ކާބޯތަކެއްޗާއި ކަރަންޓުގެ އަގު ހެޔޮ ކުރަނީ

ކާބޯތަކެއްޗަށާއި ކަރަންޓްގެ ސަބްސިޑީގެ ބަޖެޓް ބޮޑުކުރަން ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން ކާބޯތަކެއްޗާއި ކަރަންޓުގެ އަގުހެޔޮކުރުމަށް ދޭ ސަބްސިޑީ 150 މިލިއަން ރުފިޔާއިން 200 މިލިއަން ރުފިޔާ އަށް އިތުރުކުރަން ވަނީ ހިންގައިމަފަ އެވެ. އަދި ކާބޯތަކެތީގެ ސަބްސިޑީއަށް 50 މިލިއަން ރުފިޔާ އިތުރުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.
ކަރަންޓް ބިލު ދެއްކުމަށް ދަތިވާ ފަރާތްތަކަށް ޑައިރެކްޓް ސަބްސިޑީގެ ގޮތުގައި 10 މިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ. ހަމައެއާއެކު، އަޅާލާނެ ފަރާތެއް ނެތް ފަރާތްތަކަށް ދައުލަތުން ދޭ އެހީއެއްގެ ގޮތުގައި 16.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި. ޕީ) ގެ ދަށުން ގިނަ މަޝްރޫއުތަކެއް ހިންގުމަށް ވަނީ ހުށަހަޅާފައެވެ.
އެގޮތުން ޕީއެސް.އައި.ޕީ ބެހިފައިވާ މައިގަނޑު ދާއިރާތަކަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ކަނޑައަޅާފައިވަނީ ލަފާފުރުމާއި ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށެވެ. މީގެ އިތުރުން ފެނާއި ނަރުދަމާ އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް ޕީ.އެސް.އައި.ޕީގެ ބޮޑު ބައެއް ހޭދަކުރުމަށް ރޭވިފައިވެއެވެ.
ޕީ.އެސް.އައި.ޕީގެ މައިގަނޑު ޕްރޮގްރާމްތަކުގެ ތެރެއިން، ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް 75 މަޝްރޫޢަށް، 2.7 ބިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ. މިއީ ޕީ.އެސް.އައި.ޕީ ބަޖެޓްގެ 38 އިންސައްތައެވެ.މިބައިން، އެންމެ ބޮޑު ހޭދައެއް ކުރެވެނީ ވައިގެ ބަނދަރު ތަރައްގީކުރުމަށާއި ރަށްރަށުގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމުގެ މަޝްރޫއުތަކަށެވެ.
މިގޮތުން، ރާއްޖޭގެ 4 ސަރަހައްދެއްގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްގީކުރުމަށާއި ބަދަރު ހެދުމުގެ 63 މަޝްރޫޢަކަށް ބަޖެޓު ކުރެވިފައިވެއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަށް ވެސް ވަނީ ބަޖެޓު ކުރެވިފައިވެއެވެ.
ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ 57 މަޝްރޫޢަށް، 1.1 ބިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ. މިއީ ޖުމުލަ ޕީ.އެސް.އައި.ޕީގެ 15.5 އިންސައްތައެވެ. މި ބައިން، އެންމެ ބޮޑު ހޭދައެއް ކުރެވެނީ ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫޢުތަކަށެވެ. މިގޮތުން، ނަރުދަމާގެ 35 މަޝްރޫޢާއި ފެނުގެ 14 މަޝްރޫޢުގެ އިތުރުން ފެނާއި ނަރުދަމާގެ 8 މަޝްރޫޢަކަށް ބަޖެޓު ކުރެވިފައިވެއެވެ.
މީގެއިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ 19 މަޝްރޫޢަށް، 805.2 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ. މިއީ ޖުމުލަ ޕީ.އެސް.އައި.ޕީގެ 11.4 އިންސައްތައެވެ.
މިގޮތުން، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތަކުގެ ތެރެއިން ކޮންޓްރެކްޓަރ ފައިނޭންސިނގގެ ދަށުން 6،000 ހައުސިންގ ޔުނިޓް އެޅުމަށް ބަޖެޓުކުރެވިފައިވެއެވެ. މީގެ ތެރޭގައި ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ހުޅުމާލޭގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ 5200 ސްޓޫޑިއޯ އެޕާޓްމަންޓްގެ އިކުއިޓީ ކޮންޕޯނަންޓަށް 462.6 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ.
 
 
 
 
 
 
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ