އަދާލަތު ޕާޓީން ގާނޫނާ ހިލާފްވިކަމަށް ބުނެ އެ ޕާޓީ ޖޫރިމަނާ ކުރަން އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރަން އެޕާޓީން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އެކޯޓުން ބޭރުކޮށްލައިފިއެވެ.
އަދާލަތު ޕާޓީ ޖޫރިމަނާ ކުރުމަށް ނިންމީ އެ ޕާޓީ އިސްވެ އޮވެ 2015 ވަނަ އަހަރުގައި ބޭއްވި ބޮޑު މުޒާހަރާގައި ޕާޓީ ތަކުގެ ގާނޫނާ ހިލާފްވިކަމަށް ބުނެއެވެ. އެމައްސަލައާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަނީ 69،000ރ. އިން އަދާލަތު ޕާޓީ ޖޫރިމަނާ ކޮށްފައެވެ.
އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލް ކުރުމަށް ހުށައެޅި މައްސަލަ ކޯޓުން މިދިޔަ ހޯމަ ދުވަހު ބޭރުކޮށްލީ އަދާލަތު ޕާޓީން ކޯޓަށް ހާޒިރު ނުވުމުންނެވެ. މައްސަލަ އާއި ހަވާލުވުމަށްފަހު އަދާލަތު ޕާޓީން އެއްވެސް މީހަކު ކޯޓަށް ހާޒިރު ނުވުމުން މައްސަލައިގެ ދައުވާ ފޯމް ބާތިލްކުރީކަމަށް ކޯޓުގެ ނިންމުމުގައި ބުނެފައި ވެއެވެ.
މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެނަމަ އެ މައްސަލަ ބޭރު ކޮށްލުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އެހެންނަމަވެސް އެގޮތަށް ބޭރުކޮށްލޭ މައްސަލަތައް އަލުން ކޯޓަށް ހުށައެޅުމުގެ ފުރުސަތު އޮވެއެވެ.
އިދިކޮޅު ފަރާތްތަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ " މޭ ޑޭ" ގެ ސަބަބުން އެމްޑީޕީ ވެސް ވަނީ 53،000ރ އިން ޖޫރިމަނާކޮށްފައެވެ. އެޕާޓީވެސް ޖޫރިމަނާ ކޮށްފައިވަނީ ޕާޓީތަކުގެ ގާނޫނާއި އެއްވެ އުޅުމުގެ ގާނޫނާ ޚިލާފްވި ކަމަށްބުނެއެވެ.
އެދުވަހުގެ މުޒާހަރާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ގިނަބަޔަކު ވަނީ ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެގޮތުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލަށްލާން ހުކުމްކުރީ އެ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކެވި ކަމަށްބުނެ އެ މައްސަލަ ސާބިތުވުމުންނެވެ.
އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ