މޫސުން ގޯސްވާނެތީ ދެ އެލާޓެއް ނެރެފި

މޫސުން ގޯސްވާނެތީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ޔެލޯ އެލާޓާއި ވައިޓް އެލާޓް ނެރެފިއެވެ.
މީޓިއޮރޮލޮޖީން ވަނީ ކ. އަތޮޅާއި ލ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މިއަދު ހަވީރު 4:45 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ.
އެ ސަރަހައްދުގެ ރަށްތަކަށް ވަރަށް ބޯކޮށްވާރޭ ވެހޭނެ ކަމަށާއި އެ ސަރަހައްދު ރަށްތަކަށް ގަޑިއަކު 25 މޭލާއި 32 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
އޭގެ އިތުރުން މީޓިއޮރޮލޮޖީން ވަނީ ހއ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ. އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށްވާރޭ ވެހޭނެ ކަމަށާއި ގަޑިއަކު 23 މޭލާއި 29 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މީޓިއޮރޮލޮޖީން ބުނެއެވެ. ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 16:30 އާ ހަމައަށެވެ.
ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
މިއަދު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިތައް.
އުތުރުގެ ސަރަހައްދުތަކަށް މިއަދު 1945 އަދި މާދަމާ 09:26 ގައި
މެދުތެރޭގެ ސަރަހައްދުތަކަށް މިރޭ 21:08 އަދި މާދަމާ 10:27 ގައި
ދެކުނުގެ ސަރަހައްދުތަކަށް މިއަދު 10:19 އަދި މިރޭ 22:25 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ