ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ޖަނާޒާ ބާއްވައިފި

ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ޖަނާޒާ ބާއްވައިފިއެވެ.
ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ޖަނާޒާ ބާއްވާފައިވަނީ ވެރިރަށް ސަންއާގެ ރަށްބޭރުގައި އޭނާ އުފަންވެވަޑައިގެންނެވި އަވަށުގައި މިއަދު ކަމަށް އާއިލާގެ މެމްބަރަކު އޭއެފްޕީއަށް ކަށަވަރު ކޮށްދީފައި ވެއެވެ.
އޭނާ ބުނެފައިވަނީ ޖަނާޒާގައި ބައިވެރިވެފައިވަނީ 20 މީހުން ކަމަށާއި، ޖަނާޒާ ކުރިއަށްދިޔައިއިރު ހޫޘީން އޮތީ އެހިސާބު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް ބަންދުކޮށްފައި ކަމަށެވެ.
އަލީ އަބްދުﷲ ސާލިހްގެ ޖަނާޒާ ބާއްވާފައިވާކަން ނަން ހާމަކޮށްފައި ނުވާ ހުޘީންގެ އިސް އޮފިޝަލަކުވެސް ކަށަވަރު ކޮށްދީފައި ވެއެވެ.
ހޫޘީން ހައްޔަރު ކޮށްފައިހުރި އަލީ އަބްދުﷲ ސާލިހްގެ ފިރިހެން ދަރިކަލުން މަދީންއާއި، ސާލިހްގެ ދެބޭންގެ ދެދަރި ބޭފުޅަކުވެސް ޖަލުން ދޫކޮށްލުމުން ޖަނާޒާގައި ބައިވެރިވުމަށް ދިޔަކަމަށް ޚަބަރުތައް ބުނެއެވެ.
މީގެއިތުރުން، އަލީ އަބްދުﷲ ސާލިހްގެ ޖެނެރަލް ޕީޕަލްސް ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައި ގަންނަވާ ޔަމަނު ޕާލަމެންޓްގެ ރައީސް ޔަހްޔާ އަލީ އައްރާއީއާއި، ހޫޘީންގެ ކޮމާންޑަރ އަލީ އަބޫ އަލް ހަކީމްވެސް ޖަނާޒާގައި ބައިވެރިވެވަޑައި ގެންނެވިކަމަށް މީޑިއާއިން ބުނެފައި ވެއެވެ.
ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް، ޔަމަނުގެ ވެރިކަމަށް އަތްގަދަ ކޮށްގެންތިބި ހޫޘީންނާއެކު މީގެ ތިންއަހަރު ކުރިން ހަދާފައިވާ އިއްތިހާދުގައި މައްސަލަޖެހި، ސާލިހްއަށް ތާއީދުކުރާ ހަނގުރާމަވެރިންނާއި، ހޫޘީންނާ ދެމެދު ސަންއާގައި ވަރުގަދަ ހަމަލާތަކެއް ފެށި، ހަމަލާތައް ހޫނުވެ ސަންއާއިން ފިއްލަވައިގެން ވަޑައިގަންނަވަން އުޅުއްވަނިކޮށް ހޫޘީން ދިން ހަމަލާއެއްގައި އަލީ އަބްދުﷲ ސާލިހް އަވަހާރަ ކޮށްލާފައިވަނީ މިޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.
އަލީ އަބްދުﷲ ސާލިހްއާއި ހޫޘީންނާ ދެމެދު ފެށުނު ނުތަނަވަސްކަން ހޫނުވެގެންދިޔައީ، ސައުދީ އަރަބިއްޔާއާ އެއްބައިވުމަށް ސާލިހް މަސައްކަތް ފެށްޓެވުމުންނެވެ.
ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްއާއި އޭނާއަށް ވަފާތެރި ފައުޖުގެ އިސް ކޮމާންޑަރުން އަވަހާރަ ކޮށްލުމަށްފަހު ސާލިހްގެ ފައުޖު ފައްސާލައި ހޫޘީންވަނީ ވެރިރަށް ސަންއާގެ ކޮންޓްރޯލް އިތުރަށް ވަރުގަދަ ކޮށްފައެވެ.
ސާލިހް އަވަހާރަ ކޮށްލި ދުވަހުން ފެށިގެން ސައުދީ އަރަބިއްޔާއާއި ގުޅިފައިވާ އަރަބި ކޯލިޝަނުން ޔަމަނުގެ ވެރިރަށަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަގެންދެއެވެ. ނަމަވެސް ސައުދީން ދެމުންގެންދާ ހަމަލާތަކުން އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ