ހުރިހާ ރައްޔިތުން ގުޅިގެން ދާއިމީގޮތެއްގައި އަނިޔާތައް ހުއްޓުވަންޖެހޭކަމަށާއި ވިލާ ކުންފުންޏަށް ދެމުން ގެންދާ އަނިޔާތައް އަދިވެސް ހުއްޓާނުލާ ކުރިއަށް ގެންދާނެކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
"އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން" މިނަމުގައި ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް އެއްވެސް ހައްގަކާއި ނުލައި ދެމުން ގެންދާ އަނިޔާތައް ހުއްޓުވަން ރައްޔިތުން ނިކުންނަންޖެހޭ ކަމަށެވެ.
ގާސިމް އިބްރާހިމްގެ އެހީތެރިކަން ނުފޯރާ އާއިލާއެއް، ރަށެއް، އަދި އަތޮޅެއް މިރާއްޖޭގައި ނެތްކަމަށާއި ބ. އަތޮޅަކީ އެކަމުގެ ތަފާތު މިސާލްތައް ފެންނަންހުރި އަތޮޅެއްކަމަށް އަމީން ވިދާޅުވިއެވެ. ބ. އަތޮޅުގެ ހަަތަރު ރަށެއްގެ ބަދަރު ހަދައިދެއްވާ، އެތަށް މަދަނީ ޖަމިއްޔާތަކަކަށް އެހީތެރިވެދެއްވާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރީ ސުކޫލްތަކަށް މެދުކެނޑުމެއްނެތި ގާސިމްގެ އެހީތެރިކަން ލިބެމުންދާކަން އަމީން ވަނީ ފާހަގަކުރައްވާފައެވެ.
"ގާސިމްއަށް ކުރަމުންދާ އަނިޔާއަކީ ކޮންމެ އާއިލާއަކަށް ދެވޭ އަނިޔާއެއް. ކޮންމެ ވިޔަފާރިއަކަށް ދެވޭ އަނިޔާއެއް. މުޅި އިގްތިސާދަށް ދެވޭ އަނިޔާއެއް." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މިހާތަނަށްވެސް ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރާނެ ކަމަށް އަންގާ ސަރުކާރުން ކުރަމުން ގެންދާ ކަންކަން މިއަދުވެސް ހުއްޓާލާފައިނުވާ ކަމަށާއި ރައްޔިތުން މި އަނިޔާވެރިކަން ދާއިމީގޮތެއްގައި ނިންމަން ނިކުންނަންވެއްޖެ ކަމަށެވެ.
"އަޅުގަނޑުގެ ނަޒަރުގައި އަދި ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒް ނުކުރިނަމަވެސް މި މަޑުކޮށްލަނީ މެއި 1 ވަނަ ދުވަހުގެ ފަހަށް. އެއަށްފަހް ވިލާ އެކައުންޓްތައްވެސް މިސަރުކާރުން ފްރީޒްކުރާނެ. އެހެންވީމަ ހުރިހާ ރައްޔިތުން އެބަޖެހޭ މިކަމާއި ދެކޮޅަށް ނިކުންނަން." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އަނިޔާވެރިކަން ނައްތާލަން ފަށާފައިވާ ހަރަކާތް ނުހުއްޓުވޭނެކަމަށާއި ރައީސް ނަޝީދާއި، ކާނަލް ނާޒިމްއަށް ދީފައިވާ އަނިޔާތަކަކީ ރައްޔިތުންނަށް ސަރުކާރުން ދިން ވަރުގަދަ އިންޒާރެއްކަމަށެވެ. މި އިންޒާރަށް ފަހަތަށް ނުޖެހޭނެކަމަށާއި އަނިޔާވެރިކަމާއި ދެކޮޅަށް ފެށުނު ހަރަކާތަކީ ވަރަށް ކަރާމާތްތެރި ބަދަހި ގުޅުމެއްކަމަށް އަމީން ވިދާޅުވިއެވެ.
ތުޅާދޫގެ ރައްޔިތުންނާއި މުހާތަބްކުރައްވާ އަމީން ވިދާޅުވީ ތުޅާދޫގެ ރައްޔިތުންނަކީ އިސްލާހީ މަސައްކަތުގައި ނަމޫނާ ރައްޔިތެއްކަމަށާއި މިފަހަރުވެސް އެ ނަމޫނާއާއިއެކު ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ އަގެއް ބޭރު ދުނިޔޭގައި ނެތްކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ ރައްޔިތުން މެއި މަހުގެ އެއްވަނަ ދުވަހުގެ އެއްވުމުގައި ބައިވެރިވާނީ އެ ރައްޔިތުންގެ ހައްގުތައް ހޯދުމަށްކަމަށެވެ.
ހުރިހާ ރައްޔިތުން ގުޅިގެން ދާއިމީގޮތެއްގައި އަނިޔާތައް ހުއްޓުވަންޖެހޭ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ