޕީއެމުން ބުނަމުން ދަނީ ލިސްޓުގެ ސައްހަކަން ކަށަވަރު ނުވަނީސް އޭގައި
ސޮއިނުކުރެވޭނެ ކަމަށެވެ. އަދި ފައިނަލް ވޯޓާސް ލިސްޓުގެ ސޮފްޓް ކޮޕީ
ޕީޕީއެމާއި ޖޭޕީ އަށް އިލެކްޝަންސް އިން ފޮނުވުމުން އެ ދެ ޕާޓީން ދަނީ އެ އެއްޗެހި ދިރާސާކުރަމުންނެވެ.ޕީޕީއެމާއި ޖޭޕީން ލިސްޓްގައި ސޮއިނުކުރިޔަސް
އެމްޑީޕީން ދަނީ މިއަދު ހެނދުނުއްސުރެ އޭގައި ސޮއިކުރަމުންނެވެ. އެކަމަކު
ލިސްޓްތައް ޕްރިންޓްވާ ވަރަކުން ސޮއިކުރަމުން ދާތީ އަދިވެސް އެކަން ނުނިމެ
އެވެ.
ކެންޑިޑޭޓުން ސޮއިނުކުރާ މައްސަލާގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އީސީން ވަނީ އެދިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ