ގާސިމް އިބްރާޙީމް ކޯޓަށް ހާޒިރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބާއްވާ އަޑުއެހުމަށް އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
މިއަދު ހެނދުނު 11:00 ޖަހާއިރު ބާއްވާ ޝަރީއަތުގެ މަޖިލިސްގައި އޮންނާނީ ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ގާސިމްގެ ފަރާތުން ޖަވާބުދާރީވުމެވެ.
ގާސިމްގެ މައްސަލަ ބަލަން ކޯޓުން ފެށީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަަށް އެންމެ ފަހުން އައްޔަންކުރެއްވި އާދަމް އަރީފް ފަނޑިޔާރުކަމުގައި އިންނަވައިގެންނެވެ. ނަމަވެސް މިހާރު މިމައްސަލަ ބަލަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެގޮތުން ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވަނީ ގާޒީ އާދަމް އަރީފްގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އާއި ގާޒީ އަހްމަދު ޝަކީލް އެވެ. ރިޔާސަތުގައި އިންނަވަނީ ގާޒީ ބާރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ