މި ސަރުކާރަށް ހަތަރު އަހަރުވެފައިވާއިރު މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށާއި އެއީ މަސްވެރިކަމުގެ ސިނާއަތަށް ދިވެހިން ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ނުވުންކަމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ އޮފީހުން ބުނެފިއެވެ.
ރައީސް މައުމޫނުގެ އޮފީހުން މިހެންބުނީ އިއްޔެ ފާހަގަކުރި މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. މި ބަޔާނުގައިވަނީ މަސްވެރިންނަށްވެފައިވާ ވައުދުތައް ވީއެންމެ އަވަހަކަށް ފުއްދުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
މަސްވެރިން ބާނާ މަހަށް އެކަށީގެންވާ ރަނގަޅު އާމްދަނީ ނުލިބޭކަމަށާއި އެމަސް ކިރޭނެ އިންތިޒާމެއް ސަރުކާރުން މަސްވެރިންނަށް ހަމަޖައްސާދެއްވާފައި ނުވުމަކީ މިއަދު މަސްވެރިން ކުރާ އެންމެ ބޮޑު ޝަކުވާކަމަށްވެސް ރައީސް މައުމޫނުގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
މަސްވެރިކަމުގެ ސިނާއަތަށް މިއަދު ޒުވާނުންގެ ބައިވެރިވުން އިންތިހާއަށް ބޭނުންވެފައިވާކަން ފާހަގަކޮށް ރައީސް މައުމޫނުގެ އޮފީހުން ބުނެފައިވަނީ މިއަދުގެ ސަރުކާރުން މަސްވެރިންނާއި ދޭތެރޭގައި އިހުމާލުވަފައިވާ މިންވަރު މިއަދުގެ މަސްވެރިން ގެންދަނީ ތަޙައްމަލު ކުރަމުންކަމަށެވެ.
ނޫސް ބަޔާނުގައި ބުނެފައިވަނީ މިހާރުގެ ސަރުކާރުން މަސްވެރިންނަށް ބޮޑެތި ވައުދުތަކެއް ވެފައިވާކަމަށެވެ. އޭގޮތުން ރަޖިސްޓްރީ ވެފައިވާ މަސްވެރިންނަށް، އިންޝުއަރަންސް ސްކީމެއް ތަޢާރަފް ކޮށް މަސްނުބާނާ ދުވަސްވަރު ފައިސާ ލިބޭނޭ ގޮތެއް ހަމަޖައްސައިދުނުމާއި މަސްވެރި ސަރަޙައްދުތަކުގައި މަސްވެރިކަމުގެ ސިނާއަތައް ޚާއްސަ މެރީނާތަކެއް ހަދައިދިނުން ހިމެނޭ ކަމުގައެވެ.
މީގެ އިތުރުން ޒުވާން އޮޑިވެރީންނަށް ވުމަށް ބޭނުންވާ ލުއި ލޯނު ބޭންކުތަކުން ލިބޭނޭމަގު ފަހިކޮށްދިނުމާއި، ފާނައާއި ހުއިފިލަނޑާ، އިއްސާއި ކަކުނި، އެކުއޭރިއަމް މަސް ފަދަ ކަނޑުފަޅުގެ ބާވަތްތައް އުފައްދައި، އޭގެ ވިޔަފާރި ފުޅާކުރުންފަދަ ކަންކަމަކީ މިއަދުގެ ސަރުކާރުންވެފައިވާ ވައުދުތައްކަން އެބަނާނުގައިވަނީ ބުނެފައެވެ.
މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭ: މައުމޫނު އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ