ބޮން ހަދަނީ އެއްފަހަރާ ގިނަ ބައަކު މެރުމަށް ކަމަށާއި 3 ބޮން ހެދިކަމަށް އިއުތިރާފްވެފައިވާ މީހަކު އެބަހުރި ކަމަށާއި އެމީހާ އާއިމެދު އެޅި ފިޔަވަޅެއް އަދި މިހައި ތަނަށްވެސް އެނގެން ނެތް ކަމަށާއި ނަމަވެސް ފުލުހެއްގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި މިހާރު މިވަނީ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟްގެ މައްޗަށް ދައުވާ އުފުލިފައިކަމަށްވުމުން ސުވާލު އުފެދޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު މައުމޫން ޙަމީދު ވިދާޅުވެއްޖެއެވެ.
މައުމޫން ޙަމީދު ވިދާޅުވީ ބޮން ހެދުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި ބޮން ހެދީ ވަޒީރަކު ބުނެގެން ކަމަށް ބުނުމަކީ ކުށުން ބަރީއަވެވޭނެ އަދި އޭނާގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލެވޭނެ އަދި މިނިވަންކަމާއެކު އުޅެން ދޫކޮށްލެވޭނެ ސަބަބެއް ނޫން ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ ތަޙްޤީޤްކޮށް ފިޔަވަޅު އަޅަންޖެހޭނީ އެމީހަކު ކުރި ކުށުގެ ނުރައްކާތެރިކަމަށް ބަލައިގެން ކަމަށާއި އެކަން މުއައްސަސާތަކުން ކުރަންޖެހޭނީ ވަރަށް ޒިންމާދާރުކަމާއިއެކުގައި ކަމަށެވެ. މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޓެރަރިސްޓުން ފަދަ މުޖުތަމައުއަށް ނުރައްކާތެރި އަަމަލުތައް ކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުމަށް އިސްކަންދީގެން ކަމަށެވެ.
މައުމޫން ވިދާޅުވީ މިއަދު މިފެންނަނީ ވައްކަންކުރާ މީހުންނާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނަށްވުރެ ފުލުހެއްގެ އަމުރަށް ނުކިޔަމަންތެރިވިކަމަށް ތުހުމަތުކުރެވޭ މީހެއްގެ ނުރައްކާތެރިކަން ބޮޑުވެ އެމީހަކަށް އަވަހަށް އަދަބުދީ ހައްޔަރުކުރަން ފިޔަވަޅު އެޅެމުންދާތަން ކަމަށާއި މިއީ ޤާނޫނު ތަންފީޒުކޮށް މުޖުތަމައުގެ އަމާންކަން ކަށަވަރުކުރަން ހުރި މުއައްސަސާތަކުން އިތުރަށް ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ޤާނޫނު ތަންފިޒުކުރުމުގައި ހަމަހަމަކަމަށާއި ތަރުތީބުން މައްސަލަތައް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ސަމާލުކަން ދޭންޖެހޭނެ ކަމެއް ކަމަށާއި ނަމަވެސް މިއަދު ދައުވާތައް ކުރެވެމުންދަނީ އެއްވެސް ތަރުތީބެއް ނެތި ކަމަށެވެ. އަދި ޤާނޫނީ ގޮތުން ތަފާތުކުރުންތައް ހުއްޓާލައި ހަމަހަމަ އުޞޫލަކުން އަމަލުކުރަންޖެހޭނެ ކަމަށެވެ.
ގިނަ ބައަކު މަރަން 3 ބޮން ހެދި މީހާއަށް އެޅި ފިޔަވަޅެއް ނޭނގެ- ޢަބްދުﷲ ރިޔާޟްގެ މައްޗަށް ދައުވާ؟: މައުމޫން ޙަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ