ރާއްޖެ އަމާން ތަނަކަށް ހެދޭނީ އަޅުގަނޑަށް: އުމަރު

ރާއްޖޭގައި ބޮޑެތި ކުށް ކުރުން ވަރަށް ބޮޑަށް އިތުރުވެ ގައުމުގެ އިޖުތިމާއި ފޭރާން ވީދި އަމާންކަން ގެއްލިފައިވީ ނަމަވެސް އެކަންކަން ހައްލު ކުރުމަށް ސިޔާސީ އެއްވެސް ވެރިއަކު އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށާއި ރާއްޖެ އަށް އަމާންތަނަށް ހެދުމުގެ ގާބިލިއްޔަތާއި ފެންވަރު ހުރި ސިޔާސީ މީހަކީ އުމަރު ނަސީރު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީނާ ވާދަ ކުރައްވާ އުމަރުގެ ކެމްޕޭނުގެ ތެރެއިން ރޭ ސ. ހިތަދޫގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ އޭނާއަކީ އިހުލާސްތެރި ތެދުވެރި އަދި އަމާނާތްތެރި ބޭފުޅެއް ކަމަށެވެ.
އަދި އޭނާއަކީ ގައުމަށްޓަކައި ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ރައްޔިތުން ވެސް ގަބޫލުކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އެގޮތުން ޖީއެމްއާރް މައްސަލަ އާއި ރާއްޖޭގެ ސިޔާސީ މަސްރަހާއި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުން ފަދަ ކަންކަމުގެ ތެރޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވީ އުމަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުންނާ އޭނާ ތަފާތުވާ މައިގަނޑު ސަބަބުތަކަކީ ވެސް އެއީ ކަމަށް އުމަރު ވިދާޅުވި އެވެ.
ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ ރާއްޖޭގައި މީހުން މެރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި އަންހެން ކުދިން ރޭޕް ކުރުމާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އިންތިހާ އަށް ބޮޑުވެ، ގައުމުގެ އަމާންކަން މިހާރު ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ސިޔާސީ ލީޑަރަކު ނިކުމެ ވަޑައިގެން ޕޯޑިއަމްތަކުގައި އެ މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ނޫން އެއްވެސް ސިޔާސީ ލީޑަރަކު އެފަދަ ވާހަކަތަކެއް ނުދައްކަވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި 20 މީހަކު އަނިޔާވެރިކޮށް މަރާލައިފި ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި ރާއްޖޭން ފެންނަ މަންޒަރަކީ ބޭން ޖަހާފައި ގޮސް އެ މީހަކު ވަޅުލާފައި، ނޫސް ބަޔާން ނެރުން ކަމަށެވެ.
އެހެން ނަމަވެސް އަމަލީ ގޮތުން އެފަދަ ޖަރީމާތައް ހުއްޓުވައި، ރާއްޖެ އަމާންތަނަކަށް ހެދުމަށް މަސައްކަތްތަކެއް ނުކުރެވޭ ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އަމާންތަނަކަށް ހެދުމަށް ކުރަން ޖެހޭ އެންމެ ބޮޑު އެއް ކަމަކީ އިސްލާމީ ޝަރީއަތް ރާއްޖޭގައި ތަންފީޒު ކުރުން ކަމަށެވެ. އަދި އެކަން އޭނާ ކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި، ޕީޕީއެމްގެ މެންބަރުން އޭނާ އަށް ވޯޓް ދީ އޭނާ ހޮއްވައިފި ނަމަ އޭގެ މާނައަކީ ފުރިހަމަ މާނައިގައި ރާއްޖެއަކީ އަމާންތަނަށް ހެދޭނެ މީހަކީ އޭނާ ކަމަށް އެ ޕާޓީން ގަބޫލުކުރުން ކަމަށެވެ.
އަދި އެކަން އެގޮތަށް ވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އޮތް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރަށް ތާއީދުކުރައްވާ ޕީޕީއެމްގެ އެހެން ބައެއް ބޭފުޅުން ވެސް ވާހަކަ ދެއްކެވި ޖަލްސާގައި އުމަރު ވިދާޅުވީ ޕްރައިމަރީގައި އޭނާއާ ވާދަކުރައްވާ ޔާމީން އޭނާ އަށް ވަރަށް ބޮޑަށް ރައްދު ދެއްވައި ވާހަކަ ދައްކަވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ކަމެއް އޭނާ ކުރައްވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ