ތިން މަސް ނުވާ ތަންތަނުން ވެސް އާސަންދަ ފޯރުކޮށްދެވޭނެ

ސިއްހީ ޚިދުމަތް ދޭ ތަންތަން ރަޖިސްޓްރީ ކުރާތާ ތިން މަސް ނުވަނީސް އާސަންދައިގެ ޚިދުމަތް އެ ތަނުން ދިނުމަށް އެދި އާސަންދަ ކުންފުންޏަށް ހުށަނޭޅޭ ގޮތައް އޮތް އޮތުން ބަދަލުކޮށް ސިއްހީ ޚިދުމަތް ދޭ ތަންތަން ރަޖިސްޓްރީ ކުރުމާއި އެކު އާސަންދަގެ ޚިދުމަތައް އެދި ހުށަހެޅޭ ގޮތައް ހަމަޖައްސައިފިއެވެ.
އާސަންދަ ހިންގުމުގެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދެވޭނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި ރަޖިސްޓްރީ ކޮށްގެން ހިންގާތާ ތިން މަސް ވެފައިވާ ތަންތަނަށެވެ. މިހާތަނަށް އެއުސޫލުން އިސްތިސްނާ ވާނީ ބޭސްފިހާރަތައް އެކަންޏެވެ.
ޤަވައިދަށް އަލަށް ގެނައި ބަދަލާއި ގުޅިގެން ސިއްހީ ޚިދުމަތް ދޭ ތަންތަނާއި އޮޕްޓިކަލް ސެންޓަރުތަކާއި ޑައިގްނޯސް ސެންޓަރުތައް ރަޖިސްޓްރީ ކޮށްގެން ހިންގާތާ ތިން މަސް ނުވިޔަސް، އެ ތަނުން އާސަންދައިގެ ޚިދުމަތް ދިނުމަށް އެދި އާސަންދަ ކުންފުންޏަށް ހުށަހެޅޭނެ އެވެ.
ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ ޚިދުމަތް އެ ތަނަކުން ފޯރުކޮށް ދިނުމަށް އެދި ހުށަހަޅާ ތަނެއްގައި ހުންނަން ޖެހޭނެ ޝަރުތުތައް ޤަވައިދުގައި ބަޔާންކޮށްފައި ވެއެވެ. އެޝަރުތުތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ