ސައިފޮދުގެ ބަދަލުގައި ރައްޔިތުންގެ މުދާ ފޭރުމާ ދެކޮޅަށް އިހްތިޖާޖް ކުރާނަން - އިދިކޮޅު އިއްތިހާދު

ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކޮންމެ ހުކުރު ދުވަހަކު އެމް.ޑީ.ޕީ ޖަގަހަ ސަރަހައްދުގައި ބާއްވަމުން އަންނަ ހަވީރުގެ ސައިފޮދުގެ ބަދަލުގައި މިއަދު އޮންނާނީ ރައްޔިތުންގެ މުދާ ފޭރުމާ ދެކޮޅަށް، އިހްތިޖާޖް ކުރުން ކަމަށް އިދިކޮޅު އިއްތިހާދުން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓިތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވިދާާޅުވީ، "އާންމުކޮށް ހުކުރު ދުވަހު އަޅުގަނޑުމެން ބޮނީ ހަވީރުގެ ސަޔެއް. މިއަދު އޮންނާނީ ސަޔެއް ނޫން. ހުރިހާ ބޭފުޅުން ވަޑައިގަންނަވާތި. މިއަދު އޮންނާނީ ސީދާ ރައްޔިތުންގެ މުދާ ފޭރުމާ ދެކޮޅަށް، އެކަމާ ދެކޮޅުހެދުމުގެ ގޮތުން އަޅުގަނޑުމެން ހިންގާ އިހްތިޖާޖެއް." ކަމަށެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ގާސިމްގެ ބައެއް ރިސޯޓުތަކަަށް ކަސްޓަމްސް އާއި ފުލުހުން ކޯޓު އަމުރެއްގެ ދަށުން އަރާ ބަލާ ފާސްކުރުމަށް ހިންގި އޮޕަރޭޝަނަށް އިދިކޮޅު އިއްތިހާދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިއެވެ.
"ހަމައެކަނި ވިލާ ގްރޫޕްގެ ފަސް ރިޒޯޓަކަށް އަމާޒުކޮށް ސަރުކާރުން އެކިއެކި މުއައްސަސާތައް މެދުވެރިކޮށް އެހިންގަމުންދާ ކަންތައްތައް، ޤާނޫނު ތަންފީޒުކުރުމުގެ ނަމުގައި ހިންގަމުންދާ އެ ޖަރީމާތައް، ރައްޔިތުންގެ މުދާ ފޭރުމުގެ އަމަލުތައް އެއީ އަޅުގަނޑުމެން ހަރުކަށިނ އިބާރާތުން ކުއްވެރިކުރާ ކަމެއް." އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވިއެވެ.
ކަސްޓަމްސް އާއި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ވިލާ ގްރޫޕްގެ ރިސޯޓްތަކަށް އަރާ ބަލާ ފާސްކުރުމަށް ހިންގި އޮޕަރޭޝަނަކީ، އޮނަރަބަލް ޤާސިމް އިބްރާހިމްގެ ސިޔާސީ ފިކުރާއި، ރައްޔިތުންގެ ހެވާ ލާބައަށްއެދި ކުރައްވަން ފެއްޓެވި މަސައްކަތްތަކަށް، ރައީސް ޔާމީން ރުހިވަޑައިނުގެން، ސީދާ އޮނަރަބަލް ޤާސިމް އިބްރާހިމްއަށް އަމާޒު ކުރައްވައިގެން ފެއްޓެވި މަސައްކަތްތަކެއް ކަމަށް ޝިފާޒް ތުހުމަތު ކުރެއްވިއެވެ.
"ރައީސް ޔާމީން ކޮންމެ ކަމެއްގައި ޤާނޫނު ތަންފީޒު ކުރަނީކަމަށް ވިދާޅުވެ އެ ހިންގާ ކަންކަމަކީ ޤާނޫނު ތަންފީޒުކުރަން ހިންގާ ކަންކަމެއްނޫން. ޤާނޫނު ތަންފީޒު ކުރުމުގެ ނަމުގައި ހިންގަނީ ޖަރީމާ، ފޭރެނީ ރައްޔިތުންގެ މުދާ." ކަސްޓްމްސް އާއި ފުލުހުން އަދި މީރާ ގުޅިގެން ހިންގި އޮޕަރޭޝަނަށް ފާޑުވިދާޅުވެ، ފަތުރުވެރިކަމާ ގުޅޭ ޖަމްއިއްޔާތަކުން ބަސް އިއްވުމަށް ގޮވާލައްވަމުން ޝިފާޒް ވިދާޅުވިއެވެ.
ރައީސް ޔާމީން ޤާނޫނު ތަންފީޒު ކުރުމުގެ ނަމުގައި ހިންގަނީ ޖަރީމާ ކަމަށާއި، ފޭރެނީ ރައްޔިތުންގެ މުދާ ކަމަށްވެސް ޝިފާޒް ވިދާޅުވިއިރު، ޖަރުމަނުވިލާތުގައި ހުންނެވި ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ހަތަރު ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ