މެމްބަރު އިލްހާމަށް ބަޔަކު ހަމަލަދީފި

ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިލްހާމް އަހުމަދަށް ބަޔަކު މީހުން މިއަދު ހަމަލަދީފި އެވެ. އޭނާ އަށް މީގެ އިރުކޮޅެއް ކުރިން ހަމަލަދިނީ ފަލާހް ޕްރީ ސްކޫލް ކައިރިން ތިން އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ސައިކަލްގައި ވަޑައިގަންނަވަނިކޮށެވެ. އޭރު އިލްހާމާ އެކު އޭނާގެ ދެ ކޮއްކޮއަކު ސައިކަލްގައި ފަހަތުން ދިޔަ އެވެ. އިލްހާމަށް ހަމަލަދިން މީހުން ވަނީ، އެ ދެ ކޮއްކޮ އަށް ވެސް ހަމަލަދީފައި ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. "އިލްހާމް ދުއްވާފައި ދަނިކޮށް ކުއްލި ގޮތަކަށް ބަޔަކު އޭނާގެ ސައިކަލްގެ ކުރިމައްޗަށް އަރައި ހުއްޓުވީ. ދެން އިލްހާމަށް ހަމަލަދިނީ. އަދި އިލްހާމް ސަލާމަތް ކުރަން ދިޔަ އޭނާގެ ދެ ކޮއްކޮ އަށް ވެސް ހަމަލަދީ، އެކެއްގެ އައިނު ވެސް ތަޅައިލި،" މަންޒަރު ދުށް މީހާ ބުންޏެވެ. އިލްހާމް ވިދާޅުވީ އޭނާ އަށް ހަމަލަދިން މީހުން ވަނީ ދަރިފުޅުގެ ގައިގައި ވެސް އަތްލައިފައި ކަމަށެވެ. އެހެންވެ އެކަން ޖެންޑަ މިނިސްޓްރީން ބަލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެެ. މި ހަމަނުޖެހުމުގައި އެއްވެސް މީހަކު ބޭރުފުށުން ޒަހަމްނުވާ ކަމަށް އިލްހާމް ވިދާޅުވި އެވެ. "އެކަމަކު ކޮއްޕައި ގަޅުވައި ޖަހައި ހެދި. ކޮއްކޮއޭ ކިޔައި ދަރިފުޅުގެ އަތުގައި ހިފައި ހެދި. މި ފެންވަރަށް ދިޔައީމަ މިއީ ބޮޑުވަރު. އަޅުގަނޑަކީ ސިޔާސީ މީހެއް ވީމާ، ފޮށޭ ބަޔަކު އުޅޭނެ. އެކަމަކު ދަރިފުޅުގެ ގައިގައި އަތްލައި ހެދުމަކީ ބޮޑު މައްސަލައެއް،" އިލްހާމް ވިދާޅުވި އެވެ. "މިހާރު ދަރިފުޅު ހުރީ ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައި. ދަރިފުޅު އެހެރީ ބިރުން މިހާރު. ބޮޑު ސިންގާ ތިން ފިރިހެނަކު ގޮސް ސައިކަލް ކުރިމައްޗަށް އަރައި، ހުއްޓުވައި ތަޅައިގަންނަން އުޅޭ މަންޒަރު ފެނުމުން އެ ކުއްޖާ ކިހާ ބިރެއް ގަންނާނެ."އިލްހާމަށް ހަމަލަދިން މީހުން ދުރުކުރީ އެ ސަރަހައްދުގައި ތިބި އެހެން ބައެއް ކަމަށް އިލްހާމް ވިދާޅުވި އެވެ. އިލްހާމަށް ހަމަލަދިން މައްސަލަ ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ