ސްކޫލްތައް ޑިޖިޓަލައިޒް ކޮށް ޓެކްސްޓް ފޮތްތަކުގެ ބަދަލުގައި ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ޓެބްލެޓްތަކުން ވަދެވޭނީ ވަކި ވެބްސައިޓުތަކަކަށް ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، ޓެބްލެޓްތައް ބޭނުން ކުރެވޭނީ ތަޢުލީމީ ދާއިރާގެ ކަންކަމަށް އެކަނިކަމަށެވެ.
އަދި ޓެބްލެޓްތަކަށް އެޅޭނީ ދަރިވަރުންގެ އުމުރާ ގުޅޭ ތަޢުލީމީ ދައިރާގެ ވަކި އެޕްލިކޭޝަންތަކެއް ކަމަށާއި ވަދެވޭނީވެސް އެޑިއުކޭޝަނުން ކަނޑައަޅާ ވަކި ވެބްސައިޓްތަކަށް ކަމަށް ޝަފީޢު ވިދާޅުވިއެވެ.
"ދަރިވަރުންނަށް ވަދެވޭނީ އަޅުގަނޑުމެން ކަނޑައަޅާފައިވާ ޕްރޮގްރާމަކަށް، ވަކި ވެބްސައިޓްތަކަކަށް. އިންސްޓޯލް ކުރެވޭނީވެސް އަޅުގަނޑުމެން ކަނޑައަޅާފައިވާ އެޕްލިކޭޝަންތައް." ރާއްޖެމިއަދު ޕްރޮގްރާމްގައި ޝަފީޢު ވިދާޅުވިއެވެ.
ރާއްޖޭގެ ސްކޫލްތަކަށް ފޮތް ދަބަހުގެ ބަދަލުގައި ޓެބްލެޓެއް ގެންދަން ޖެހޭ ގޮތައް ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރަން ސަރުކާރުން ނިންމަވާފައިވާއިރު، ދަރިވަރުންނަށާއި ޓީޗަރުންނަށް ބޭނުންވާ 70000 އަށް ވުރެ ގިނަ ޓެބްލެޓް ގަންނަން ކުންފުންޏަކާއި ޙަވާލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެ މަޝްރޫޢު ނިންމުމުން އެއްވެސް ކުއްޖަކު ސްކޫލަށް ބަރު ފޮތް ދަބަސް ގެންދަން ނުޖެހޭނެ ކަމަށާއި ކުދިން ސްކޫލަށް ގެންދާނީ ލުއި ޓެބްލެޓެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ސްކޫލްތައް ޑިޖިޓަލް ކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ގާއިމް ކުރާ ޕޯޓަލްގެ ޒަރިއްޔާއިން ކުދިންގެ ހޯމް ވޯކް ހެދުމަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރަން ނިންމާފައި ވާއިރު މިހާރު ވެސް ރާއްޖޭގެ ބައެއް ސްކޫލްތަކުގެ ގިނަ ކްލާސް ރޫމްތައް ޑިޖިޓަލް ކޮށްފައި ހުރެއެވެ. މިހާރު ޑިޖިޓަލް ކޮށްފައިވާ ކްލާސް ރޫމްތައް ޑިޖިޓަލް ކޮށްފައި ވަނީ ހެޔޮ އެދޭ ފަރާތްތަކާއި ބެލެނިވެރިންގެ އެހީތެރިކަމާއި އެކުއެވެ.
ހުރިހާ ސްކޫލެއް ޑިޖިޓަލައިޒް ކުރަން މިއަހަރު ދައުލަތުގެ ބަޖެޓްގައި 154 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. ޓެބްލެޓް ބޭނުންކުރުމުގެ ކުރިން ސްކޫލްތަކެއްގެ ހުރިހާ ކްލާސް ރޫމަކަށް ވައިފައިގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް މިހާރު އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ފަށާފައެވެ.
މިއަހަރު ހުރިހާ ސްކޫލެއްގައި ވެސް ޓެބްލެޓް ބޭނުން ކުރަން ފަށާނެއެވެ. އެއާއިއެކު ސްކޫލްތަކަށް ފޮތް ގެންދިއުން ނިމުމަކަށް އަންނާނެއެވެ.
ސްކޫލް ކުދިންނަށް ދޭ ޓެބްލެޓުން ވަދެވޭނީ ވަކި ވެބްސައިޓުތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ